ބައެއް ސަބަބުތައް އެއްކޮށް ކިރާލާ ވަޒަން ކޮށްލުމުން ރައީސަށް އަލްވަދާއު ވިދާޅުވާން ވީއައިއޭ ގައި ނަހުލާ ހުންނެވުމަކީ ސުވާލެއް އޮތް ކަމެއް ނޫނެވެ.
ރަައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފުރަމާނަ ދަތުރުފުޅެއް ގައި ޗައިނާއަށް ފުރާވަޑައިގަންނަވަނީ އެވެ؛ އެމަނިކުފާނު ވަޑައިގަންނަވާނެ ވަގުތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލަައުންޖުގެ ބޭރުގައި ދައުލަތުގެ ވަޒީރުންނާއި ކޯލިޝަން ޕާޓީތަކުގެ އިސް ބޭފުޅުންނާއި ސަރުކާރުގެ އެކި ފެންވަރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުންފުނިތަކުގެ ވެރީންނާއި ސަރުކާރު ގައި ބައިވެރިވާ ޕާޓީތަކުގެ މަޖިލީސް މެންބަރުން ދިގު ސަފެއްގައި ތިއްބެވި އެވެ.
ރައީސްގެ ދެކަނބަލުން ވަޑައިގެން ފަަހަރަކު ބޭފުޅަކާ ސަލާމް ކުރައްވަމުން ވަޑައިގަތެވެ. އެވަގުތު ވީއައިއޭގައި ތިބި ނޫސްވެރީންނާއި ހުދު ރައީސަށް ވެސް ކޮންމެވެސް ވަރެއްގެ ހައިރާން ކަމެއް ގެނުވީ ސަފުގެ އެންމެ ފަހަތުކޮޅުގައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހުންނެވުމުންނެވެ.
ރައީސަށް އަލްވަދާއު ވިދާޅުވާން އެއާޕޯޓަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން މީޑިއާ އާއި އެންމެންގެ ސަމާލު ކަން އެންމެ ބޮޑަށް ހުއްޓުނީ ނަހުލާ އަށެވެ.
އެއީ އެކަން ވާނެ ގޮތެވެ؛ ސަބަބުތައް ގިނަ ބައިވަރެވެ. ނަހުލާއަކީ ރައީސް ސޯލިހްގެ ވެރިކަމުގެ ފަސް އަހަރު ޓްރާންސްޕޯޓް މިނިސްޓަރެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ސޯލިހް ބަލި ކުރައްވާފަ އެވެ. ރިޔާސީ އިންތިހާބުގައި ނަހުލާ ހުންނެވީ ފިރިކަލުން ގާސިމް އިބްރާހިމްގެ ފަހަތްޕުޅުގައި އެމަނިކުފާނަށް ކެމްޕޭން ކޮށްދެއްވާށެވެ. ވަރަށް ލަދުވެތި ނަތީޖާ އަކުން ފުރަތަމަ ބުރުން ގާސިމް ބަލިވެވަޑައިގެންނެވުމާއެކު މަންޒަރުން ނަހުލާ ގެއްލުނީ އެވެ.
އެފަދަ ބޭފުޅަކު ރައީސް މުއިއްޒަށް އަލްވަދާއު ދަންނަވަން އެއާޕޯޓަށް ވަޑައިގަތުމުން އެންމެންގެ ސަމާލުކަން އެކަމަަށް ހުއްޓޭނެ އެވެ. "ނަހުލާ ކީއްވެތޯ؟" ސުވާލު ކުރާނެ އެވެ. ރެއިން ފެށިގެން މުޅި ސޯޝަލް މީޑިއާ ގައި އެންމެން ކުރަނީ އެ ސުވާލެވެ.
ރޭގެ އެވަގުތު ނަހުލާ ފިޔަވައި ވީއައިޕީ ލައުންޖްގައި ތިއްބެވީ އެ ބޭފުޅަކު އެތަނުގައި އެ ހުންނެވި ސަބަބާމެދު އެއްްވެސް ސުވާލެއް ނެތް ބޭފުޅުންނެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ކެބިނެޓް މިނިސްޓަރުންނެވެ. އޭގެ ތެރޭގައި ރައީސާއެކު ޗައިނާއަަށް ވަޑައިގަންނަވާ ބޭފުޅުންނާއި އަލްވަދާއު ވިދާޅުވާން ވަޑައިގެން ތިއްބެވި ވަޒީރުން ހިމެނެ އެވެ. ދެން ހުންނެވީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމެވެ. އެއީ ކޯލިޝަން ލީޑަރެކެވެ. އޭގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ސަރުކާރުގެ ވެރީންނާއި ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ އެންމެ އިސްވެރީންނާއި ކުންފުނިތަކުގެ ވެރީންނާއި ޕީޕީއެމް / ޕީއެންސީގެ މަޖިލީސް މެންބަރުންނެވެ.
އިހަކަށް ރޭ ޕީއެންސީއާ ގުޅި ވަޑައިގެންނެވި އެމްޑީޕީގެ އޭރުގެ މަޖިލީސް މެންބަރުން ވެސް ވަރަށް ބޮޑަށް ހިނިތުންވެފައި ތިއްބެވި އެވެ.
އެ ހުރިހާ ބޭފުޅުން ވީއައިއޭގައި ރައީސަށް އަލްވަދާއު ވިދާޅުވާން ތިއްބެވުމުން އުފެދޭނެ ސުވާލެއް ނެތެވެ. އެއީ އެކަން ހިނގާނެ ގޮތެވެ. ހިނގާ ވެސް ގޮތެވެ.
ސުވާލު އޮތީ ކުރީގެ މިނިސްޓަރު ނަހުލާ ހުންނެވުމުންނެވެ. ދެ ޕާޓީގެ އޮފިޝަލުންނާއި ސަރުކާރުގެ އޮފިޝަލުންނާ ކުޑައިކޮށް ވާހަކަ ދައްކާލުމުން "ނަހުލާ ކީއްވެތޯ؟" ކުރެވޭ ސުވާލަށް ސާފު ޖަވާބެއް ލިބެ އެވެ.
ފުރަތަމަ ކަމަކަަށް އެކަމަނާ އެއާޕޯޓަށް ވަޑައިގަތީ އަމިއްލަފުޅު ޝައުގުވެރި ކަމުގަ އެވެ. ދުރާލާ ވަޑައިގަންނަވާން ބޭނުންފުޅުކަން އަންގަވައިގެނެވެ. މިފަދަ ކަންކަމުގައި ޕްރޮޓޮކޯލް އޮންނާނެ ގޮތް އެކަމަނާއަށް އޮޅިވަޑައިގެންފައި ވެސް ނުވާތީ އެވެ.
ދެން އޮތީ ސަރުކާރުގެ ބްލެސިން ގައި ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމަށް ނަހުލާގެ އޮތް އެދުންފުޅެވެ. ރޭގެ އެ މަންޒަރުގެ ކުރިއަށް އެ ފުރުސަތު ހޯއްދަވައި ފަހި ކުރައްވަން ވެސް އެތައް ކަމެއް ކުރައްވައިފި އެވެ. ސީދާ ރައީސްގެ އަރިހުން ދެ ކަމަކަށް އެދިވަޑައިގެންފައިވާ ކަމަށް ވެއެވެ.
އެއް ހުށައެޅުއްވުމަކީ ތުރުކީއަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އެކަމަނާ ހަމަޖެއްސެވުމެވެ. ދެން އެދިވަޑައިގެންނެވީ ސައުދިއަަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމު ދެއްވުމަށެވެ. ނަމަވެސް އެ ފުރުސަތު ދެއްވެން ނެތް ކަމަށް ރައީސް މުއިއްޒު ސާފުކޮށް ޖަވާބު ދެއްވި ކަމަށް ވެއެވެ.
އެއީ ރަައީސަށް ކުރައްވަން ފަސޭހަފުޅު ކަމަކަަށް ނުވާނެ ކަން ނަހުލާއަށް ވެސް އެނގިވަޑައިގަންނަވަ އެވެ. އެހެންވީމަ ދެން އޮތް ފުރުސަތަަކަށް މަގު ސާފު ކުރެއްވޭތޯ ބެއްލެވީ އެވެ.
ނަހުލާގެ ދެވަނަ އަމާޒަކީ ވިހިވަނަ މަޖިލީހަށް ވާދަ ކުރެއްވުމެވެ. ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަ ކުރައްވާނެ ކަން އިއުލާނު ކުރެއްވި އެވެ. ވިދާޅުވެފައިވާ ގޮތުން ނުކުންނަވާނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ.
ބޭރަށް އެ މަންޒަރު ބޭއްވުމަށް ފަހު ދެން ފެއްޓެވީ ރައީސާއި ސަރުކާރުގެ ތާއީދު ހޯއްދެވުމުގެ މަސައްކަތެވެ. ފިރިކަލުން ގާސިމްގެ އެހީ ވެސް އެކަމަށް އެބަ ހޯއްދަވަަ އެވެ.
ބޭނުންފުޅުވެ ވަޑައިގަންނަވަނީ ރައީސް މުއިއްޒުގެ ތާއީދު ސީދާ ހޯއްދެވުމެވެ. ކޮންގްރެސް ޕާޓީގެ އެންޑޯޒްމަންޓް ދަމައިގަތުމެވެ. ނޫނީ ކޮންގްރެސް ޕާޓީން ކެންޑިޑޭޓަކު ނުނެރުއްވުމެވެ. އެކަމަކު އެ ދާއިރާއަށް ދެތީން ބޭފުޅަކު އޮތީ ކޮންގްރެެސްގެ ޓިކެޓަށް އެދިފައެވެ.
އަނެއްކޮޅުން ނަހުލާގެ ކޮއްކޯފުޅު، ކެޔޮދޫ ދާއިރާގެ ޓިކެޓް ހޯދުމަށް ކޮންގްރެސްގެ ޕްރައިމަރީ ގައި ވާދަ ކުރައްވަ އެވެ. އޭނާގެ އަނބިކަނބަލުން ޑރ. ރަޝްނީ މާލޭގެ މާފަންނު މެދު ދާއިރާގެ ޓިކެޓް ހޯއްދަވަން ކޮންގްރެސްގެ ޕާޓީގެ ޕްރައިމަރީ ގައި ވާދަ ކުރައްވަ އެވެ. މި ދެެ ބޭފުޅުންގެ ޕްރައިމަރީ ކެމްޕޭން ގައި ފާޅުގައި ނަހުލާ ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ހުރިހާ ސަބަބުތައް އެއްކޮށް ކިރާލާ ވަޒަން ކޮށްލުމުން ރައީސް މުއިއްޒަށް އަލްވަދާއު ވިދާޅުވާން ވީއައިއޭ ގައި ނަހުލާ ހުންނެވުމަކީ ހައިރާން ވާން ޖެހޭ އަދި ސުވާލެއް އޮތް ކަމެއް ނޫނެވެ. އެކަން ސާފުވެވަޑައިގަންނަވާތީ ރައީސް ވެެސް ރޭ ވަނީ ނަހުލާއާ ވަކީން އިރުކޮޅަކު ވާހަކަ ވެސް ދައްކަވާލަން މަޑު ކުރައްވާފަ އެވެ.
އެކަމަނާ ހުންނެވީ ނިމިދިޔަ ފަސް އަހަރު ފުުރުއްވި މަގާމާއި ހުންނެވި ތަނާއި ކުރެއްވެވި ހުރިހާ ކަމެއް މާޒީގެ ތެރެއަށް ދޫކުރައްވާ އަލުން ބަލުން ސިޔާސީ ކުރިމަގު ބައްޓަން ކުރައްވަން ނުކުންނަވަ އެވެ. އެހެންވީމަ "މި ތަނުގައި ނަހުލާ ކީއްވެހޭ" އަަހާ އާންމުން ސުވާލު ކުރާނެ ފަދަ ކިތަންމެ ތަނަކުން އެކަމަނާ އަދި ފެންނާނެ އެވެ.
އަދިވެސް ލާރިބޭނުންވާތީ ތިމަގާމުތަކަށް ދަހިވަނީ