ރާއްޖޭގެ މަޓާޓޯއިން ވަނީ ދެ ގައުމުގެ ގުޅުމަށް ބުރޫ އަރައި ނަފުރަތު އުފެދޭ ޒާތުގެ ވާހަކަ ނުދައްކަން ވެސް އެދިފަ އެވެ.
އިންޑިއާގެ ލަކްޝަދީބުގައި ޓޫރިޒަމް ފައްކާ ކުރުމަކީ ރާއްޖެއަށް ގެއްލުމެއް އޮތްކަމެއް ނޫން ކަމަށާ އޭގެ ސަބަބުން ދެ ގައުމަށް ވެސް ފައިދާ ލިބޭނެ ކަމަށް ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ އިން ބުނެފި އެވެ.
ދިވެހި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަޓާޓޯ އިން ބުނީ ލަކްޝަދީބުގައި ޓޫރިޒަމް ފައްކާ ކުރުމުގެ ސަބަބުން ރާއްޖެއަށް ގެއްލުންވާނެ ކަމަށް ދުށުމަކީ ގޯހެއް ކަމަށާ އެ ތަނުގައި ޓޫރިޒަމް ފައްކާ ކުރުމުގެ ފައިދާ އެކުވެރި ދެ ގައުމަށް ވެސް ލިބޭނެ ކަމަށެވެ.
އެ ޖަމިއްޔާ އިން ބުނީ ލަކްޝަދީބުގައި ޓޫރިޒަމް ފައްކާ ކުރަން ކުރާ މަސައްކަތުގައި ރާއްޖޭން އެއްބާރުލުން ދީގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށާ، ސަބަބަކީ ރާއްޖެ - އިންޑިއާއަކީ އެކުވެރި އަވަށްޓެރި ދެ ގައުމަށްވުން ކަމަށެވެ. އަދި އެފަދަ ފުރުސަތެއްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ކްރޫޒްލައިން ޓޫރިޒަމް ފަދަ ވިޔަފާރިތައް ފައްކާ ކުރަން ފުރުސަތު ފަހި ވެގެންދާނެ ކަމަށެވެ.
އެ ޖަމިއްޔާ އިން ވަނީ ދެ ގައުމުގެ ދެމެދުގައި ނަފުރަތު އުފެދޭ ޒާތުގެ ވާހަކަތައް ނުފެތުރުމަށް ވެސް ގޮވާލާފަ އެވެ.
އެ ޖަމިއްޔާ އިން ބުނީ ރާއްޖޭގެ ޓޫރިޒަމްގައި އިންޑިއާގެ ޓޫރިސްޓުން މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ.
އިންޑިއާގެ ޓޫރިސްޓުންގެ ގިނަ ބަޔަކު ރާއްޖޭގެ ގެސްޓްހައުސް ޓޫރިޒަމްގައި ޗުއްޓީ ހޭދަކުރާ ކަމަށާ، މިކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ފައިދާ ކުރާ ކަމަށް ބުނެފައިވެ އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބުގައި ޓޫރިޒަމް ފައްކާ ކުރުމަށް އެތަނަށް ވަޑައިގެން ނެންގެވި ވީޑިއޯއަކާއެކު އިންޑިއާގެ ބައެއް އެކްޓިވިސްޓުން ވަނީ ރާއްޖޭ ޓޫރިޒަމް ބޮއިކޮޓިން ކެމްޕޭނެއް ފަށާފަ އެވެ. މި ކެމްޕޭންއާ ގުޅިގެން ރާއްޖޭގެ ސޯޝަލް މީޑިއާގައި ގަދަޔަށް އަނގަތަޅާ ގިނަ ބަޔަކު ވަނީ މޯދީ އާއި އިންޑިއާއަށް ވަރަށް ހުތުރު ބަހުން ސޯޝަލް މީޑިއާގައި ލިޔެފަ އެވެ. މިގޮތަށް ވާހަކަ ދެއްކި މީހުންގެ ތެރޭގައި ސަރުކާރުގެ އިސް އޮފިޝަލުން ވެސް ހިމެނެ އެވެ. މި މައްސަލަ ހޫނުވެ އެންމެފަހުން އިންޑިއާގެ މަޝްހޫރު ތަރިން ވެސް ވަނީ މި މައްސަލައިގެ ތެރެއަށް ވަދެ ލަކްޝަދީބު ޕްރޮމޯޓްކޮށް ރާއްޖެއާ ދުރަށް އިންޑިއާގެ ޓޫރިސްޓުން ގެންދިއުމުގެ މަސައްކަތުގައި ބައިވެރިވެފަ އެވެ.