ވާހަކަ

އިންތިހާއަށް ލޯބިވީމާ – އެޕިސޯޑް 52

"މާއިޒް.. އަހަރެން ސަލާމަތްކޮށްދީ.. އަހަރެން ބޭނުން މިކަމުން ސަލާމަތް ވާން.. އަހަރެންގެ ފަހަތުން ބަޔަކު އެބަ އުޅޭ.. އަހަރެން މަރާލަން.."

- އެޕިސޯޑް 52 –

މާނޭވާ އެއް ލަމުން މާއިޒް ފަހަތަށް ފިޔަވަޅެއް ނެގިއެވެ. އޭނާގެ މުޅި ހަށިގަނޑަށް ސަވާރު ވެގެން ދިޔައީ އާދަޔާ ޚިލާފު ރުޅިވެރި ކަމެކެވެ. ދަތް ކުނޑި ވިކައިގެން ހުރި މާއިޒްގެ މޫނު ދިޔައީ ފުފެމުންނެވެ. ދެއަތް ދެއަތާ މޮޑެމުން މާއިޒް ގެންދިޔައިރު، އޭނާ ކުރާނެ އެތައް ކަމެއް އެވަގުތު އޭނާގެ ހިތަށް ވަންނަމުން ދިޔައެވެ. މުޅީން ވެސް އަނިޔާވެރި އަމަލުތަކެވެ. ސަމާ އާއި ރިޝްފާއަށް ހަދާލާނެ އިޚާނެތި ގޮތްތަކެވެ. އަބަދަކު ކަންކަން ވަންހަނާ ކޮށްގެން ނޫޅެވޭނެއެވެ. ލައްކަ ދުވަހު ސަމާ އާއި ރިޝްފާ މި ޑްރާމާއެއް ކުޅެފިތާއެވެ. މިއީ މާއިޒްގެ ދުވަހެވެ. މިފަދަ ގަދަ ބަސްތަކެއް މާއިޒްގެ ހިތުގައި ލިޔެވެމުން ދިޔައިރު، އޭނާއަށް ލިބުން ޖޯޝްވީ އިތުރެވެ.

ކާރުގައި ގެއަށް ދާން ތައްޔާރުވި، ސަމާ އާއި ރިޝްފާއަށް އެއްވެސް ކަމެއް ރޭކައެއް ނުލައެވެ. އެމީހުންގެ ހުރިހާ ޕްލޭނެއްގައި ސިއްކަ ޖެހިގެން ގޮސްދާނެ ކަމަށް އެމީހުން އުއްމީދު ވެސް ނުކުރެއެވެ. ރިޝްފާ ބޭނުންވީ މުޅި ވާހަކަ ބަދަލުކޮށްލައިގެން މާއިޒްގެ ގާތުގައި ފަޔާޒްގެ ވާހަކަ ސަމާ ލައްވާ ކިޔާދޭށެވެ. އޭރުން މާއިޒް ރުޅި އައިސްގެން ފަޔާޒްގެ މީހުންނާ ކުރިމަތަލި ލާނެއެވެ. އެހިސާބުން ސަމާ ސަލާމަތްވީއެވެ. މާއިޒްއަކީ ގޭންގް ތަކާއި ގުޅުން ވަރުގަދަ މީހެއް ކަމުން ފަޔާޒްގެ މީހުން ވެސް ފަސްޖެހޭނެ ކަމަށް ރިޝްފާ ބުންޏެވެ. ރިޝްފާގެ ޚިޔާލު ސަމާއަށް ވަރަށް ކަމުދިޔައެވެ. ރިޝްފާ އެދުން ގޮތަށް ހުރިހާ ކަމެއް ކުރަން ސަމާ ހުރީ ނިންމައިގެންނެވެ. ހުރިހާ ވާހަކައެއް ބަދަލުކޮށްލައިގެން، މިކަމުގެ އަަޑީގައި ހުރީ ނިއުޝާކަން ދައްކަން ސަމާ ބޭނުންވީއެވެ.

***

މާއިޒް އެނބުރި ދިޔައީ އޮފީހަށެވެ. އޭނާގެ ސިކުނޑީގައި އެއްވެސް ހަމަޖެހުމެއް ނެތެވެ. އޭނާގެ ޚިޔާލުތަކާއި ފިކުރުތައް އެފުށް މިފުށަށް ޖެހެނީއެވެ. ވޭތުވެގެން ދިޔަ ދުވަސްތަކުގައި ސަމާގެ ފަރާތުން ފެންނަމުން ދިޔަ އާދަޔާ ޚިލާފު ހަރަކާތްތަކާއި މިއަދު މިވީ ކަންތަކާ ގުޅުން އޮންނާނެއެވެ. އޮފީހުން ސަމާ ކުއްލި ކުއްލިއަށް ގެއްލުމާއި، ސަމާގެ ފޯނުން ފެނުން ނިއުޝާގެ ފޮޓޯތަކާއި އަދި މާއިޒް ގާތްވާ އުޅޭ އިރު، ސަމާ ދުރުވާން އުޅުން ފަދަ ކަންކަން މިއަދު މި ފެނުން މަންޒަރާ ގުޅުވާލުމުން މާއިޒްގެ ހިތުގެ ތެރޭގައި ބޮޑު ތޫފާނެއް އުފެދިއްޖެއެވެ.

"ރިޝްފާ.." 

މާއިޒް އޭނާގެ އަތް ނަގާ، މޭޒު މަތީގައި ނިކަން ބާރަށް ޖަހާލުމަށްފަހު ކޮޅަށް ތެދުވިއެވެ. އަދި ހަރު ހިނގުމެއްގައި މާއިޒް މިސްރާބު ޖެހީ ގެއާ ދިމާއަށެވެ.

***

ނިއުޝާ ވިހަން ވައްދާފައިވާ ތަނުގެ ކުރިމަތީގައި ހައިކަލް މަޑުމަޑުން ދެކޮޅަށް ހިނގަމުން ގެންދިޔައެވެ. ދޭތެރެ ދޭތެރެއިން ނިއުޝާގެ ޚަބަރެއް ބަލަން ނާޝިދު ގުޅައެވެ. ނިއުޝާ ވިހެއުމުން އެކަން އަންގަން ބުނެ ނާޝިދު ފޯނު ބޭއްވީ، ފަޔާޒްއާ ބައްދަލުކުރަން މާފުށްޓަށް ދިޔުމަށްޓަކައެވެ. ނާޝިދު ނިންމައިގެން ހުރީ ހުރިހާ ވާހަކައެއް ޖަލު އޮފިސަރުންނަށް ކިޔާ ދިނުމަށްފަހު، ފަޔާޒްގެ މައްސަލަ އިސްތިއުނާފް ކުރާށެވެ. ފަޔާޒްގެ ކުށެެއް ނެތްކަން ކޯޓުގައި ސާބިތު ކުރުމަށްފަހު، ހައްޤު އަދަބު ލިބެން ޖެހޭ މީހުންނަށް އެކަމުގެ ހައްޤު އަދަބު ދޭށެވެ.

"ނިއުޝާ ވިހައިފި.. އަންހެން ކުއްޖެއް.." 

ހައިކަލްގެ ކުރިމަތީގައި ހުރި ދޮރު ހުޅުވާލަމުން ހައިކަލަށް ބަލައިލީ ނަރުހެކެވެ. ހިނިތުންވެފައި ނަރުސް ދިން ޚަބަރުން ހައިކަލް ވެސް ހިނިތުން ވެލީއެވެ. ހަދާނެ ގޮތް ހުސްވެފައިވާ ހައިކަލް ބޭނުން ވެފައި ހުރީ އެތަނުން ވީ އެންމެ އަވަހަކަށް ދާށެވެ. ނިއުޝާގެ ކިބައިން ސަލާާމަތް ވާށެވެ. ނަމަވެސް އެކަން ކުރަން އުނދަގޫ ވަނީ ވެސް ހަމަ ހައިކަލަށެވެ. އެއީ ކީއްވެ ކަމެއް ހައިކަލަށް ނުވިސްނެއެވެ. ހައިކަލް ލަސްނުކޮށް ނާޝިދަށް ގުޅިއެވެ. ނިއުޝާ އަށް އަންހެން ކުއްޖެއް ލިބުން ޚަބަރު ނާޝިދުގެ ކަންފަތުގައި ޖެހުމުން ނާޝިދު ބުނެލީ ހަމައެކަނި "އޯކޭ" ކަމަށެވެ. އެވަރަށް ބުނެލާފައި ފޯނު ބޭއްވީއެވެ.

***

މާއިޒް ގެއަށް އައިސް ވަތް އިރު އޭނާ ހުރީ ހަމަ އަކަށް އެޅިފައެވެ. މާއިޒަށް އެއްވެސް ކަމެއް ނޭނގޭ ފަދައެވެ. މިއީ މާއިޒް ބޭނުންވި ގޮތެވެ. އޮޅުވާލައިގެން އުޅެން އެނގޭނީ ހަމަ އެކަނި ސަމާ އާއި ރިޝްފާއަށް އެކަންޏެއް ނޫނެވެ. އެކަމަށް މާއިޒްގެ މޮޅުކަން ވެސް ދައްކަން އޭނާ ބޭނުން ވީއެެވެ.

އެނދުމަތީގައި އޮތް ސަމާ ކުއްލިއަކަށް ތެދުވީ މާއިޒް ގެއަށް ވަނުމާ އެކުގައެވެ. ހަމަ އެ ސިކުންތުގައި ސަމާ އޭނާގެ މުޅި މޫނުމަތީގެ ކުލަވަރު ބޯވައެއްހެން ބަދަލު ކޮށްލިއެވެ. މީހާ މިލައި މޯޅިވެފައިވާ މަލަކަށް ބަދަލުވިއެވެ. ލޮލުން ކަރުނަ ގެންނަން ސަމާއަަށްވީ ނުހަނު ފަސޭހަ ކަމަކަށެވެ. ކޮޓަރިއަށް ވަނުމާއެކުގައި މާއިޒްގެ ނަޒަރު އެންމެ ފުރަތަމަ ވެސް ހުއްޓުނީ ސަމާގެ މޫނަށެވެ. އެ މޫނުމަތިން ފެނުން ހިތާމަވެރިކަމުން މާއިޒަށް މިފަހަރު އެއްވެސް އަސަރެއް ނުކުރިއެވެ. ނަމަވެސް މާއިޒްގެ ފަރާތުން ބަދަލެއް ފެންނަން ބޭނުން ނުވާތީ އޭނާ ހާސްވާކަން ދައްކާލިއެވެ. ނިކަން ލޯބިން ސަމާއާ ގާތްވެލިއެވެ.

"ސަމާ.. ކިހިނެއްވީ؟ ހާދަ ދެރަވެފަ.." ސަމާއާ ޖެހިގެން އިށީންނަމުން މާއިޒް ހިފައިލީ ސަމާގެ އަތުގައެވެ.

"މާއިޒް.." ސަމާ ރޮމުން ބައްދާލީ މާއިޒްގެ ގައިގައެވެ. މާއިޒްގެ ދެއަތުން ސަމާގެ ހަށިގަނޑު ވަށާލިއެވެ. ނިކަން ލޯބިވާކަން ދައްކާލަމުންނެވެ.

"މާއިޒް.. އަހަރެން ސަލާމަތްކޮށްދީ.. އަހަރެން ބޭނުން މިކަމުން ސަލާމަތް ވާން.. އަހަރެންގެ ފަހަތުން ބަޔަކު އެބަ އުޅޭ.. އަހަރެން މަރާލަން.." ސަމާގެ ވާހަކަ މިހިސާބަށް ދިޔުމުން މާއިޒަށް ހައިރާން ކަމެއް ލިބިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްގެން އިނދެ މާއިޒް ބަލައިލީ ސަމާގެ މޫނަށެވެ.

"ކީކޭ؟" އެތައް ސުވާލުތަކަކާ އެކުގައި ސަމާއަށް ބަލަހައްޓައިގެން މާއިޒް އިނެވެ.

"އަހަރެން.. ފަޔާޒްގެ މީހުން ބޭނުން ވަނީ އަހަރެން މަރާލަން.. ނިއުޝާ ދިން ލަޑެއް އެއީ ފަޔާޒަށް.. އަހަރެންގެ ކުށެއް ނޫން އެއީ.. ފަޔާޒްގެ ސަައިކަލް މަޑިދަށަށް ޑްރަގްސް އެޅީ ނިއުޝާ. އަހަންނެއް ނޫން.. އެކަމު، ބަޔަކު އަހަރެންގެ ބޮލުގަ އެކަން އެޅުވީ.. އެހެންވެ. އެމީހުން މިގެއަށް ވެސް އައި.. ދޮރުގަ ޓަކި ވެސް ދިން.. އަހަރެން މަރާލާނެ ކަމަށް އިންޒާރު ދީ.. ހެޔޮނުވާނެ އަހަރެން ސަލަމާތްކޮށްދީ.." ސަމާ ގިސްލާ ރޮމުން ގެންދިޔައެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.