"މިއީ އިންޒާރެއް ކަމަށް ބަލައި، ހޭޓް ސްޕީޗް ފެތުރުވަމަކީ އަހަރެމެން ތަހައްމަލް ކުރާނެ ކަމެއް ނޫން. ރާއްޖޭގެ ސައިބާ ސްޕޭސްއަށް ގެއްލުން ދިނުމުގެ ބާރުވެރިކަން އަހަރެމެންގެ އެބަހުރި،" އެ ލިޔުމުގައިވެ އެވެ.

ޖުވެނައިލް ކޯޓްގެ ވެބްސައިޓް ހެކްކުރުމަށްފަހު އިންޑިއާގެ ދިދަ އާއި އެކު ދިގު އިންޒާރުގެ މެސެޖެއް ވަނީ ލިޔެފަ އެވެ. އެކަން ކޮށްފައި ވަނީ އިންޑިއާގެ "ނެޓްވޯކް9" އިން ކަމަށް ވެސް ބުނެފައިވެ އެވެ.
އެ އިންޒާރުގެ މެސެޖުގައި ލިޔެފައި ވަނީ، ޖުވެނައިލް ކޯޓް ވެބްސައިޓް ހެކްކޮށްފައި ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު މިހާރު ހިނގާ ހަމަނުޖެހުމާ ގުޅިގެންނެވެ. އެއީ އިންޑިއާގެ ލަކްޝަދީޕް ޕްރޮމޯޓް ކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޕޯސްޓްތަކާ ގުޅިގެން ދިވެހި ސަރުކާރުގެ ބައެއް އިސްވެރިން އެމަނިކުފާނަށް މަލާމާތް ކުރެއްވުމާ ގުޅިގެންނެވެ.
އެކަން ފާހަގަކުރުމަށްފަހު އެ ލިޔުމުގައި ވަނީ އިންޑިއާ އިން ރާއްޖެއަށް ވެފައިވާ އެހީތައް ހަނދާން ނައްތާލައިލުމުން އެކަމާ ހިތްހަމަ ނުޖެހޭ ކަމަށެވެ.
"މިއީ އިންޒާރެއް ކަމަށް ބަލައި، ހޭޓް ސްޕީޗް ފެތުރުވަމަކީ އަހަރެމެން ތަހައްމަލް ކުރާނެ ކަމެއް ނޫން. ރާއްޖޭގެ ސައިބާ ސްޕޭސްއަށް ގެއްލުން ދިނުމުގެ ބާރުވެރިކަން އަހަރެމެންގެ އެބަހުރި،" އެ ލިޔުމުގައިވެ އެވެ.

ނިންމާލަމުން ލަކްޝަދީޕުގެ ރަށްތައް ޕްރޮމޯޓްވާނެހެން ހޭޝްޓެގަކާއެކު "އެކްސްޕްލޯ އިންޑިއަން އައިލެންޑްސް" ލިޔެ، ހިންދޫންގެ ދީނީ ޝިއާރެއް ބޭނުންކޮށްފައިވެ އެވެ.
ޖުވެނައިލް ކޯޓް ވެބްސައިޓް ހެކްކޮށްފައިވާއިރު، ބައެއް ރިސޯޓްތަކުގެ ވެބްސައިޓްތައް ވެސް ވަނީ ހެކްކޮށްފަ އެވެ.
ލަކްޝަދީޕަށް މޯދީ ކުރެއްވި ޒިޔާރަތުގެ ވީޑިއޯ އަދި ފޮޓޯތައް އާންމު ކުރެއްވުމާއެކު، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ މޯދީއަށް މަލާމަތް ކުރައްވާ އެކްސްގައި ޕޯސްޓް ކުރައްވާފަ އެވެ.