"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގެ އެއްވެސް ވެރިޔަކު މިފަދަ ކާމިޔާބު ފުރަމާނަ ދަތުރުފުޅެއް މިހާތަނަށް ކުރައްވާފައި ނުވެއެވެ" ގާސިމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅަކީ މިހާތަނަށް ރާއްޖޭގެ ވެރިއަކު ކުރެއްވި އެންމެ ކާމިޔާބު ދަތުރުފުޅު ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް މުއިއްޒުގެ ޗައިނާ ދަތުރުފުޅަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.
ރައީސް މުއިއްޒު، ޗައިނާއަށް ވަޑައިގެންނެވީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ ދައުވަތަކަށެވެ. މިއީ މި އަހަރު ރައީސް ޝީ، ބޭރު ގައުމެއްގެ ވެރިއަކަށް ދެއްވި ފުރަތަމަ ދައުވަތެވެ. އަދި މިއީ އެއް ދަތުރުފުޅެއް ގައި ރާއްޖެއަށް އެންމެ ބޮޑު ހިލޭ އެހީއެއް ލިބުނު ދަތުރުފުޅު ވެސް މެ އެވެ. އެންމެ ގިނަ އެއްބަސްވުންތަައް ގާއިމު ކުރެވުނު ދަތުރުފުޅުގެ އިތުރުން އެހާމެ މުހިންމު / ބޮޑެތި މަޝްރޫއުތަކަކަށް ޗައިނާ އިން މިފަދަ އިން އެހީތެރިވެދިން އެއް ދަތުރުފުޅެވެ.
އެކްސް ގައި ގާސިމް ކުރެއްވި ދިގު ޕޯސްޓެއް ގައި މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ދެކެވުނު ރަސްމީ ވާހަކަތަކުގެ ތެރެއިން ރާއްޖެ އިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ބޮޑެތި ލުއި ތަކެއް ހަމަޖެހިގެން ދާނެކަމުގެ އުފާވެރި ގަބަރު ދިވެހީންނަށް ދެއްވީތީ ނުހަނު އުފާކުރާ ކަމަށް ވިދާޅުވި އެވެ.
އަދި ރާއްޖެ އަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް މިއީ މިނިވަން މުސްތަގިއްލު ގައުމެއް ކަމާއި ޗައިނާއިން ރާއްޖޭގެ ސަރަަހައްދީ ނަޒާހަތްތެރި ކަމަށާއި މިނިވަން ކަމަށް ފުރިހަމަ އަށް އިޙްތިރާމު ކުރާނެ ކަން ހާމަކޮށްފައިވާތީ އެކަން ގާސިމް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރުގެ ބޮޑު ގްރާންޓެއް މި ދަތުރުފުޅުގައި ލިބިގެން ގޮސްފައިވާއިރު އެތަކެއް ދާއިރާއިން އެތަކެއް ބިލިއަން ޑޮލަރުގެ ތަރައްގީގެ އެއެއްބަސްވުންތަކުގައި ސޮއިކުރެވިގެން ދިއުމަކީ މިދަތުރުފުޅުގެ ސަބަބުން ރާއްޖެ އަށް ލިބިގެން ދިޔަ ނުހަނު ބޮޑު ކުރިއެރުމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގެ އެއްވެސް ވެރިޔަކު މިފަދަ ކާމިޔާބު ފުރަމާނަ ދަތުރުފުޅެއް މިހާތަނަށް ކުރައްވާފައި ނުވެއެވެ. މިކާމިޔާބު ދަތުރުފުޅުގެ ސަބަބުން ދިވެހި ގައުމަށް މަނިކުފާނު ހޯއްދަވައިދެއްވި އެހީތެރިކަމާއި ގައުމަށް ލިބިގެން ދިޔަ ކުރިއެރުންތަކަށްޓަކައި އަޅުގަނޑާއި އަޅުގަނޑުގެ ޕާޓީގެ ފަރާތުން މަނިކުފާނަށް ނުހަނު އުފަލާއެކު ޝުކުރާ ތަހްނިޔާ އާއި މުބާރަކްބާދު ދެންނެވުމަށްޓަކައި މި ޓުވީޓް އަރިސް ކުރީމެވެ،"
މިދަތުރު ފުޅުގައި ޗައިނާއިން ރާއްޖޭގެ ރައީސް އަށް ކިޔުއްވާފައިވާ މަރުހަބާ އަކީ މިހާތަނަށް ދިވެހި ވެރިޔަކަށް ޗައިނާގައި އަރިސްކޮށްފައިވާ އެންމެ ހޫނު މަރުހަބާ ކަމުގައި ވެސް ގާސިމްގެ ޕޯސްޓް ގައި ފާހަގަކޮށްފައިވެއެވެ.