ވާހަކަ

އިންތިހާއަށް ލޯބިވީމާ – އެޕިސޯޑް 54

ރިޝްފާގެ ދެލޯ ވަގުތުން ބޮޑު ވެގެން ދިޔައެވެ. ލާން އުޅުން ނޭވާ ކަރުގައި ތާށިވީ މާއިޒް އޭނާގެ ކަނާއަތުން ރިޝްފާގެ ކަރުގައި ބާރަށް ހިފުމާއި އެކުގައެވެ.

- އެޕިސޯޑް 54 –

ރިޝްފާގެ ކަރު ތެރެއިން އާހްގެ އަޑެއް ނުކުތުމާއެކުގައި އޭނާ ގޮސް ޖެހުނީ ސިޓިންގރޫމަށް އަޅާފައިވާ ހެދުންތަކުގެ މައްޗަށެވެ. ރިޝްފާ ރޯން ފަށަމުން ބަލައިލީ މާއިޒްގެ ރުޅިވެރި މޫނަށެވެ. މާއިޒްގެ ގާތަށް އެވަގުތު ސަވާރުވެފައި ވަނީ އާދަޔާ ޚިލާފު ރުޅިވެރި ކަމެކެވެ. އޭނާގެ މުޅި ހަށިގަނޑު ރޫރޫ އަޅަނީއެވެ. މާއިޒްގެ އަތުން ފައިން ހެދޭނެ އެންމެ ބޮޑު ގޯސް މިއަދު ހެދޭނެ ކަމާ މެދުގައި އޭނާގެ ޟަމީރު ޝައްކެއް ނުކުރެއެވެ.

"ކަލޭ..." މާއިޒް ދަތްކުނޑި ވިކައިލަމުން، އޭނާގެ ދެއަތް މުށްކަވާލިއެވެ. ހީވީ ހަމަ ދެންމެ ދެންމެ ރިޝްފާގެ މޫނަށް އެތިފަހަރެއް އަމާޒް ވާން އުޅުންހެންނެވެ. މާއިޒް ކުއްލިއަކަށް ރިޝްފާގެ ކުރިމަތީގައި ގުދުވެލުމަށްފަހު ރިޝްފާ ލައިގެން ހުރި ހެދުމުގެ ކަރުވަޅުގައި ހިފައި، ދަމާ އޭނާ ކޮޅަށް ނެގިއެވެ. އޭރު ވެސް ރިޝްފާ ގެންދިޔައީ ރޯމަހެއްހެން ތެޅި ފޮޅެމުންނެވެ. މާއިޒް ރިޝްފާއަށް ކޮންމެ ފަދަ ގޮތެއްވެސް ހަދާފާނެކަން ރިޝްފާ ޤަބޫލު ކުރެއެވެ. މާޒީގެ ތެރެއިން އެކަން ވަނީ މާއިޒް ސާބިތު ކޮށްދީފައެވެ.

"ކަލޭ ތި ވިސްނީ އަހަންނަށް ރިވެންޖް ނަގަން ދޯ؟ ނުލަފާ.. އަހަރެން ކަލޭ ދިރިހުއްޓާ އޭރު ދޫކޮށްލީ އަހަރެންގެ ލޮލަށް ފެންނަ ހިސާބަށް ވެސް ކަލޭ ނާންނާނެ ކަމަށް ވަޢުދު ވުމުން.. ހަނދާން ވޭތަ؟ އެކަމު މިއަދު.. ކަލޭ އަހަރެންގެ އަންހެނުންނާ އެކު؟ ކީއްކުރަން؟ ހައްހައްހާ.. އަހަންނަށް ބަދަލު ހިފާނަމޭ ހިތާތަ؟" މާއިޒް ހީނލީ ބިރުވެރި ގޮތަކަށެވެ. އެ ހުނުމުގައި ވަނީ ނުރައްކަލުގެ އިންޒާރެކެވެ.

ރިޝްފާ ބަހެއް ނުކިޔާ ހަމަ ރޮނީއެވެ. އޭނާއަށް އިޙްސާސް ވަމުން ދިޔައީ އޭނާ ގުނަމުން މިދަނީ އޭނާގެ ޙަޔާތުގެ އެންމެ ފަހު ވަގުތުތައް ކަމުގައެވެ. ރިޝްފާގެ ހިތަށް ބިރުވެރިކަން އިންތިހާއަށް ވަދެއްޖެއެވެ. ދޫ ބަންދުވެ، މީހާ ބަސް ހުއްޓިއްޖެއެވެ. އަތެއް ފައެއް ގުނޑުވާލަން ނުކުރިފައި ރިޝްފާ ހުރީ ބިރުން ގަޔަށް ދެކަމު ދެވޭ ވަރުވެފައެވެ.

"ރިޝްފާ.." އަޑުގެ ނެތްކޮޅަށް މާއިޒް ހަޅޭލަވައިގަތެވެ. ރިޝްފާގެ ހިމޭންކަން ދެކެ މާއިޒް ކުރީ ނަފުރަތެވެ. ރިޝްފާ ސިހިފައި ދެލޯ މަރާލިއެވެ. އެވަރުން ވެސް އިސް އުފުލާ މާއިޒަށް ބަލައިލަން ރިޝްފާ ފަސްޖެހުނެވެ.

"އަހަންނާ ދިމާލަށް ބަލާ!" އަޑު ހަރުކޮށް އަމުރުކޮށްލުމަށްފަހު، މާއިޒް އޭނާގެ އަތުން ނިކަން ބާރަށް ރިޝްފާގެ ދަތްދޮޅީގައި ހިފާލިއެވެ. ރިޝްފާއަށް ވީ ތަދުން އޭނާގެ އަރު ތެރެއިން ވޭނީ އަޑެއް ނުކުތެވެ. މާއިޒް ރިޝްފާއާ ދުރުވެލުމަށްފަހު، މާއިޒް ގޮސް ނެގީ ބަދިގޭގައި އޮތް ވަޅިއެވެ. އަދި ބިރުވެރި ޒާތަކަށް ދެކޮޅަށް އެއްލެމުން ކަހަލަ ގޮތަކަށް މާއިޒް އައިސް ހުއްޓުނީ ރިޝްފާގެ ކުރިމަތީގައެވެ. ރިޝްފާ ހުރީ ކޮޅަށް ފާރަށް ތަތްވެގެންނެވެ.

މާއިޒް ވަޅި ނެގުމާއެކުގައި ރިޝްފާގެ ހިތަށް ވަރަށް ބޮޑަށް ތަދުވެއްޖެއެވެ. ވޭނީ ކަރުނަތައް ރިޝްފާގެ ކޯތާފަތްމައްޗަށް ފައިބައިގަތީ ދިލަ ތަދެއް ހިތަށާއި މެޔަށް ދެމުންނެވެ. މާއިޒްގެ އަތުގައި އޮތް ވަޅި ފެނުމުން ރިޝްފާގެ ސިކުނޑި އޭނާ ގެންދިޔައީ މީގެ 5 ވަރަކަށް އަހަރު ކުރީގެ ހަނދާންތަކެއްގެ ތެރެއަށެވެ.

***

އެއީ މީގެ 5 އަހަރު ކުރިއެވެ. ރިޝްފާއަށް ލޯތްބަކީ ކޮބައިކަން ނޭނގޭ ޒަމާނެވެ. ލޯބީގެ ފޮނި މީރުކަން އެއީ އޭރު ރިޝްފާއަށް ބީރައްޓެހި އެއްޗެެކެވެ. އެތައް ފިރިހެނުންގެ ހުށައެޅުން ތަކަށް ރިޝްފާ "ނޯ" ބުނަމުން ދިޔައީ އެ ސަބަބާ ހުރެއެވެ. ނަމަވެސް ރިޝްފާގެ ވިސްނުމާ ފިކުރުތަކާ ކުޅެލީ ހަމަ އެންމެ ދުވަހަކު، އެންމެ ފަހަރަކު ފެނުން ފިރިހެނެއްގެ ސަބަބުންނެވެ. ރިޝްފާގެ ހިތަށް ނޭނގި ހުއްޓާ ލޯބީގެ މޫސުން އައިސް، ލޯބީގެ ވާރޭގެ ތިކިތަކުން އޭނާއަށް ލޯބި ދަސްވާން ނެނގީ ކުޑަ ހިނދުކޮޅެކެވެ. މަގުމަތިން އެންމެ ފަަހަރަކު ފެނުން ފިރިހެނާ މަތިން ހަނދާންވެ، ރޭގަނޑުގެ ނިދި އެ ސޫރައަށް ޓަކައި ޤުރުބާން ކުރެވެން ފެށުނެވެ. އެންމެ ފަހުން ދިރިއުޅުމުގެ ހުރިހާ އާދަތަކެއް އެފުށް މިފުށަށް ޖެހި، މުޅި ދިރިއުޅުމުގެ އަމާޒް އެ މީހަކަށް ދެވެން ފެށުނެވެ. ކޮންމެ ދުވަހަކު އެމީހަކު ފެނޭތޯ އެކަނި ގޮސް މަގުމަތީގައި ހުންނަ ހިސާބަށް ދިޔައެވެ. އެފަދައިން އާދައިގެ ދުވަހެކެވެ. ރިޝްފާ އެކަނި މަގުމަތީގައި ހުއްޓާ އެމީހާ އަންނަ ތަން ފެނުމާއެކު ރިޝްފާ ލަދު ކަނޑާލާފައި ހިނގައިގަތީ އެމީހާއާ ދިމާލަށެވެ.

"ކަމެއް ކޮށްދީބާ!" ރިޝްފާ ގޮސް ހުއްޓުނީ އެމީހެއްގެ ކުރިމަތީގައެވެ. ކޮން ކަމެއް ތޯ އެމީހަކު އަހާލުމުން ރިޝްފާ އެދުނީ އެމީހާގެ ފޯނު ދިނުމަށެވެ. މަންމައަށް ކޯލެއް ކޮށްލުމަށްޓަކައެވެ. އެމީހާ ފޯނު ދިނެވެ. ރިޝްފާ ގުޅައިލީ އޭނާގެ އަމިއްލަ ނަންބަރަށެވެ. މަޤުޞަދަކީ އެ ފިރިހެނާގެ ނަންބަރު ހޯދުމެވެ.

"ތޭންކްސް.." ރިޝްފާ ކުރިއަށް ހިނގައިގަތީ އުފަލުން ފޮޅިގެން ހުރެގެންނެވެ. މިއީ އެ ލޯބި ފެށިގެން ދިޔަ ގޮތެވެ. ރިޝްފާ އިސްވެ އެމީހާއަށް ގުޅިއެވެ. ފޫހި ވެގެން މަންމަ ފޯނުގަ ނަންބަރު ހޯދައިގެން ގުޅާލީ ކަމުގައި ބުންޏެވެ. ފުރަތަމަ ރޭ ވެސް ވަރަށް ވާހަކަދެއްކިއެވެ. ރިޝްފާއަށް ލިބުން އެންމެ ބޮޑު އުފަލަކީ އެމީހާ ފޫހި ކަމެއް ނެތި ރިޝްފާގެ ވާހަކަތައް އަޑުއަހާ އެމީހާ ވެސް ގިނަ ވާހަކަތަކެއް ކިޔާދިނުމުންނެވެ. އެ މީހަކީ މާއިޒްއެވެ.

މާއިޒް ރިޝްފާއާ މެދުގައި ދެކުނީ އޭނާ އެހެން އަންހެންނާ މެދުގައި ވެސް ދެކޭ ބީދައިންނެވެ. އަމިއްލައަށް އައިސް މާއިޒްގެ ބުޅީގައި ޖެހުމަކީ މާއިޒްއަށް ލިބުން ބޯނަސް އަރާމެއް ކަމުގައި އޭނާ ދެކުނެވެ. މާއިޒްގެ ވިސްނުން ހުރީ ރިޝްފާ ރޫމަކަށް ގެންދާށެވެ. އަރާމާ އުފާ ލިބިގެންނާށެވެ. މާއިޒްގެ އޭރުގެ އަންހެނުން ޝިފާ ނޫން މީހެއް ދެކެ މާއިޒް ލޯބި ނުވިޔަސް، އަންހެނުންގެ ފަރާތުން ލިބޭ މަސްތަކީ މާއިޒް އަބަދުވެސް ލޯބި ކުރާ އެކަމަށް އެދެވޭ ކަމެކެވެ. ނަމަވެސް މިކަން ނޭނގިފައި އޮތީ ލޯބީގެ ކަންކަމުގައި އަލަށް އުޅުން ރިޝްފާއަށެވެ. ރިޝްފާ މާއިޒްގެ ފަރާތުން އެދުނީ ލޯތްބެވެ. އެވެސް ފިިިރިއެއްގެ ލޯތްބެވެ. އެ އުއްމީދުގައި ރިޝްފާ އުޅުނެވެ. ފަހުން ފަހުން އައިސް މާއިޒް އިސްވެ ރިޝްފާއަށް ގުޅާ ހަދައެވެ. ރިޝްފާ ހީކޮށްގެން ހުރީ މާއިޒް ވެސް ރިޝްފާ ދެކެ ލޯބިވަނީ ކަމަށެވެ. އަދި ދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ. ކޮންމެ ދުވަހަކު ކައިފިތޯ ބަލާ، ގުޑް މޯރނިން، ގުޑް ނައިޓް މެސެޖް ދެ ފަރާތުން ވެސް ބަދަލުކޮށް ހަދައެވެ.

މާއިޒްގެ އެދުމަށް "ޑޭޓް ނައިޓަކަށް" ދިޔަ ރެއެކެވެ. އެއީ ރިޝްފާގެ މުޅި ޙަޔާތް ބަދަލުކޮށްލި ރެޔެކެވެ. ހަނދާނުން ފިލުވާލަން ދަތިވި ރެޔެކެވެ. މާއިޒްގެ ޑޭޓް ނައިޓަކަށް ވީ ރީތިކޮށް ހަދާފައިވާ އަގުބޮޑު ރޫމެއްގެ އެނދުމައްށެވެ. ރޫމަށް ވަތް އިރަށް މާއިޒް ރިޝްފާއާ ގާތްވާން ފެށިއެވެ. ރިޝްފާ ޖެހިލުންވާ ގޮތްވިއެވެ. ނަމަވެސް ނޫނެކޭ ބުނަން ނުކެރުނީއެވެ. އެކަމަށް ރިޝްފާއަށް ކޮންމެވެސް ވަރަކަށް އެދެވޭ ގޮތް ވަމުން ދިޔައީ މަޑުމަޑުންނެވެ. ދެމީހުންގެ ލައިގެން ހުރި ފޭރާން ގަޔާ ވަކިވެ، ރިޝްފާއަށް ތަދު ވޭނީ އިޙްސާސް ތަކެއް ވަމުން ދިޔައެވެ. ނަމަވެސް ކެތްކުރީ ލޯބި ކަމުގައި ބަލައިގެންނެވެ. ރިޝްފާގެ އަތުން ގެއްލިގެން މިދަނީ ކިހާ އަގު ބޮޑު އެއްޗެއްކަން ވިސްނާލަން ވެސް އޭނާއަށް ވަގުތެއް ނުވިއެވެ. ބޭނުން ވެސް ނުވީއެވެ. ގެއްލިގެން ދިޔައީ ރިޝްފާގެ އިއްފަތްތެރިކަމެވެ. ޒިނޭގެ ދާނުން ހަރާމް ބޮޑު ފާފައަކުންނެވެ.

އެރެއަށްފަހު ވެސް، މާއިޒް ބަރާބަރަށް ރިޝްފާއަށް ޚަބަރު ވަމުން ދިޔައެވެ. ރިޝްފާއަށް ޚަރަދުކޮށްދީ، ކޮންމެ ދުވަހަކު އެތައް ފައިސާއެއް ދީ ހަދައެވެ. ނަމަވެސް ފަހުން ފަހުން އައިސް ރިޝްފާގެ މޫޑް ބަދަލުވާގޮތް ވިއެވެ. ކުރިން ނުވާ ގޮތްތަކެއް ވާން ފެށިއެވެ. މޭނުބައި ކުރުވާ، ހޮޑު ލެވެން ފެށުނެވެ. އެއްވެސް ވަރަކަށް މާބަނޑު ވެދާނެ ކަމުގެ ވިސްނުން ނެތުމާއެކުގައި ރިޝްފާ ދެއްކީ އާންމު ޑޮކްޓަރަކަށެވެ. ޓެސްޓް ތަކެއް ހެދުނެވެ. ނަތީޖާއިން ރިޝްފާގެ މުޅި ޙަޔާތަށް ނިމުން އައި ފަދައެވެ. ރިޝްފާ ބަލިވެ އިން ޚަބަރާ އެކުގައި އޭނާ އެންމެ ފުރަތަމަ ވެސް ގުޅީ މާއިޒަށެވެ. މާއިޒްއާ ދިމާކޮށްގެން ހުރިހާ ވާހަކައެއް ރިޝްފާ ކިޔާދިނެވެ. ނަމަވެސް މާއިޒްގެ ޖަވާބުން ރިޝްފާގެ ހުރިހާ އުފާތަކެއް ވަޅުލެވިގެން ދިޔަ ފަދައެވެ. ކައިވެނި ކުރެވެން ނެތް ވާހަކަ އާއި ދަރި ވައްޓާލަން އެދުނެވެ. އެކަމަށް ހުރިހާ ޚަރަދެއް ކުރާނެ ކަމަށް މާއިޒް ބުންޏެވެ. ރިޝްފާ ވަރަށް ވިސްނިއެވެ. އިތުރު އެއްވެސް ގޮތެއް ނެތުމުން ރިޝްފާ އެކަމަށް އެއްބަސް ވިއެވެ.

ދަރި ވައްޓާލަން އިންޑިއާއަށް ދިޔަ ފުރަތަމަ ދުވަހުގައި ރިޝްފާއަށް ޚަބަރު ލިބުނީ މާއިޒް އުޅެނީ ކައިވެނި ކޮށްގެން ކަމަށެވެ. ވަގުތުން ރިޝްފާގެ ހިތުގައި ރޯވެގެން ދިޔައީ ރުޅިވެރި ކަމެވެ. އެއީ ރިޝްފާގެ ހިތް މާއިޒަށް ދެވުނީ އެއީ މީހެއްގެ ފިރިއެއްކަން ނޭނގިއެވެ. މާއިޒް އެއީ މީހެއްގެ ފިރިއެއް ނަމަ، މިއަދު މިފަދަ ލަޑެއް ރިޝްފާއަށް ދީގެން ނުވާނެ ކަމުގައި ރިޝްފާ ޤަބޫލު ކުރެއެވެ. ރިޝްފާ ނިންމީ ދުނިޔެއަށް ދަރިފުޅު އުފަން ކުރާށެވެ. ރިޝްފާގެ ޢާއިލީ މީހަކަށް ދުނިޔޭގައި ހުރި ހަމައެކަނި ބޮޑުދައިތަ ގާތުގައި ހުރިހާ ވާހަކައެއް ކިޔާ ދިނުމަށްފަހުގައެވެ. ރިޝްފާ މާލެ އަނބުރާ ނައިސް، އިންޑިއާގައި ފިލައިގެން އުޅެން ނިންމި ކަމަށާއި، ދަރިފުޅު އުފަންކޮށް މާއިޒްއާ ދެކޮޅަށް ދަޢުވާ ކުރާނެ ކަމުގެ އިންޒާރު ރިޝްފާ މާއިޒަށް ދިނެވެ. އެޔަށްފަހު ފޯނު ވެސް އެއްލާލިއެވެ. މާއިޒް ރިޝްފާއަށް ދީފައިވާ ފައިސާއިން ރިޝްފާއަށް ހަމަޖެހިގެން އިންޑިއާގައި އުޅެވޭނެތީ ފައިސާއާ މެދުގައި ރިޝްފާގެ ހާސްކަމެއް ނެތެވެ.

މާއިޒަށް އެ މެސެޖުތައް ފެނުމާއި އެކުގައި ތެޅެގަނެވުނެވެ. ރިޝްފާއަށް ގުޅޭނެ ނުވަތަ "ރީޗް" ވެވޭނެ ގޮތެއް ނެތުމަކީ މާއިޒް އެންމެ ހާސްވި ކަންތަކެވެ. މާއިޒް ނިންމީ ފައިސާ ދީފައި ރިޝްފާ ހޯދަން އޭނާގެ "ގޭންގް ބޯއީސް" ފޮނުވާށެވެ. އެގޮތުން 5 މީހުން އިންޑިއާއަށް ފޮނުވިއެވެ. ރިޝްފާ އުޅޭނެހެން ހީވާ ހިސާބުތައް ބެލުމަށެވެ.

އެއްވެސް މީހެއްގެ އުނދަގުލެއް ނުވަތަ ބިރުވެރިކަމެއް ނެތި ރިޝްފާ އޭނާގެ ދަރިފުޅު އުފަން ކުރިއެވެ. ލިބުނީ ލޯބި ލޯބި ފިރިހެން ކުއްޖެކެވެ. ނަމަކީ ރާއިންއެވެ. ރާއިންއަށް އެންމެ 12 ދުވަހުގައި ރިޝްފާގެ ޙަޔާތަށް ބިންދާޅީ ނާމާން ރާޅެކެވެ. އުއްމީދު ނުކޮށް ހުއްޓާ ތޫފާން އައިސް ރިޝްފާގެ ގޭގެ ދޮރުގައި ޓަކި ދިނީއެވެ. އެއީ ރިޝްފާގެ ޙަޔާތަށް އައި ބިރުވެރި ތޫފާނެއްކަން އެނގުން ނަމަ ރިޝްފާ އެރޭ ދޮރެއް ނުހުޅުވާނެއެވެ. ދޮރު ހުޅުވާލި އިރަށް ގޭތެރެއަށް ދެމިގަތީ މާއިޒް ނޫން ދެވަނަ މީހެއް ނޫނެވެ. ރިޝްފާގެ ކަރުގައި ހިފައި ބިންމައްޗަށް ވައްޓާލުމަށްފަހު ދަމަމުން ގެންދިޔައެވެ. ކުރަމުން ދިޔައީ އެންމެ ސުވާލެކެވެ. ދަރިފުޅު ކޮބާ ތޯއެވެ. އެ ސުވާލަށް ރިޝްފާ ޖަވާބު ނުދީ ހުއްޓާ މާއިޒަށް ގޮސް ހުއްޓުނީ އެ ކުޑަކުޑަ ފުރާނަ ނިދާފައި އޮތް އެނދުގެ ކުރިމަތީގައެވެ. މާއިޒް އޭނާގެ ޖީބުން ނެގީ ހެޔޮވަރުގެ ވަޅިއެކެވެ.

"ނޫން.. ނޫން.. ހެޔޮނުވާނެ.. ތިހެން ނުހަ..." ރިޝްފާއަށް ވާހަކަ ނިންމާލަން ވެސް ފުރުސަތެއް ނުލިބުނެވެ. މުޅިތަން ކުޑަ ސިކުންތުކޮޅަކަށް ގުގުމާލީ "ކުއާ ކުއާ"ގެ ޅަ އަޑަކުންނެވެ. ރިޝްފާ ދެލޯ ބޮޑުކޮށްގެން ހުރެ ބަލައިލީ މާއިޒަށެވެ. އެވަގުތު މާއިޒްގެ މުޅި މޫނުގައި ހުރީ ލެޔެވެ. (ނުނިމޭ)

ކޮމެންޓް

1
450
ސަމާ
9 months ago

ކުޑަ ކުއްޖާ މަރާލާ ސީން ގެނެސްފަ އިނީ ވަރަށް އަނިޔާވެރިކޮށް. ވަރަށް ދެރަ ވެއްޖެ ކިޔާފަ. ޕްލީޒް ނެކްސްޓް އެޕިސޯޑް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.