މި މަހުން ފެށިގެން ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކޮށްދިނުމުގެ ހިދުމަތުގެ އިދާރީ ފީގެ ގޮތުގައި، 5000 ރުފިޔާ ނެގުމަށް ނިންމީ މި މަހުގެ ތިންވަނަ ދުވަހު އެވެ.
ގދ. ތިނަދޫގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކުރުމުގެ ހިދުމަތަށް ބޮޑު ފީ އެއް ނެގުމަށް އެ ރަށު ކައުންސިލުން ނިންމި ނިންމުން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެެލްޖީއޭ) އިން ބާތިލުކޮށްފި އެވެ.
ތިނަދޫ ކައުންސިލުން ބުނީ މި ނިންމުން ނިންމީ ތިނަދޫ ރަށްވެހިކަން ދޫކޮށް ތިނަދޫ ރަށްވެހިން އެހެން ރަށްރަށަށް ބަދަލުވުމަކީ ތިނަދޫ ސިޓީގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރު ކުރާ ކަމެއް ކަމަށް ފާހަގަ ކުރެވޭތީ ތިނަދޫ ސިޓީގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.
މި މަހުން ފެށިގެން ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކޮށްދިނުމުގެ ހިދުމަތުގެ އިދާރީ ފީގެ ގޮތުގައި، 5000 ރުފިޔާ ނެގުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ. އެ ނިންމުން ނިންމީ މި މަހުގެ ތިންވަނަ ދުވަހު އޮތް ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 126 ވަނަ ރަސްމީ ބައްދަލުވުމުގައި ކަމަށް ވެސް ބުންޏެވެ.
އެ ނިންމުމާއި ގުޅިގެން އެލްޖީއޭގެ މިއަދުގެ ބައްދަލްވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އެ އޮތޯރިޓީން ބުނީ ތިނަދޫ ކައުންސިލްގެ ނިންމުމަކީ ގާނޫނާއި ހިލާފު ނިންމުމެއް ކަމަށް ވާތީ އެ ނިންމުން ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އެކަން އެ ކައުންސިލަށް އަންގާނެ ކަމަށެވެ.
ގދ. ތިނަދޫގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކުރުމުގެ ހިދުމަތަށް ބޮޑު ފީ އެއް ނެގުމަށް ނިންމިއިރު އެ ރަށް ސިޓީ އަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. ގާނޫނު ބުނާ ގޮތުން ސިޓީއެއްގެ ދަރަޖަ ދޭ ރަށެއް ގައި 10،000 މީހުންގެ އާބާދީއެއް ރަޖިސްޓްރީވެ އޮންނަން ޖެހެ އެވެ. ނަމަވެސް ތިނަދޫ ގައި ހަަމަވަނީ 8،000 އެވެ.
އެކަމަކު ރައީސް ސޯލިހްގެ ވެރިކަން ނިމެން ވަރަށް ކައިރިވެފައި ވަނިކޮށް ކެމްޕެއިންގެ އެންމެ ފޯރިގަދަ ދުވަސްވަރު ރައީސް ސޯލިހް ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައެވެ. ނަމަވެސް އެކަން އަދި ވެސް އޮތީ ގާނޫނީ އޮޅުން ގަނޑެއްގެ ތެރޭގައެވެ.