މިދިޔަ އަހަރުގެ ނޮވެމްބަރާއި އޭގެ ކުރީ އަހަރުގެ ނޮވެމްބަރު އަޅާކިޔާލާއިރު ފެންނަަ މަންޒަރަކީ ކާބޯތަކީގެ އަގުތައް 5.26 ޕަސެންޓް އުފުލިފައިވާ ތަނެވެ. ނަމަވެސް ނޮވެމްބަރު ވަކިން ބަލާނަމަ އަގުތައް ހުރީ ދަށުގަ އެވެ.
ނޮވެމްބަރު މަހު ރާއްޖޭގައި މުދަލުގެ އަގުވީ ބޮޑު ހެއްޔެވެ ؟ ނޫނީ ދަށް ހެއްޔެވެ؟ މިކަމުގައި އާއްމުން ދެކޭގޮތާއި ސަރުކާރުން ދައްކާ ވާހަކަ އަބަދު ވެސް ތަފާތެވެ. އަދި ދައުލަތުން މުދަލާއި ހިދުމަތުގެ އަގު ބަލަން ބޭނުން ކުރާ ނާޅިން ކިރާލުމުން ފެންނަ މަންޒަރު ތަފާތެވެ. މި ތަފާތު މިދިޔަ ނޮވެމްބަރު މަހު ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގަށް އައި ބަދަލުން ވެސް ފެނެ އެވެ.
ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި ނޮވެމްބަރު މަހު އަގު އުފުލުނު ތަކެއްޗަށް ވުރެ އަގު ދަައްވި ތަކެތީގެ ލިސްޓު ދިގެވެ. އެކަމަކު އަހަރު ދުވަހަށް ބަލާނަމަ ބޮޑު ތަފާތެއް ފާހަގަ ކުރެވެ އެވެ.
ގައުމީ ތަފާސް ހިސާބުތަށް ބަލަހައްޓާ އޮފީސް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި މުޅި އަހަރަށް ބަލާނަމަ ބާޒާރުގައި އަގުތައް ވަނީ 2.13 ޕަސެންޓު އުފުލިފަ އެވެ. އެންމެ ބޮޑު އުފުލުމެއް ފާހަގަވަނީ ކާބޯތަކެތީގެ ބައިންނެވެ.
ނަމަވެސް މިދިޔަ ނޮވެމްބަރު މަހަށް އެކަނި ބަލާނަމަ މި މަންޒަރު ވަރަށް ތަފާތެވެ. މިދިޔަ މަހު ރާއްޖޭގައި އަގުތައް ވަނީ 0.48 ޕަސެންޓު ދަށްވެފަ އެވެ. އަގު ލިސްޓަށް ބަލާއިރު މައިގަނޑު ގޮތެއްގައި މުޅި އަހަރަށް ވުރެ އާއްމު ހުރިހާ ބާވަތެއްގެ އަގުވެސް ދަށްވެފައިވާ ކަމަށް ދައްކަ އެވެ.
މިދިޔަ މަހު އެންމެ ބޮޑަށް އަގުތައް މަތިވެފައިވަނީ ގިނަ ބަޔަކު ބޭނުން ކުރާ ފޯނުގެ ހިދުމަތްތަކުންނެވެ. ސީޕީއައި ދައްކާ ގޮތުގައި މިދިޔަ މަހު ފޯނުގެ ހިދުމަތުގެ އަގުތައް ވަނީ 9.42 ޕަސެންޓުގެ ވެއްޓުމެއް އައިސްފަ އެވެ. އަދި ތަރުކާރީ އާއި މޭވާގެ ބައިގެ އަގުތައްވެސް 5.66 ޕަސެންޓް ވެއްޓިފައިވާ ކަމަށް ދައްކަ އެވެ.
މިދިޔަ މަހު އަގުތައް އެންމެ ބޮޑަށް ދަށްވިކަމަށް ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކަނީ ތަރުކާރީ އެވެ. މިބައިގެ އަގުތައް 1.41 ޕަސެންޓުގެ ވެއްޓުމެއް އައިސްފައިވެ އެވެ. އަދި ދެވަނައަށް އަގުތައްވި ކަމަށް ދައްކަނީ ހަކުރާއި ޖޭމް އަދި މާމުއިގެ އިތުރުން ޗޮކްލެޓުންނެވެ. އެއްކޮށް ބަލާނަމަ އަގުތައް ވަނީ އެވްރެޖުކޮށް 1.32 ޕަސެންޓުގެ ވެއްޓުމެއް އައިސްފަ އެވެ.
އަގު އުފުލެނީ ކީއްވެ ؟ ރާއްޖޭގައި އާއްމުކޮށް އަގު އުފުލެނީ އިމްޕޯޓް މުދަލުންނެވެ. ނަމަވެސް އަގު އުފުލުމުގައި ގައުމުގެ އިކޮނޮމިކް ހާލަތު ބޮޑު ދައުރެއް އަދާކުރެ އެވެ. މިހާރު އަގު އުފުލިގެން އުޅޭ މައިގަނޑު އެއް ސަބަބަކީ 2020 އިން ފެށިގެން ކޮންމެ އަހަރަކު ފައިސާ ޗާޕު ކުރަމުން ދިއުމުގެ ސަބަބުން ޑޮލަރަށް ލޯޑު ބޮޑުގެ އިމްޕޯޓަށް ބްލެކުން ޑޮލަރު ގަންނަން މަޖުބޫރުވުމެވެ. މީގެ ސަބަބުން އަގު ބޮޑުކޮށް ޑޮލަރު ގަނެގެން އިމްޕޯޓް ކުރުމުން މުދަލުގެ އަގު ބޮޑުކުރަން މަޖުބޫރުވެ އެވެ. މިހާރު އިގްތިސޯދުގައި އަށް ބިލިއަން ރުފިޔާ އިތުރަށް ދައުރު ކުރަމުން ދެ އެވެ.