ބީސީސީ ކްރިއޭޓާސް ހަބް 11 ބުރި | އިންގިލާބީ ބަދަލެއް، އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ބީސީސީއިން ވަނީ މި އިމާރާތް އަންނަ އަހަރުގެ ފެބްރުއަރީ މަހު އެއްކޮށް ނިންމައި ހުޅުވަން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.

ބީސީސީއިން ހިންގާ ކޯވޯކް ސްޕޭސް ސީޑަސް ކްލާސް ތަކެއް

ކްރިއޭޓިވް އުފެއްދުންތެރި އެތައް ޒުވާނުންނެއް ރާއްޖޭގައި އެބަތިއްބެވެ. އެކަމަކު މައްސަލައަކީ އެ ހުނަރުވެރިންގެ ހުނަރުތައް ވިޔަފާރީގެ އުސޫލުން އުފެއްދޭނެ ވަސީލަތްތަކެއް ނެތުމެވެ. އެކަމަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން މިވަނީ މިފަދަ ޒުވާނުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްވާނެ ކްރިއޭޓާސް ހަބެއް އަޅާން ނިންމާ އެކަން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.

ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު މުހައްމަދު ވިދާޅުވި ގޮތުގައި މި އިމާރާތް އަޅަން ނިންމާފައިވަނީ ޗާންދަނީމަގުގައި ހުރި 1،500 އަކަފޫޓުގެ ބިމެއްގައި 11 ބުރިއަށެވެ. މި ބިނާ ވެގެންދާނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކްރިއޭޓިވް އިންޑަސްޓްރީއެއް އުފައްދަން ކުރައްވާ މަސައްކަތްތަކަށް މުހިންމު ފެށުމަކަށެވެ. މަގުސަދަކީ މި އިމާރާތް އަންނަ އަހަރުގެ ކުރީކޮޅު ހުޅުވުން ކަމަށް ވެސް ޒިޔާ ވިދާޅުވި އެވެ.


"މި [ކްރިއޭޓާސް ހަބް ]ގައި ކްރިއޭޓިވް މަސައްކަތްތައް ކުރަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހުންނާނެ. ފްރީ ލާންސްކޮށް މަސައްކަތްކޮށްލާ ކުދިންނަށް މިތަނަށް ގޮސް މަސައްކަތްކޮށްލެވޭނެ ޖާގަ ހިމެނޭ. އިމާރާތުގައި އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ،" ބީސީސީގެ އިސް މަގާމު ތަކެއް ފުރުއްވި ޒިޔާއު ވިދާޅުވި އެވެ.

އުފެދުންތެރި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް

އޭނާ ވިދާޅުވީ މި އިންވެސްޓްމަންޓް ވެގެންދާނީ ދިވެހި ޒުވާނުންގެ ކުރި މަގަށް ސަރުކާރުން ކުރައްވާ މުހިންމު ހޭދައަކަށް ކަމަށެވެ. އަދި މިތަން ބޭނުން ކުރުމުގެ އުސޫލާއި އަގު ކަނޑައަޅާނީ އެކި ދާއިރާތަކާ މަޝްވަރާކޮށް ލިބޭ ހިޔާލުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް ބިސީސީގެ ސީޑް [ވޯކް ސްޕޭސް] އެއް އެބަހުރި. އެތަން ވެސް ދުވާލަކު 25 ވަރަކަށް ކުދިން އެބަ ބޭނުން ހިފާ. އެކަމަކު ޖާގައިގެ ދަތިކަން ބޮޑު. އެހެންވެ މިތަނުގެ ސަބަބުން ކްރިއޭޓިވް އެތައް މަސައްކަތް ތަކެއް ކުރާ ޒުވާނުންނަށް ފުރުސަތު ފަހި ވެގެންދާނެ،" ޓީވީއެމްގައި ޒުވާނުންގެ ގިނަ ޕްރޮޑަކްޝަންތަކެއްގައި އިސްކޮށް މަސައްކަތް ކުރެއްވި ޒިޔާއު ވިދާޅުވި އެވެ.

ބީސީސީގެ ކްރިއޭޓިވް ހަބް ޑިޒައިން އެންޑް ބިލްޑް އުސޫލުން އިމާރާތް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޕްރީބިޑް މީޓިން އޮންނާނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި ބިޑް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ މިމަހުގެ 14 ވަނަ ދުވަހެވެ.

އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ކެބިނެޓުގެ ނިންމެވުމަކާއެކު ސަރުކާރުން ވަނީ ރާއްޖޭގައި ކްރިއޭޓިވް އިންޑަސްޓްރީއެއް އުފައްދަން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. މިގޮތުން އީޖާއީ މަސައްކަތްތައް ކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ދޭން ބީސީސީގައި ފަންޑެއް އުފައްދަން ވެސް ކަނޑައަޅާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.