ކަނޑު ހޯދުމުގެ މަސައްކަތަށް ބޭރުގެ ދެ އެކްސްޕާޓުން ހަމަޖައްސައިފި

ޔޫކޭގެ ކިންގްސް ކައުންސިލަކާއި މޯލްޓާގެ ލޯ އޮފް ދަ ސީގެ ޕްރޮފެސަރަކު ހަމަޖައްސާފައިވާ އެ ބޭފުޅުންގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގެ ތަފްސީލް ވެސް ހިއްސާ ކުރެއްވި އެވެ.

އިއްޔެގެ ކެބިނެޓްގެ ނިންމުންތައް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ހާމަ ކުރައްވަނީ

ދިވެހިރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ މައްސަލައާ ގުޅިގެން ދެން އެޅެން ހުރި ފިޔަވަޅުތައް ބެލުމަށާއި ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެކަމާ ގުޅޭ މަސައްކަތްތައް ކުރުމަށް ބޭރުގެ ދެ އެކްސްޕާޓުން ހަމަޖައްސައިފި އެވެ.

އިޓްލޮސްގެ ނިންމުމާ އެކު ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ ގަބޫލުކުރާތީ އެ މައްސަލަ ރިވިއު ކުރުމަށް މިހާރުގެ ސަރުކާރުން ވަނީ ނިންމާފައެވެ. އެ މަސައްކަތަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާ ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ މަސައްކަތް ކޮށްފައެވެ.

އެ މަސައްކަތުގެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވާ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވި ކަނޑުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ މަސައްކަތްތަކަށް ބޭރުގެ ދެ އެކްސްޕާޓުން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ޔޫކޭގެ ކިންގްސް ކައުންސިލަކާއި މޯލްޓާގެ ލޯ އޮފް ދަ ސީގެ ޕްރޮފެސަރަކު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެ އެ ބޭފުޅުންގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގެ ތަފްސީލް ހިއްސާ ކުރެއްވި އެވެ.

"އެ ބޭފުޅާ [މޯލްޓާގެ ފްރޮފެސަރު] ގެ ރިޕޯޓް މި މަހުގެ މެދުތެރޭ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކެބިނެޓަށް ލިބޭނެ. ޔޫކޭގެ ރިޕޯޓް ފެބްރުއަރީ މަހުގެ ތެރޭގައި ލިބޭނެ. މި ދެންނެވި އެކްސްޕާޓުންގެ ރިޕޯޓްތަކަށް ބަލާ ތައްޔާރު ކުރާ ފައިނަލް ރިޕޯޓް ފެބްރުއަރީ މަހުގެ ފަހުކޮޅު ކެބިނެޓަށް ހުށައެޅިގެންދާނެ،"

ބޭރުގެ އެކްސްޕާޓުންނަށް ދައުލަތުން ކުރަނީ ކިހާ ވަރެއްގެ ހޭދައެއްތޯ ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ އެކަމުގެ ތަފްސީލް ބަންޑާރަ ނާއިބުގެ އޮފީހުން ފަހުން ހާމަ ކުރާނެ ކަމަށެވެ. 

ކަނޑު ހޯދުމުގެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި، މި މި ސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި ބަންޑާރަނާއިބު ވަނީ ހާއްސަ ކޮމިޓީއެއް އުފައްދަވާފައެވެ. ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ؛

  •  ކުރީގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލް
  •  ކާނަލް އަހްމަދު މުޖްތަބާ (ޑިފެންސް މިނިސްޓްރީގެ ފަރާތުން)
  •  އަހްމަދު ޝިއާން (ފޮރިން މިނިސްޓްރީގެ ފަރާތުން)

ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ ކުރީގެ ބަންޑާރަ ނާއިބު އަނިލްގެ ބެއްލެވުމުގެ ދަށުން ކަމަށާ މި ކޮމިޓީ ގައި އަނިލް މަސައްކަތް ކޮށްދެއްވަނީ އެއްވެސް އަގެއް ނުނަންގަވާ ގޮތަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް އޮގަސްޓް 22، 2023 ގައި ފޮނުއްވާފައިވާ ސިޓީގެ ކޮޕީ ވެސް މިހާރު ވަނީ ބަންޑާރަނައިބުގެ އޮފީހާ ހިއްސާފައި ކަމަށާ އެ ސިޓީއާ ގުޅިގެން މޮރިޝަސްގެ ބޮޑުވަޒީރު ފޮނުއްވެވި ޖަވާބުގެ ސިޓީވެސް ބަންޑާރަ ނާއިބުގެ އޮފީހާއި ހިއްސާކޮށްފައިވާ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ރައީސް ސޯލިހް ފޮނުއްވެވި ސިޓީ ވަނީ ސަރުކާރުން މިހާރު ވަނީ އާންމު ކޮށްފައެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހްގެ ފޮނުއްވެވި ސިޓީއަކީ ޖޫން 24، 2022 ގައި ރުވާންޑާ ގައި ބޭއްވުނު ކޮމަންވެލްތުގެ ހެޑް އޮފް ގަވާމަންޓް މީޓިންގެ ހަވާގައި މޮރިޝަސްގެ ބޮޑުވަޒީރާއި ރައީސް ސޯލިހާއި ދެއްކެވި ވާހަކަފުޅަށް ހަވާލާ ދެއްވާ ފޮނުއްވެވި ސިޓީއެއް ކަމަށެވެ. ނަމަވެސް އެ ބައްދަލް ކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅާއި މަޝްވަރާތަކާއި ގުޅޭ އެއްވެސް ކަމެއް ލިޔެކިޔުމުން ފެންނަން ނެތް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.