އެފްޑީސީން ރާއްޖެ-ލަންކާ ޖޭވީއަކާއެކު 3،000 ފްލެޓް ؛ އަގު 199 މިލިއަން ޑޮލަރު

މި މަޝްރޫއަކީ ލޯނު ނަގައިގެން ހިންގާ މަޝްރޫއުއެއް ނޫނެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުންނެވެ.

އެފްޑީސީއާއި އޮނެކްސް-ހޭލީސް ޖޭވީއާއެކު އެމްއޯޔޫގައި ސޮއިކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން -- އެފްޑީސީ

މި މަޝްރޫއުގެ ދަށުން އަޅާ ފްލެޓުތަކުގެ ސައިޒަކީ 900 އަކަފޫޓް

ސަރުކާރުގެ ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ރާއްޖޭގެ އޮނެކްސް ބިލްޑާސް އާއި ލަންކާގެ ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް (ޖޮއިންޓް ވެންޗާ) އާއެކު 3،000 ފްލެޓު އަޅަން، 199 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ) ގެ އަގުހުރި މަޝްރޫއު އެއް ގައި ސޮއިކޮށްފި އެވެ.

އެފްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެވެ. އަދި ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރީ ރާއްޖޭގެ ރިޕްރެޒެންޓޭޓިވް ކަމަށްވާ އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑް ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ހުސެން އެވެ.

ލޯނެއް ނެތް، ކޮންޓްރެކްޓާ ފައިނޭންސިން މަޝްރޫއެއް

މި މަޝްރޫއުގެ މައުލޫމާތު "މި" ނޫހަށް ދެއްވަމުން އެމްޑީ ހަމްދާން ވިދާޅުވީ މި ފްރޭމްވޯކް މިއެއްބަސްވުމުގެ ދަށުން ފްލެޓް އަޅަނީ އެ ކުންފުނީގެ ފައިނޭންސް ގައި އިމާރާތް ކުރާ ގޮތަށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކަމަށާ، މިއީ މިހާލަތައް ބަލާއިރު ރަނގަޅު ފުރުސަތެއް ކަމަށެވެ.

"މީގައި ލޯނެއް ނޯންނާނެ. އެ ކުންފުންޏަށް ބިމެއް ދޭކަށް ނުޖެހޭނެ. އެ ބޭފުޅުންގެ ކަމަކީ ކޮންސްޓްކަޝަން ގެ މަސައްކަތް. ބިލްޑް ކުރުން. އަޅުގަނޑުމެން ފްލެޓްތަކުގެ ކޮލިޓީ އެޝުއަކޮށް، އިމާރާތް ކުރަމުންދާއިރު ކައިރިން ބަލަމުންދާނެ،" ހަމްދާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޖޭވީގައި ހިމެނޭ ލަންކާގެ ހޭލީސް އަކީ މި ސަރަހައްދުގެ ފެންވަރުން ބެލި ނަމަވެސް ވަރުގަދަ ކުންފުންޏެއް ކަމަށާ، އެހެންކަމުން މި ޕްރޮޖެކްޓް ކާމިޔާބުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މިއީ 199 މިލިއަން ޑޮލަރުގެ މަޝްރޫއެއް. އަޅުގަނޑުމެން ވިސްނާނީ އެފްޑީސީ އަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ. ނެގޯސިއޭޝަންތަކަށް ފަހު މަސް ދުވަހުގެ ތެރޭގައި ސޮއިކޮށް މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރެވޭ." 

އޭނާ ވިދާޅުވީ މި އެމްއޯޔޫގެ ދަށުން އެ ކުންފުންޏާއެކު އަދި ނެކޯޝިއޭޝަން ތަކެއް ކުރި އަށް ދާނެ ކަމަށާ ފްލެޓު އަޅާނެ ސަރަހައްދެއް އަދި ފައިނަލް ނުކުރާ ކަމަށެވެ. އަދި މި ފްލެޓުތަކުގެ ސައިޒު ހުންނާނެ ކަމަށް މިހާރު ވިސްނުން ހުރީ 900 އަކަފޫޓުގެ ބޮޑުމިނުގައި ކަމަށެވެ.

"ބޮޑަށް އިސްކަންދޭނީ މާލެ ސަރަހައްދަށް. އެކަމަކު އެބަ ކުރަން ލޭންޑް ޔޫސް ޕްލޭން ހަދާފައިވާ ރަށްރަށުގެ މައުލޫމާތު ވެސް،" ހަމްދާން ވިދާޅުވި އެވެ.

ހޭލީސް، 148 އަހަރުގެ ދިގު ތާރީހު

މި މަޝްރޫއު ގައި ރާއްޖޭގެ ޕާޓްނަރު އޮނެކްސް ބިލްޑާސް އާއެކު ޖޭވީ ހަދައިގެން މަޝްރޫއު ފަށާ ސްރީލަންކާގެ ދަ ވޯލްޑް އޮފް ހޭލީސްއަކީ 1878 ވަނަ އަހަރު އުފެދިފައިވާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ގިނަ ވިޔަފާރިތަކެއް ކުރަމުން ގެންދާ މި ސަރަހައްދުގެ ފެންވަރުގައިވެސް ބޮޑު ކުންފުންޏެކެވެ. މިއީ އިންޑަސްޓިއަލް ސޮލިއުޝަންސް އާއި ކޮންޓްރަކްޝަން މެޓީރިއަލްސް އަދި ކަރަންޓު އުފެއްދުމަމާއި ޓެކްސްޓައިލްސް ވިޔަފާރީގައިވެސް މަޝްހޫރު ކުންފުންޏެކެވެ. 

އެފްޑީސީ - އެފްޑީސީއަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނިން މިހާރު ކުރާ މަސައްކަތަކީ ހުޅުމާލޭގައި 4،000 ފްލެޓު އެޅުމުގެ މަަސައްކަތެވެ. އެ މަސައްކަތުން އަތް ދޫކޮށްލަން އެ ކުންފުނިން މަސައްކަތް ކުރަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގަ އެވެ.

ކޮމެންޓް

3
450
ނހގޖ
8 months ago

ކޮބާ އެމީހުނައް އޮތް ފައިދާ އަކީ

ޗަކޮއި
8 months ago

"މީގައި ލޯނެއް ނޯންނާނެ. އެ ކުންފުންޏަށް ބިމެއް ދޭކަށް ނުޖެހޭނެ." ކަނޑުގަތަ އިމާރާތް ކުރަނީ؟

ހާޒުމް
8 months ago

ސާބަހޭ، އޮބި ނޯވޭ،

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.