ވާހަކަ

އިންތިހާއަށް ލޯބިވީމާ – އެޕިސޯޑް 53

އެމީހުން މިގެއަށް ވެސް އައި.. ދޮރުގަ ޓަކި ވެސް ދިން.. އަހަރެން މަރާލާނެ ކަމަށް އިންޒާރު ދީ.. ހެޔޮނުވާނެ އަހަރެން ސަލަމާތްކޮށްދީ.." ސަމާ ގިސްލާ ރޮމުން ގެންދިޔައެވެ.

- އެޕިސޯޑް 53 –

އެތައް ސުވާލުތަކެއް ހިތުގައި ބިންވަޅު ނެގިފައިވާ ޙާލުގައި މާއިޒް ބަލަން އިނީ ސީދާ ސަމާގެ މޫނަށެވެ. ސަމާގެ ލޮލުން ފައިބަމުންދާ ކަރުނަ އާއި އޭނާގެ މޫނުމަތިން ފެންނަމުންދާ ހާސްކަމަކީ ޙަޤީޤީ އަސަރު ތަކެކެވެ. ނަމަވެސް ސަމާ ދެއްކި އެއްވެސް ވާހަކައެއް މާއިޒް ޤަބޫލެއް ނުކުރެއެވެ. ސަމާއަށް ބަލާފައި އޭނާ ހާސްވެ، ބިރުގަތްފައި ވީނަމަވެސް، އެއީ ދައްކާ ދަޅައަކަށް ވެދާނެ ކަމުގައި މާއިޒް ހުރީ ވިސްނައިގެންނެވެ. ރިޝްފާއާ ސަމާއާ އޮންނަ ގުޅުން ސަމާ ސިއްރު ކުރާނީ ވަރަށް ގިނަ ނުބައި މީގައި އެކުލެވޭތީކަން މާއިޒަށް މިހާރު ޔަޤީން ވެއެވެ. މިދަނޑިވަޅުގައި މާއިޒް ކުރަން ހިތަށް އަންނަ ކަންކަމުގައި އަމަލީ ގޮތުން އުޅެން އަވަސް ކުރަން ޖެހޭނެ ކަމުގައި މާއިޒް ޤަބޫލު ކުރިއެވެ.

ސަމާގެ ބޮލުގައި ފިރުމާލަމުން މާއިޒް ދިނީ ހިތްވަރެވެ. ސަމާއަށް އެއްވެސް ކަމެއް، އެއްވެސް މީހަކަށް ނުކުރެވޭނެ ކަމަށް މާއިޒް ބުންޏެވެ. ސަމާ ދައްކާ ވާހަކަ މާއިޒް ޤަބޫލު ކުރާ ކަމަށާއި ސަމާއަށް ފުރިހަމައަށް އިތުބާރު ކުރާކަމުގައި ބުނެލިއެވެ. މިވީ ގޮތުން މާއިޒް ވެސް ހުންނާނީ ހުރިހާ ކަމަކަށް ވިސްނައިގެން ކަމަށާއި، އެ މީހުންނާ ދިމާކޮށްގެން މިކަން ހައްލު ކުރާނެ ކަމުގެ ޔަޤީންކަން މާއިޒް ދިނެވެ. ނަމަވެސް މާއިޒް ދެއްކި އެއްވެސް ވާހަކައެއް އޭނާ ސީރިއަސްކޮށް ނުނަގައެވެ. ނަގާކަށް އޭނާ ބޭނުމެއް ވެސް ނުވެއެވެ. އޭގެ ބަދަލުގައި މާއިޒް ބޭނުން ވަނީ އޭނާގެ އަމިއްލަ ޕްލޭނާ އެއްގޮތަށް ކަންތައް ކުރާށެވެ. އަވަސް އަރުވާނުލާ، ހަމަޖެހިގެން މާއިޒްގެ ޙަޔާތަށް ވެރިވެފައިވާ ނުރައްކަލުން އޭނާ ސަލާމަތްވާން އިންތިހާއަށް ބޭނުންވެއެވެ. މާއިޒްގެ އެންމެ ފުރަތަމަ ޓާގެޓަކީ ރިޝްފާއެވެ.

ނާޝިދު މަޑުކޮށްލައިގެން ހުރީ ފަޔާޒްގެ ދާދި ގާތުގައެވެ. ފަޔާޒްގެ މޫނަށް ބަލަހަައްޓައިގެން ހުރެ ވަރަށް ގިނަ ވާހަކަތަކެއް ނާޝިދު ފަޔާޒަށް ހިއްޞާ ކޮށްފިއެވެ. ފަޔާޒްގެ ކުށެއް ނެތްކަން ޖަލު އޮފިސަރުންނަށް ވެސް ނާޝިދު ވަނީ ކިޔާދީ ސާބިތު ކޮށްދީފައެވެ. ފަޔާޒް މިނިވަން ވާނެ ކަމުގެ ޔަޤީންކަން ޖަލުގެ ވެރިން ދިނެވެ. އެއީ ނާޝިދާއި ފަޔާޒްގެ ތުންފަތުން އުފާވެރިކަމުގެ ހިނިތުންވުމެއް ފައުޅު ވެގެން ދިޔަ ޚަބަރެކެވެ. ފަޔާޒް މިނިވަންވެ، ފަޔާޒަށް މިހެން ކަންތައް ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނުވާނެ ކަމަށް ޖަލުގެ ވެރިން ބުންޏެވެ.

އުފަލުން ހުރި ފަޔާޒަށް ދެން ލިބިގެން ދިޔަ އުފާވެރި ކަމަކީ ނިއުޝާ ވިހެއި ޚަބަރެވެ. ނިއުޝާއަށް އަންހެން ކުއްޖެއް ލިބުން ވާހަކަ ނާޝިދު ބުނުމާއެކުގައި ފަޔާޒަށް ފެށުނީ ނަށާށެވެ. ފަޔާޒަށް އުފަލުން ރޮވުނީއެވެ. މުޅި ތަނުގައި މީހާ ފުއްމަމުން ގޮސް އެންމެ ފަހުން ނާޝިދުގެ ގައިގައި އޮޅުލައިގަތީއެވެ. ނިކަން ބާރަށް ނާޝިދުގެ ގައިގައި އޮޅުލާގަނެގެން ހުރެ ފަޔާޒް ގޮވަމުން ދިޔައީ "އަހަރެން ބައްޕަ އަކަށް ވީ.. އަލްޙަމްދުލިއްލާޙި.. އަހަރެންމީ ބައްޕައެއް.." މިފަދައިންނެވެ. ނާޝިދުގެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި ހިއްދަތި ކަމެކެވެ. ފަޔާޒަށް ލިބިފައިވާ އުފާވެރިކަން ގެއްލިގެން ދާން މާ ގިނަ ވަގުތު ތަކެއް ނެތްކަން ނާޝިދަށް އިޙްސާސް ވުމުންނެވެ. ނަމަވެސް ނިއުޝާގެ ވާހަކަ އަދި ދައްކަން ނާޝިދު ބޭނުމެއް ނުވެއެވެ. ފަޔާޒަށް އެކަމުގެ ޙަޤީޤަތް އަންގާނީ ފަހުން ކަމުގައި ނާޝިދު ނިންމިއެވެ.

***

ދުވަސްތައް ވޭތުވަމުން ގޮސް ހަފުތާއެއް ފާއިތުވެއްޖެއެވެ. ނިއުޝާ ދިރިއުޅެމުން ދިޔައީ ހައިކަލްއާ އެކުގައެވެ. ނިއުޝާގެ ކަންތައްތައް ކޮށްދީ، ނިއުޝާއަށް އެހީތެރިވެދޭން ހައިކަލް ގިނަ ވަގުތު ނިއުޝާއާ އެކުގައި ހޭދަކުރެއެވެ. ހައިކަލް ޗުއްޓީ ނަގައިގެން ނިއުޝާއަށް އޭނާގެ ވަގުތުތައް ހުސްކޮށްލަން ނިންމީ، ނާޝިދުގެ އެދުމުގެ މަތީންނެވެ. މިއީ އެއްވެސް ޙާލެއްގައި ހައިކަލް ބޭނުންވާ ގޮތެއް ނޫނެވެ. ނިއުޝާއާ ދޭތެރޭގައި ހައިކަލްއަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ނިއުޝާއަށް އެނގޭ ދުވަހުން އޭނާ ވަރަށް ދެރަވާނެއެވެ. އެކަމާ ހައިކަލަށް ވަރަށް ވިސްނެއެވެ. އެ ވިސްނުން ތަކުން ދުރަށް ދާން ނިއުޝާގެ ގާތުގައި ހުންނަން ހައިކަލް ބޭނުމެއް ނުވެއެވެ. ނަމަވެސް މިއަދު އެ ނޫން ގޮތެއް އޭނާއަކަށް ނެތެވެ.

ހައިކަލްއާ ޚިލާފަށް ނިއުޝާގެ ވިސްނުން ހުރީ މުޅިން ތަފާތުކޮށެވެ. ނިއުޝާ ދެކޭ ގޮތުގައި ހައިކަލް އުޅެނީ ނިއުޝާ ދެކެ ލޯބިންނެވެ. ހައިކަލް އަކީ ނިއުޝާގެ "ބޯއީ ފްރެންޑް" ކަމުގައި ނިއުޝާ ޤަބޫލު ކުރެއެވެ. ހައިކަލްއާ ކައިވެނި ކުރަން މިހާރު އެއްވެސް ހުރަހެއް ނެތް ކަމާއި، ބޭނުން ވަނީ ވީ އެންމެ އަވަހަކަށް ހައިކަލްއާ އެކުގައި ޒަވާޖީ ޙަޔާތެއް ފަށަންކަން ނިއުޝާ ބުނުމާއި އެކު ހައިކަލަށް ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އެރުނެވެ. ދެލޯ ބޮޑުކޮށްގެން ހުރެ ނިއުޝާއަށް ބަލާލެވުނެވެ. އަދި ގަދަ ކަމުން ހިނިތުންވެލީ ހިތުގެ އަޑިން "ސޮރީ" ބުނެލަމުންނެވެ.

ޖަލުގެ ތޭރި ތަކުގެ ތެރެއިން ފަޔާޒް މިނިވަން ވެއްޖެއެވެ. މައްސަލަ އަލުން ބަލައި، ފިޔަވަޅު އަޅަން ޖެހޭނެ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީން ކަމާއެކު ފަޔާޒް ދޫކޮށްލުމުން، އޭނާ އުޅެމުން ދަނީ ނާޝިދާއި އެކުގައި ނާޝިދުގެ ގޭގައެވެ. ފަޔާޒްގެ އަމިއްލަ ގެއަށް ދިޔުން ފަޔާޒް މަޑުކޮށްލީ ނާޝިދު ބޭނުން ވެގެންނެވެ. ނާޝިދު އެދިފައި އޮތީ ނާޝިދު އެދޭ ގޮތަށް ކަންތައް ކުރުމަށެވެ. ދަރިފުޅު ބަލާލަން ދާން ކިތަންމެ ބޭނުން ވިޔަސް، ފަޔާޒް މަޑުކޮށްލީ ނާޝިދުގެ އެދުމަށް އިޚްތިރާމް ކުރުމުގެ ގޮތުންނެވެ. ޖަލުން ދޫކޮށްލި ފަހުން ދަރިފުޅު ދެކި ނުލާ ހޭދަވާ ކޮންމެ މިނެޓެއް ފަޔާޒަށް އުނދަގުލެވެ. ނަމަވެސް ނާޝިދުގެ އެދުމާ ދެކޮޅަށް އެއްވެސް ކަމެއް ކުރާކަށް ފަޔާޒް ބޭނުމެއް ނުވެއެވެ.

ވޭތުވެގެން ދިޔަ ދުވަސްތަކުގެ ތެރޭގައި މާއިޒް ވަނީ ރިޝްފާ ދިރިއުޅެމުންދާ ގޭގެ ހުރިހާ މައުލޫމާތެއް ހޯދާފައެވެ. ރިޝްފާ އާއި ސަމާގެ ބައްދަލުވުންތައް މާއިޒް ގެންދިޔައީ ބަރާބަރަށް ފާރަލަމުންނެވެ. އެދެމީހުން ދައްކާ ވާހަކަތައް ސާފު ނުވިޔަސް، މިއަދު މާއިޒް އެހުރީ ރިޝްފާ ދިރިއުޅުމެންދާ ގޭގެ ކައިރީގައި މުގޯޅި އަޅާށެވެ. ކޮންމެ ގޮތެއް ހަދާފަ ވިޔަސް މިއަދު ރިޝްފާގެ އެޕާރޓްމެންޓަށް ވަދެގަތުން އެއީ މާއިޒްގެ އުއްމީދެވެ. އެކަން ކޮށްފައި ނޫނީ މާއިޒް ނުދާން ވަރުގަދަ އަޒުމެއް ކަނޑައަޅާފައިވާ ފަދައެވެ.

ގޭގައި މާއިޒް ވެސް ނެތް ވަގުތެއް ކަމުން، ސަމާ ވަރަށް އަވަސްކޮށް އޭނާގެ އެއްޗެހި ޕެކް ކުރަން ފެށިއެވެ. ސަމާ އާއި ރިޝްފާ ނިންމައިގެން ހުރީ އެދެމީހުން ރާއްޖެ ދޫކޮށް މާއިޒްގެ ލާރިގަނޑާ އެކު ފިލާށެވެ. އެއީ ކަންތައް ވަމުންދާ ގޮތުން އެދެމީހުންނަށް އެއްވެސް ވަރަކަށް އަމާން ކަމެއް އިޙްސާސް ނުވާތީއެވެ. މާއިޒް މަޑުމަޑުން އެގެއަށް ވަދެ ލިފްޓަށް އެރިއެވެ. އަދި ރިޝްފާ އުޅޭ އެޕާރޓްމެންޓުގެ ދޮރު ކުރިމަތީގައި ހުއްޓުނެވެ.

ދޮރުގައި ޓަކި ދޭން ފެށުމާއި އެކުގައި ސިޓިންރޫމްގައި އިން ރިޝްފާ ބަލައިލީ ދޮރާ ދިމާލަށެވެ. އޭރު މުޅި ސިޓިންގރޫމްގައި އޮތީ ފޭރާމެވެ. ރިޝްފާ ވެސް ޕެކް ކުރުމުގައި އަވަދި ނެތި އުޅެނީއެވެ.

"ކާކު؟" 

ރިޝްފާ މަޑުމަޑުން އަހާލިއެވެ. އެކޮޅުން އެއްވެސް ޖަވާބެއް ނައެވެ. އަނެއްކާ ވެސް ރިޝްފާ ސުވާލު ތަކުރާރު ކޮށްލިއެވެ. ނަމަވެސް ކަންތައް ވީ ރިޝްފާ ހީކޮށްގެން ހުރި ގޮތަށެވެ. ޖަވާބެއް ނައުމުން، ދެ ޚިޔާލެއްގައި ހުރެ ރިޝްފާ ގޭގެ ދޮރު މަޑުމަޑުން ހުޅުވާލިއެވެ. ރިޝްފާގެ ދެލޯ ވަގުތުން ބޮޑު ވެގެން ދިޔައެވެ. ލާން އުޅުން ނޭވާ ކަރުގައި ތާށިވީ މާއިޒް އޭނާގެ ކަނާއަތުން ރިޝްފާގެ ކަރުގައި ބާރަށް ހިފުމާއި އެކުގައެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.