ސަރުކާރުގެ އޮފިޝަލުންގެ ވާހަކަތައް ކުށްވެރި ކުރައްވާ ރައީސް ނަޝީދާއި ފާރިސް މައުމޫނާއި އެމްއެންޕީއާ ބައެއް އާންމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް އެކްސް ގައި ކޮމެންޓް ކުރި ސަރުކާރުގެ އޮފިޝަލުންނަށް ފިޔަވަޅު އެޅުމަށް ސިޔާސީ ޕާޓީތަކާއި ބައެއް ސިޔާސީ ލީޑަރުން ގޮވާލައްވައިފި އެވެ.
އިންޑިއާގެ ލަކްޝަޑްވީޕްގެ ރަށްތަކުގައި ޓޫރިޒަމް ކުރިއަރުވާ ޗުއްޓީ ހޭދަ ކުރަން އެ ރަށްތައް ހިޔާރު ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ އެ ގައުމުގެ ރައްޔިތުންނަށް ގޮވާލެއްވުމާ އެކު ރާއްޖޭގެ ޓޫރިޒަމާ ދެކޮޅު ޝުއޫރުތަކާ އެކު އިންޑިއާގެ ރައްޔިތުން ވަނީ ތެދުވެފައެވެ. މޯދީ ވަނީ ލަކްޝަޑްވީޕްގެ ރަށްތައް ބައްލަވާލައްވާ އެއީ ވަރަށް ރީތި / ޗުއްޓީ ހޭދަ ކޮށްލަން އެންމެ ހިތްގައިމު މަންޒިލު ކަމަށް ވިދާޅުވެފައެވެ. މިދިޔަ ހަފްތާގައި މޯދީ ކުރެެއްވި ޒިޔާރަތުގެ މަންޒަރުތައް ފެންނަ ފޮޓޯއާ ވީޑިއޯ ވެސް ވަނީ އާންމު ކުރައްވާފައެވެ. ސްނޯކްލިންއަށް ވަޑައިގަންނަވާ މަންޒަރާއި ބީޗުގައި އިށީންދެ ވަޑައިގެން އިންނަވާ މަންޒަރާއި ދޮންވެލީގެ ބީޗު ގައި ހިންގަވާ މަންޒަރުތައް ހިމަނާ ހާއްސަ އިޝްތިހާރެއް ވެސް ވަނީ އާންމު ކުރައްވާފައެވެ.
ބޮޑުވަޒީރު، އިންޑިއާގެ ރައްޔިތުންނަށް ގޮވާލެއްވީ އެ ގައުމުގެ ރައްޔިތުންގެ ޗުއްޓީގެ މަންޒިލަކަށް ލަކްޝަޑްވީޕްގެ ރަށްތައް ހެދުމަށެވެ. އެއާއެކު އިންޑިއާގެ ގިނަ ބަޔަކު ވަނީ އެއީ ރާއްޖެ އަށް ދިން ނުސީދާ އިންޒާރެއްގެ ގޮތުގައި ސިފަ ކޮށް ރާއްޖޭގެ ޓޫރިޒަމާ ދެކޮޅު ވަރުގަދަ ޝޫއުރުތަކާ އެކު ހިޔާލުފާޅު ކުރަން ފަށާފައެވެ. މިހާރު ވަނީ ނުރަސްމީ ކެމްޕެއިނަކަށް ވެސް ބަދަލު ވެފައެވެ.
އިންޑިއާގެ ބައެއް މީހުން ބުނީ ދިވެހި ޓޫރިޒަމް މިހާރު ބިނާވެފައި އޮތީ އިންޑިއާގެ މައްޗަށް ކަމަށެވެ. އިންޑިއާ މީހުންގެ ސަބަބުން ދިވެހީންނަށް ބޮޑު މުއްސަދި ކަމެއް ލިބިފައިވާ ކަމަށެވެ. އެ މީހުން ރާއްޖެ ދިއުން ހުއްޓާލައިފިނަމަ ރާއްޖެ ބަނގުރޫޓް ވާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
އަނެއް ބަޔަކު ވަނީ އިންޑިއާގެ ފަތުރުވެރީން ރާއްޖެ ދިއުން ހުއްޓާލަަން މިއީ އެންމެ މުނާސަބު ވަގުތު ކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފައެެވެ. ދިވެހީންގެ އިންޑިއާގެ ހިތްހެޔޮކަން ބަލައިނުގެން އިންޑިއާއާ ދެކޮޅުވެރި ވެފައިވާ ބައެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެއެވެ.
އިންޑިއާ ސިފައިން ބާލަން މަސައްކަތް ކުރާ މިދަނޑިވަޅު އިންޑިއާއަށް ރާއްޖެއަށް ދެވެން އޮތް "ލަގާ" އެއް ދޭން ޖެހޭނެ ކަމަށް ބުނެ ބައެއް މީހުން ވާހަކަ ދައްކާފައިވެއެވެ.
ދިވެހީންގެ ގިނަ ބަޔަކު ވެސް ވަނީ އިންޑިއާ މީހުންގެ އެ ވާހަކަތަކަށް ރައްދު ދީފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނެ އެވެ.
އެންމެ ގިނަ ބަޔަކަށް އަޅައިގަތީ ޔޫތު މިނިސްޓްރީގެ ނާއިބުންގެ ގޮތުގައި ތިއްބެވި މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ ކުރެއްވި ޕޯސްޓެވެ. ޝިއުނާ ވަނީ މޯދީ އަކީ "ޖޯކަރެ"އް ގެ ގޮތުގައި ސިފަ ކުރައްވާ އެއީ "އިޒްރޭލްގެ ޕަޕެޓެ"އް ކަމަށް ވިދާޅުވެފައެވެ. ޝިއުނާ މިފަދައިން ވިދާޅުވީ ރައީސް މުއީޒުގެ ހުތުރު ފޮޓޯތަކަކާ އެކު މުއިއްޒަކީ "ޗައިނާގެ ޕަޕެޓެ"އް ކަމަށް ބުނެ އިންޑިއާ ބަޔަކު ޕޯސްޓް ކުރުމުންނެވެ.
ނަމަވެސް ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ އެކުވެރި ގައުމެއްގެ އެންމެ އިސްވެރިޔާ އަށް އަމާޒުކުރައްވާ އެފަދަ ގޮތަކަށް ބަސްމަގު ބޭނުން ކުރުމަކީ ހުތުރު / ދެރަ ކަމެއް ކަމަށް ބުނެ ބައެއް މީހުން ވަނީ އެކަން ކުށްވެރި ކޮށްފައެވެ. އިންޑިއާގެ އެކި ލެވެލްގެ ބޭފުޅުން ގެންދަވަނީ އެކަން ފާހަގަ ކުރައްވަމުންނެވެ. ބައެއް ނޫސްތަކާއި ޓީވީ ތަކުން ވެސް އެެ ހަބަރުތައް ގެނެސް ދީފައިވެއެވެ.
ސަރުކާރުގެ އޮފިޝަލުންގެ ވާހަކަތައް ކުށްވެރި ކުރައްވާ ކުރީގެ ރައީސް ނަޝީދު ވަނީ އެކްސް ގައި ޕޯސްޓެއް ކުރައްވާފައެވެ. މޯދީ އަށް އެ ގޮތަށް ފާޑުވިދާޅުވުން އެއީ ހުތުރު އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާ ނަޝީދު ވަނީ އެ ވާހަކަތަކުން ސަރުކާރު ބަރީއަވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ރާއްޖެއާ ދިވެހީންގެ ވިސްނުމާއި ވާހަކަ ނޫންކަން އިންޑިއާ އަށް ޔަގީން ކޮށްދޭން ސަރުކާރަށް ގޮވާލެއްވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އިންޑިއާ އަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމުގެ މުހިންމު ބައިވެރި އެކެވެ.
ސަރުކާރުގައި އޮތް މޯލްޑިވްސް ނެޝަނަލް ޕާޓީން ވެސް ވަނީ އެކަން ކުށްވެރި ކޮށްފައެވެ. އެ ޕާޓީން ކުރި ޕޯސްޓެއް ގައި ބުނެފައި ވަނީ ބޭރު ދައުލަތެއްގެ އެންމެ އިސްވެރިއަކާ ގުޅޭގޮތުން ސަރުކާރުގެ އޮފިޝަލަކު ދައްކާފައިވާ ވާހަކަތައް ކުށްވެރި ކުރާ ކަމަށެވެ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.
"މިކަމުގައި ޝާމިލުވާ ފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް އަޅުގަނޑުމެން ސަރުކާރަށް އިލްތިމާސް ކުރަން،"
އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ވެސް ވަނީ މޯދީއަށް ފުރައްސާރަ ކުރުން ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. އަދި ފިޔަވަޅު އެޅުމުގައި ފަސްޖެހި އެ ވާހަކަތައް ސަރުކާރުން ކުށްވެރި ނުކުރާނަމަ އެ ކަމަށް ސަރުކާރުން ހިތްވަރު ދޭ ކަމަށް ބުނުމުގެ ޖާގަ އޮންނާނެ ކަމަށް ވިދާޅުވި އެވެ.