ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން އަމީނީމަގުގެ މަސައްކަތް ވަނީ ހުއްޓިފައި. އެ ސަރަހައްދަކީ އެހާ ރައްކާތެރި ސަރަހައްދެއް ނޫން ކަމަށާއި އެ ސަރަހައްދަށް ނުވަނުމަށް އެ ކުންފުނިން އަންގައިފި.
މާލެ އަށް ބޯކޮށް ވާރޭ ވެހި ވިއްސާރަވުމުގެ ސަބަބުން އަމީނީ މަގު ހެދުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ރޭ ދަންވަރުން ފެށިގެން މާލެ އަށް ބޯކޮށް ވާރޭ ވެހި އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވެއެވެ. ވިއްސާރަވެއްޖެނަމަ އަމީނީ މަގަކީ މާލޭ ސިޓީގައި ފެންބޮޑުވެ ބޭނުން ކުރަން އެންމެ ދަތި މަގެވެ.
މިހާރު މާލެއަށް މި ކުރަމުންދާ ވިއްސާރާގައި އަމީނީމަގު ގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ވިއްސާރައިގެ ސަބަބުން އަމީނީ މަގުގެ މަސައްކަތް ނުކުރެވި ވަނީ މެދުކެނޑިފައެވެ.
އަމީނީ މަގުގެ މަސައްކަތް މިހާރު ކުރަމުންދާ ސަރަހައްދަކީ ހިނގާބިނގާވެ އުޅުމަށް އާންމުންއަށް ރައްކާތެރި ސަރަހައްދަކަށް ނުވާތީ އެ ސަރަހައްދަށް އާންމުން ނުވަނުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
އެ ކުންފުނިން ބުނީ އަމީނީމަގުގެ މިހާރު ހަދަމުންދާ ސަރަހައްދަކީ މިވަގުތު ވަދެ އުޅެން ރައްކާތެރި ސަރަހައްދެއް ނޫން ކަމަށެވެ. އެހެން ކަމުން އާންމުން އެ ސަރަހައްދަށް ނުވަނުމަށް ވަނީ އިލްތިމާސް ކޮށްފައިވެ އެވެ.