މީކާއީލް ވަނީ ވަޒީރުންނާއި ސުވާލު ކުރުމުގެ ފުރުސަތުގެ ދަށުން މިނިސްޓަރު ޒަމީރު މަޖިލީހަށް ހާޒިރުކޮށް ދެ ސުވާލެއްގެ ޖަވާބު އޮޅުން ފިލުވުމަށް ހުށައަޅާފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް އެކްސް ގައި ކޮމެންޓް ކުރި ސަރުކާރުގެ އޮފިޝަލުން މަޖިލީހުގެ ހާރިޖީ ކޮމެޓީއަށް ހާޒިރު ކުރުމަށާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށައަޅައިފި އެވެ.
އޭނާ ވަނީ ވަޒީރުންނާއި ސުވާލު ކުރުމުގެ ފުރުސަތުގެ ދަށުން މިނިސްޓަރު ޒަމީރު މަޖިލީހަށް ހާޒިރުކޮށް ދެ ސުވާލެއްގެ ޖަވާބު އޮޅުން ފިލުވުމަށް ހުށައަޅާފައެވެ. އެއީ މޯދީއަށް ފުރައްސާރަ ކުރި މައްސަލާ ގައި ސަރުކާރުން އެ ގައުމުގެ ކިބައިން ރަސްމީކޮށް މައާފަށް އެދިފައި ނުވަނީ ކީއްވެގެންތޯ އާއި ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ ތިން ނާއިބުން މަގާމުން ވަކި ނުކުރަނީ ކީއްވެގެންތޯ ސާފު ކުރުމަށެވެ.
މީގެ އިތުރުން މީކާއީލް ވަނީ މަޖިލީހުގެ ރަައީސް މުހައްމަދު އަސްލަމަށް ސިޓީއެއް ފޮނުވާ މިހާރު އޮތް ހާލަތަކީ އަވައްޓެރި އިންޑިއާއާ މޫނު ކެނޑެން ޖެހިދާނެ ފަދަ ހާލަތެއް ކަމުން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީއަށް މިކަމުގައި ޝާމިލުވާ ތިން ނާއިބުންނާއި ކަމާބެހޭ ބޭފުޅުން ހާޒިރުކޮށް އެ މައްސަލާގައި އެކަށީގެންވާ ފިޔަަވަޅުތައް އަޅާނެ ކަން ކަށަވަރު ކުރުމަށް ހުށައަޅާފައެވެ.
އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަ ކުރި މައްސަލާގައި ގިނަ ދިވެހީންގެ ކަންބޮޑުވުން އެބަ އޮތެވެ. ހާއްސަކޮށް ދެ ގައުމުގެ ގުޅުން އިތުރަށް ހީނަރުވެ ހަތުރުންގެ ގޮތުގައި ތިބޭން ޖެހިދާނެ ކަމުގެ ބިރު ބޮޑުވުމަކީ ކަންބޮޑުވުމެކެވެ. ނަމަވެސް މި މައްސަލާ ގައި ސަރުކާރު ކުށްވެރިކޮށް ވާދަވެރި ބައެއް ސިޔާސީ ބޭފުޅުން ވާހަކަ ދައްކަވާ މިންވަރާއި މި މައްސަލާ ގައި ދިވެހީންނާއި ދިވެހި ގައުމަށް ވުރެ އިންޑިއާ އިންޑިއާގެ ވެރީން އިސްކުރާ މިންވަރު ފާހަގަކޮށް ގިނަ ބަޔަކު ދަނީ އެފަދަ ބޭފުޅުންނަށް ފާޑު ކިޔަމުންނެވެ.
މީކާއީލްގެ މި ހުށައެޅުމާ ގުޅިގެން "އެކްސް" ގައި ވަރަށް ގިނަ ބަޔަކު އޭނާ އަށް ދަނީ ފާޑު ކިޔަމުންނެވެ. އޭނާ އަކީ އިންޑިއާ މީހެއްތޯއާ ދިވެހީންގެ ދިފާއުގައި އަދި ނަބިއްޔާގެ ދިފާއުގައި ވާހަކަ ދައްކަން ކެރިވަޑައިނުގެން މެންބަރުންނަށް މިއަދު ގައުމެއްގެ ވެރިއެއްގެ ދިފާއުގައި މިވަރަށް ވާހަކަ ދައްކަނީ ކޮން ސަބަބެއް އޮވެގެންތޯ ބައެއް މީހުން ސުވާލުކޮށްފައިވެ އެވެ.