މާފަރަކީ ވީއައިއޭ ނަގާފައި އެންމެ ބިޒީ އެއް އެއާޕޯޓެވެ. މި ދުވަސްވަރު މިތަނަށް ގިނަ އަދަދެއްގެ ޖެޓުތައް އާދެ އެވެ.
ޕްރައިވެޓް ޖެޓު އެންމެ ގިނައިން އަންނަ މި މޫސުގައި މާފަރުން ޖެޓްފިއުލް ހުސްވެ ގިނަ ދުވަސްވެފައިވާތީ، ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ޖެޓްފިއުލް ހުސްވެފައިވާ މައްސަލާ ގައި ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ އިން ކަންބޮޑުވުން ފާޅުކޮށް މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަލްޔާސްއަށް ފޮނުވި ސިޓީއެއްގައިވާ ގޮތުން މާފަރަށް ޖެޓް ފިއުލް ލިބުން ދަތިވުމުގެ ސަބަބުން ޖެޓު ގެންނަ ކުންފުނިތަކާއި އޮޕަރޭޓަރުންނަށް ވެސް ދަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރި އާއި ސިވިލް އޭވިއޭޝަން އަދި އިކޮނޮމިކް މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި އެ ޖަމިއްޔާއިން ބުނި ގޮތުގައި ވީއައިއޭ ނަގާފައި އެންމެ ބިޒީކޮށް ހިންގާ އެއް އެއާޕޯޓް ކަމަށްވާ މާފަރަކީ މަތީ ފަންތީގެ ރާއްޖޭގެ ޓޫރިޒަމް ހިންގަން އެންމެ މުހިންމު އެއް އެއާޕޯޓް ކަމަށް ބުނެފައިވެ އެވެ.
އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވާ ގޮތުގައި މިފަދަ މައްސަލަތަކުގެ ސަބަބުން ކްލައިންޓުންނަށް މާލީ ގޮތުން ބޮޑު ބުރައެއް އުފުލަން ޖެހެމުންދާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އިން ހިނގާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ވީއައިއޭ ނަގާފައި އެންމެ ބިޒީ އެއް އެއާޕޯޓެވެ. މި އެއާޕޯޓަށް ކޮންމެ ޓޫރިޒަމް ސީޒަނެއްގައި ގިނަ އަދަދެއްގެ ޕްރައިވެޓް ޖައްސަ އެވެ. މި ސަރަހައްދަކީ ރާއްޖޭގެ އެންމެ ހައި އެންޑް ރިސޯޓްތައް ހުންނަ ސަރަހައްދެވެ.