ސަރުކާރުގެ އަމާޒަކީ ނުހެދި ހުރި ރިސޯޓުގެ 50 ޕަސެންޓް މި ދައުރުގައި ހެދުމެވެ. އެކަން ކުރަން ގާނޫނާއި ގަވައިދުތައް އިސްލާހު ކުރަން ޖެހިއްނެނަމަ އެކަންވެސް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެއެވެ.
ރާއްޖޭގައި ނުހެދި 80 އަށްވުރެ ގިނަ ރިސޯޓް އެބަހުއްޓެވެ. މީގެތެރޭގައި ނުހެދި އޮންނަތާ 10 ނޫނީ 12 އަހަރުވީ ރަށްތަކެއް ވެސް ހިމެނެ އެވެ. ނަމަވެސް މި ރަށްތައް ހަދަން ސަރުކާރަކަށް ކުރެވުނު ކަމެއް ނެތެވެ. މިދިޔަ ސަރުކާރުން މި ރަށްތައް ހަދަން މަގު ފަހި ކުރުމުގެ ގޮތުން ޓޫރިޒަމް ގާނޫނަށް ބޮޑު ބަދަލެއް ވެސް ގެނަ އެވެ. ނިމިދިޔަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ޓޫރިޒަމް ގާނޫނަށް ގެނައި ބަދަލު ސިފަކުރައްވައި ވިދާޅުވި ގޮތުން އެ ބަދަލުގެ ސަބަބުން އިންވެސްޓަރުން ރާއްޖެއަށް ފައިބަން ފަށާނެ އެވެ. ނަމަވެސް އފަސް އަހަރު ނިމިގެން ދިޔައިރު ވެސް ނުހެދި ހުރި ރަަށްތަށް ހެދޭނެ ފޯމިއުލާއެއް ނުހޯދުނެވެ.
ވެރިކަން ބަދަލުވެ އާ ސަރުކާރުން ވެސް މިވަނީ ނުހެދި ހުރި ރިސޯޓްތައް ހެދުމުގެ ވާހަކަ ފަށާފަ އެވެ. ރާއްޖޭގައި ފްރީޒްވެފައި ހުރި ބިލިއަން ޑޮލަރުގެ ބޮޑު މި އެސްޓް އަން ފްރީޒް ކުރާނެ ކަމުގެ ޔަގީންކަން ދޭން ފަށާފަ އެވެ. މި ފަހަރު ވާނީ ކިހިނަކުން ހެއްޔެވެ؟ އެ ރިސޯޓްތައް ނިންމާ ހުޅުވޭނެ ހެއްޔެވެ؟
"މިހާރު ޓޫރިޒަމް ދާއިރާ އަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ނުހެދި ގިނަ އަދަދެއްގެ ރަށްތައް ހުރުން. ހިސާބުތަކުން ދައްކާ ގޮތުން 63 ރަށެއް އެބަހުރި އެވޯޑްކޮށް ނުހެދި. ބައެއް ރަށްތަށް އެބަހުރި 10 ނޫނީ 15 އަހަރުވެފަ ނުހެދި. އެ ރަށްތައް ހަދަން މިހާރު ފުރަތަމަ ކުރަމުން މިދާ މަސައްކަތަކީއައިޑެންޓިފައިކޮށް އެ ރަށްތަކަށް އިންވެސްޓްކޮށްގެން ތިބި ވިޔަފާރިވެރިން ހޯދުމުގެ މަސައްކަތް،" ފައިސަލް ވިދާޅުވި އެވެ.
ނުހެދި ހުރި ރަށްތައް ހަދަން ބާރު އެޅުމުގެ ގޮތުން މަޖލީހުގެ ސުޕަ މެޖޯރިޓީ އޮވެ މިދިޔަ ސަރުކާރުން ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނަ އެވެ. އެ އިސްލާހާއެކު ހެދި ގަވައިދުގެ ދަށުން ޓޫރިޒަމް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތައް ތިން އަހަރުތެރޭގައި ހަދަން ޖެހެ އެވެ. އެހެންނޫންނަމަ އެ ރަށްތައް އޮޓަމެޓިކުން އޭގެ ވެރިންގެ އަތުން އުނިވެގެންދާނެ އެވެ.
ނުހެދި ހުރި ރަށްތަކުގެ ލިސްޓް ޓޫރިޒަމް މިނިސްޓްރީން ކިޔާއިރު އެކި ފަހަރު ކިޔަނީ އެކި ނަމްބަރެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ބުނި ގޮތުން ރާއްޖޭގައި ނުހެދި ހުރީ 85 ތަނެކެވެ. އެއީ 61 ރަށާއި 24 ފަޅެކެވެ.
ރިސޯޓް ހަދަން ހެދި ގަވައިދުގައި އޮތީ ކީކޭ ؟ ޓޫރިޒަމް މިނިސްޓްރީން ރަަށްތައް ހަދަން ބާރު އަޅައި ހެދި އާ ގަވާއިދުގައިވާ ގޮތުން ކޮންސްޓްރަކްޝަން ޕީރިއަޑްގެ ތެރޭގައި ތަރައްގީ ކުރެވިފައި ނުވާ ތަންތަނުގެ ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެވޭނީ ގިނަވެގެން ތިން އަހަރު ދުވަހުގެ މުއްދަތަކެވެ.
އަދި މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ލުއިތަކަށް އެދި ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމަށް ތިން މަސް ދުވަހުގެ ފުރުސަތެއް ދޭން ޖެހެއެވެ. އެ ލުއިތަކަށް އެދި ހުށަހަޅައިފައި ނުވާ، ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްގީ ކުރެވިފައި ނުވާ ތަންތަނުގެ ކުލީގެ އެއްބަސްވުން ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީ އަށް ލިބިގެންވެ އެވެ. މިއީ 17، ޖޫން 2021 ގެ ގަވައިދެކެވެ.
މި އިސްލާހަށް އޭރުގެ މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވާ ގޮތުގައި ގަވައިދުގައި ތިން އަހަރު އޮތަސް ސަރުކާރުން ބަލަހައްޓާކަށް ނުތިބޭނެ އެވެ.
"ތިން އަހަރު ވަންދެން އަޅުގަނޑުމެން ނުތިބޭނަން. އެއީ އަޅުގަނޑުމެން ބެލި ބެލުމުން ރިސޯޓެއް އެންމެ ބާރު ސްޕީޑުގައި ވެސް އާންމު ގޮތެއްގައި މި ހެދެނީ ދޮޅު އަހަރުން. އެހެންވީމަ ތިން އަހަރުން ނިމެންޏާ ދޮޅު އަހަރު ތެރޭ ހަދަން ފެށިފަ ހުންނަން ޖެހޭނީ،" މައުސޫމް ވިދާޅުވި އެވެ. އެކަމަކު ފަހުން ވީކަމެއް ނެތެވެ. ރަށެއް ހުޅުވުނުކަން ނުވަތަ ނޫންކަން ވެސް ސަރުކާރަކުން ނުބުނެ އެވެ.
މިހާރުގެ ނުހެދި ހުރި ރައްތަކުގެ ސަބަބުން އަހަރަކު 1.4 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 21.5 ބިލިއަން ރުފިޔާ) ނުވަތަ ފަސް އަހަރު ދުވަހަށް ބަލާނަމަ ހަތް ބިލިއަން ޑޮލަރު ނުވަތަ 107 ބިލިއަން ރުފިޔާގެ ގެއްލުމެއް ދަނީ ރާއްޖެ އަށް ވަމުންނެވެ.
ސަރުކާރުން އެންމެފަހުން ނެރުނު އިގްތިސޯދީ ހާލަތުގެ ރިޕޯޓު ހާވާލުމުން އެނގޭ ގޮތުން ނުހެދި ހުރި ރަށްތަކުގެ ސަބަބުން ރާއްޖެ އަށް ކުރަން ޖެހޭ ފައިދާ ނުލިބި ބޮޑު އޮޕަރޭޝަނަލް ކޮސްޓެއް އަދާ ކުރަން ވަނީ މަޖުބޫރުވެފައި ވެއެވެ.
ރަށްތައް ނުހެދޭތީ ޓޫރިޒަމުން ސަރުކާރަށް ލިބެން ޖެހޭ އާމްދަނީ ދަނީ ގެއްލެމުންނެވެ. އަދި ރިސޯޓްތަކުން އިގްތިސޯދުގެ އެހެނިހެން ދާއިރާތަކަށް ނުސީދާ ގޮތުން ލިބެން އޮތް މަންފާ ވެސް ގެއްލިފައި ވެއެވެ. އެ ރަށްތައް ހުޅުވިއްޖެނަމަ އެންމެ މަދުވެގެން 21،000 އެނދު އުފެދޭނެ އެވެ. އެ ރަށްތައް ނުހެދި
ލަސްވަމުން ދިއުމާއެކު މި ފުރުސަތު ވެސް ވަނީ ގެއްލިފަ އެވެ.
މީގެ އިތުރުން އެ ރިސޯޓްތަކުގެ ސަބަބުން ކައިރި ރަށްތަކުން އުފެދެން ޖެހޭ ވަޒީފާތަކެއް ނުއުފެދި ވަނީ ގެއްލިފަ އެވެ. އަންދާޒާ ކުރެވިފައިވާ ގޮތުގައި އެ ރިސޯޓުތައް ހުޅުވިއްޖެނަމަ 16،000 ވަޒީފާ އުފެދޭނެ އެވެ.
ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތައް އެންމެ ގިނައީ މާލެ އަތޮޅުގަ އެވެ. މި އަތޮޅުގައި 25 ފަޅެއް ޓޫރިޒަމަށް ދޫކޮށްފައިވާއިރު ނުހެދި 29 ރަށެއް އެބައޮތެވެ. ނުހެދި ހުރި ރަަށްތައް ދެން އެންމެ ގިނައީ ދުނިޔޭގެ އެންމެ ބޮޑު އަތޮޅު ގއ. ގަ އެވެ. މާލެއާ ދުރުގައި އޮންނަ މި އަތޮޅުގައި 10 ރަށެއް ޓޫރިޒަމަށް ދޫކޮށް ނުހެދި ވެއެވެ. އެވްރެޖުކޮށް ދެ ރިސޯޓާއި ހަތަރު ރިސޯޓާ ދެމެދުގެ އަދަދެއް ރިސޯޓް ހަދަން ދޫކޮށް ނުހެދި ހުރިކަމަށް ދައްކަ އެވެ.
ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި ނުހެދި ހުރި ރަަށްތައް ހަދަން ސަރުކާރުން އެ ދައުރުގައި ދިޔައީ ބާރު އަޅަމުންނެވެ. މިގޮތުން އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާ ގުޅިގެން މި ރަަށްތަކުގެ ސިޗުއޭޝަން ޕްރިމިލިނަރީ އެސެސްމަންޓެއް ހެދި އެވެ. މި އެނާލަސިސްގެ ނިންމުންތަކަށް ރިޔާޔަތްކޮށް ނުހެދި ހުރި ރަށްތަަށް ނިންމައި އޮޕަރޭޝަނަށް ގެންނަން ކުރެވޭނެ ކަންކަން ދެނެގަނެވި މިކަން ކުރަން ސަރުކާރުން އެހީވެދޭނެ ދާއިރާތަށް ކަނޑައެޅުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. ނަމަވެސް މީގެ އެއްވެސް ނަތީޖާއެއް ސަރުކާރުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައި ނުހެދި ހުރި ރަށްތަކުގެ ލިސްޓެއް މިހާތަނަށް ވަނީ އެކުލަވާލާފައެވެ. ދެން އޮތީ އިންވެސްޓަރުންނާ ވާހަކަ ދައްކައިގެން ރަށްތައް ހެދުމެވެ.
"އެ ބޭފުޅުން ގެނެސް ސަރުކާރަށް ނޫނީ ޓޫރިޒަމް މިނިސްޓްރީ އަށް ކޮށްދެވޭނެ ކަންތައްތަކަކީ ކޮބައި ތޯ ބަލާނަން. މިކަމުގައި އެޓާނީ ޖެނެރަލްއާ ވެސް މިދަނީ މަޝްވަރާ ކުރަމުން މިހެން ހުރި ރަށްތައް ހަދަން ކޮން ފަސޭހަތަކެއް ތޯ ގަވައިދާއި ގާނޫނުން ގެނެސްދެވޭނީ. މި ބަދަލު ގެންނާނީ އިންޑަސްޓްރީގެ އެކްސްޕާޓަރުންނާއި ބޭފުޅުންގެ ހިޔާލު ހޯދައިގެން. އަމާޒެއް ނުހެދި ހުރި ރިސޯޓްތަކުގެ 50 ޕަސެންޓް ހެދުން. އެ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައި ދީގެން ރިސޯޓްތައް ނެރުން،" ފައިސަލް ވިދާޅުވި އެވެ.
ސަރުކާރުގެ ވިސްނުން ހުރީ ރާއްޖެ އަށް އިންވެސްޓްމަންޓް ބޭންކެއް ގެނެސް، މިގޮތަށް ހުރި ވިޔަފާރިތަކަށް ފައިނޭންސިން ދީގެން ކުރިއެރުވުމެވެ. ކުރި އަރުވަން މަގުފަހި ކުރުވުމެވެ.
މި މަސައްކަތް ފަށާއިރު ދިވެހި ވިޔަފާރިވެރިން މިހާރު ރިސޯޓް ހަދަނީ ބޭރުގެ ފަރާތްތަކާ ޕާޓްނާޝިޕް ހަދައިގެންނެވެ. މިދިޔަ އަހަރު އިއުލާނު އިއުލާނު ކުރި ބޮޑެތި ރިސޯޓް އިންވެސްޓްމަންޓްތަކަށް ބަލާއިރު ވެސް ފެންނަނީ މި މޮޑެލް އެވެ.
މިދިޔަ އަހަރު އިތާފުށީގެ އޯނަރުންގެ ކުންފުންޏަކުން ރާއްޖޭގައި އަލްޓްރާ ލަގްޒަރީ ރޯސްވުޑްގެ ރިސޯޓެއް ހަދާނެކަން އިއުލާނު ކުރި އެވެ. މި ރިސޯޓް ހުޅުވަނީ މާލެ އަތޮޅުގަ އެވެ. މި ބިޔަ އިންވެސްޓްމަންޓުގެ އަގު އެތައް ސަަތޭކަ މިލިއަން ޑޮލަރަށް އަރަ އެވެ. ރިސޯޓުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ނިންމަން ކަނޑައަޅާފައި ވަނީ 2025 ގަ އެވެ.
މިފަދަ ގިނަ އިންވެސްޓްމަންޓްތައް މިހާރު ހަދަނީ ބޭރުގެ ޕާޓްނަރުންނާއެކުގަ އެވެ. އެކަމަކު މި ފައިސާގެ ބައެއް ލުއި ގޮތަކަށް ރާއްޖޭން ލިބޭނެ ގޮތް ވެއްޖެނަމަ ދިވެހި ޒުވާން އިންވެސްޓަރުން ތަކެއް ވެސް އުފެދިގެންދާނެ އެވެ. މިއީ މުސްތަގުބަލުގައި ރާއްޖޭގެ ޓޫރިޒަމާއި އިގްތިސޯދަށް އަންނާނެ ބޮޑު ކުރިއުމަކަށްވާނެ އެވެ.