ގޯތި ދީ، ގޯތި ހަދަން ލުއި ގޮތްތަކެއް ހޯދައިދޭނީ މި ސަރުކާރުން

ހަމްދާން ވިދާޅުވީ މިއީ ރައްޔިތުންގެ ފްލެޓާއި ގޯތި އަތުލާނެ ސަރުކާރެއް ނޫން ކަމަށެވެ.

އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް --

ރައްޔިތުންނަށް ގޯތި ދީ އެ ގޯތި، ހަދަން ލުއި ގޮތްތަކެއް ހޯދައިދޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓްކޮށްފައިވާ ފަރާތްތަކަށް ރެޖިސްޓްރީ ހަދައިދީ ގޯއްޗާއި ފްލެޓް ހަވާލުކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. 

އެހެންކަމުން އެމަނިކުފާނު ވަނީ އަންނަ ހަފުތާ ތެރޭގައި ރެޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށާއި ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަންކަމުން އެތަންތަން ހިއްކުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށް ދާނެ ކަމަށް ވިދާޅުވެފައެވެ. 

މީގެ އިތުރުން ގުޅީ ފަޅާއި ގިރާވަރު ފަޅުން އިތުރު ބިން ހިއްކުމަށް ތައްޔާރުވަމުން އަންނަކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅަށް އިޝާރާތް ކުރައްވައި ހަމްދާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއީ ރައްޔިތުންގެ ފްލެޓާއި ގޯތި އަތުލާނެ ސަރުކާރެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މިއީ ރައްޔިތުންގެ ފްލެޓާއި ގޯތި ހަވާލުކޮށް އެ ގޯތިތައް ހަދަން ލުއިގޮތްތަކެއް ހޯދައިދޭނެ ސަރުކާރު ކަމަށެވެ.

"މިއީ ރައްޔިތުންގެ ފްލެޓާއި ގޯތި ހަވާލުކޮށް އެ ގޯތިތައް ހަދަން ލުއިގޮތްތަކެއް ހޯދައިދޭނެ ސަރުކާރު،"

ރައީސް މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތުން މި ދައުރު ބޯހިޔާވަހިކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ އެވެ.

އެގޮތުން ހުޅުމާލެ، ގުޅިފަޅު، ގިރާވަރު ފަޅު އަދި ފުށިދިއްގަރު ފަޅު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓް މަޝްރޫއެއް ހިންގުމަށް ނިންމާފައިވެ އެވެ. އަދި ފުށިދިއްގަރު ފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކައި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ އެވެ. 

ރައީސްގެ މެނިފެސްޓޯގައި ގިރާވަރު ފަޅުން 89 ހެކްޓަރުގެ ބިން ހިއްކައިގެން 1،000 ވުރެ ގިނަ ގޯއްޗާއި 2،800 ފްލެޓް ދިނުމާއި ގުޅިފަޅުން 300 ހެކްޓަރުގެ ބިން ހިއްކައިގެން 3،500 އަށް ވުރެ ގިނަ ގޯއްޗާއި 7،800 ފްލެޓް އިމާރާތް ކުރަން ހިމަނާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.