"އަހަރެން މިއުޅުނީ ފަޔާޒްގެ ކަންތަކުގަ.. އެކަން ވެއްޖެ. ފަޔާޒަށް އެ ޙާލު ޖެއްސި މީހުން ހޯދިއްޖެ! ފަޔާޒްގެ އެއްވެސް ކުށެއް ނެތް. މީ ބައެއްގެ ވަރަށް ނުބައި ރޭވުމެއް."
- އެޕިސޯޑް 50 –
ދޮރާ ދިމާލަށް ބަލަހައްޓައިގެން ހުރި ސަމާގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. މާނިއު ކުރި ކަންތަކުން ސަމާ ވެއްޓިގެން އެދިޔައީ ބޮޑު ނުރައްކަލެއްގެ ތުންފަތްމައްޗަށެވެ. ސަމާ ގޮތް ހުސްވެއްޖެއެވެ. އޭނާގެ ހިތުގައި އުފެދުނު ބިރުވެރިކަން ކޮޅުނެތްކޮޅަށް ދިޔައެވެ. ދޮރުގައި ޓަކި ޖަހަމުންދާ އަޑަށް އޭރުވެސް ބަދަލެއް ނާދެއެވެ. އެމީހަކު ގެންދިޔައީ ދޮރުގައި ޓަކި ޖަހަމުންނެވެ. ސަމާ ދާހިއްލާ ގޮތްވިއެވެ.
"ކާކު؟"
ސަމާ ޖެހިލުންވެ ހުރެ އަހައިލިއެވެ. އެކޮޅުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އަނެއްކާ ވެސް ސަމާ ކުރި ސުވާލު އޭނާ ތަކުރާރު ކޮށްލިއެވެ. މިފަހަރު ޖަވާބު އައެވެ. ނަމަވެސް އެމީހަކު ވާހަކަ ދެއްކީ އެމީހާގެ އަސްލު އަޑުންނެއް ނޫނެވެ. އަޑު ބަރުކޮށްލާފައެވެ. ސަމާއަށް ފަހަތަށް ފިޔަވަޅެއް ނެގުނީ އޭނާގެ އިޚްތިޔާރުން ބޭރުންނެވެ.
ސަމާ ވަރަށް އަވަސްކޮށް އޭނާގެ ފޯނު ނެގިއެވެ. މާއިޒަށް ގުޅަން ޑައިލްކޮށްލަން އުޅެނިކޮށް އެމީހާގެ އަޑު ސަމާގެ ކަންފަތުގައި އަނެއްކާ ވެސް ޖެހުނެވެ. ސަމާއަށް ލިބެމުން ދިޔައީ އިންޒާރުގެ ބަސްތަކެކެވެ. ކަތިލާނެ ކަމަށެވެ. މަރާލާނެ ކަމަށެވެ. އަބަދަކު ފިލައިގެން އުޅެން ލާހިކެއް ނޫން ކަމަށެވެ. ހިންގި ޖަރީމާގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. ދެން އިވުނީ އެމީހަކު ހިނގައިގަން އަޑެވެ.
ފޯނު އަތުގެ ތެރެއަށް ލައިގެން ހުރެ، ސަމާ ޖެހިގަތީ ސިޓިންގރޫމްގައި އިން ސޯފާއަށެވެ. ހަމަ އެއާ އެކުގައި ސަމާއަށް ގިސްލަ ގިސްލާފައި ރޯން ފެށިއްޖެއެވެ. ކުރިއަށް އަޅަން ވީކޮން ފިޔަވަޅެއްކަން ނޭނގި ސަމާ ހާސްވެއްޖެއެވެ. ހަދާނެ ގޮތް ހުސްވެ، އެންމެ ފަހުން ސަމާ ނިންމީ ރިޝްފާއަށް ގުޅާށެވެ. މިވާހަކަތައް ކިޔާދޭށެވެ. އޭރުން މިކަމުން ސަލާމަތް ވާނެ އަލި މަގެއް ރިޝްފާ ދައްކާދޭނެ ކަމުގެ ކޮންމެވެސް ވަރެއްގެ އުއްމީދަކާ އެކުގައެވެ.
***
ނާޝިދުގެ ފޯނު ރިންގުވާ ފެށުމާއި އެކުގައި އޭނާ އަވަސްކޮށް ފޯނަށް ޖަވާބު ދިނެވެ. ނާޝިދު ބުނި ގޮތަށް ހުރިހާ ކަމެއް ވެސް ކޮށްފައިވާ ކަމުގެ ޔަޤީންކަން އެކޮޅުން ވާހަކަ ދެއްކި މީހާ ދިނެވެ. ސަމާ ހުންނާނީ ބިރުން ކަމަށާއި، އޭނާގެ އަޑުން އެކަން ކިތަންމެހާ ވެސް ބޮޮޑަށް އެނގުނު ކަމުގައި އެމީހާ ބުންޏެވެ. ހުރިހާ ކަމެއް ވެސް ޕްލޭނާ އެއްގޮތަށް ހިނގާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ނާޝިދަށް ދެމުން އެމީހާ ފޯނު ބޭއްވިއެވެ. އެއާ އެކު ސޯފާގައި ނާޝިދު ހަމަޖެހެލިއެވެ. ފުން ނޭވާއެއް ދޫކޮށްލިއެވެ. ދުނިޔެއާ މެދުގައި ނާޝިދަށް ވިސްނާލެވުނެވެ. އިންސާނުންގެ ސިފައިގައި އުޅޭ ޖަނަވާރުންގެ ނުބައިކަމާއޭ ނާޝިދަށް ހިތާހިތާ ކިޔާލެވުނެވެ.
ފުންޚިޔާލެއްގެ ތެރެއިން ނާޝިދަށް ހޭވެރިކަންވީ ހައިކަލްގެ ސަލާމްގެ އަޑަށެވެ. ސަލާމަތް ޖަވާބު ދެމުން ނާޝިދު ގޮސް ދޮރު ހުޅުވާލިއެވެ.
"އަހަރެން ވަރަށް ގުޅައިފިން.. ކޮންތާކު ތި އުޅެނީ؟" ހައިކަލްގެ ފަރާތުން ފެނުނު ހާސް ކަމުން ނާޝިދަށް ލިބުނީ ހައިރާން ކަމެކެވެ.
"އަހަރެން މިއުޅުނީ ފަޔާޒްގެ ކަންތަކުގަ.. އެކަން ވެއްޖެ. ފަޔާޒަށް އެ ޙާލު ޖެއްސި މީހުން ހޯދިއްޖެ! ފަޔާޒްގެ އެއްވެސް ކުށެއް ނެތް. މީ ބައެއްގެ ވަރަށް ނުބައި ރޭވުމެއް." ނާޝިދު ބަލައިލީ ހައިކަލްގެ މޫނަށެވެ. ނާޝިދު ދެއްކި ވާހަކަތަކުން ހައިކަލަށް އެއްވެސް އަސަރެެއް ނުކުރިއެވެ. ވަތް އިރު އެ ފެނުން ގަނބު ކަމާއި، ހާސްކަން ނޫން އިތުރު ކަމެއް އެ މޫނުމަތިން ފެންނާކަށް ނެތެވެ. ހައިކަލްގެ މޫނުމަތި ވަނީ ކިލަނބުވެފައެވެ. ފަޔާޒަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހައިކަލަށް ކަމެއް ވެއްޖެއެވެ. ޔަޤީންކޮށް ވެސް ހައިކަލަށް ކޮންމެ ވެސް ބޮޑު ކަމެއް ވެއްޖެކަން ނާޝިދަށް ޔަޤީން ކުރެވުނެވެ. ނާޝިދު މަޑުމަޑުން ހައިކަލްގެ ކޮނޑުގައި އަތް އަޅުވާލިއެވެ.
"ކިހިނެއްވީ ހައިކަލް؟ އެވަރަށް ގުޅީ... އަނެއްކާ ކަމެއް ގޯސްވީތަ؟" ނާޝިދު އަހައިލީ ހައިރާން ކަމާއި އެކުގައެވެ. ހައިކަލްގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. ކަޅި ޖަހާ ނުލާ ހައިކަލް ބަލަން ހުރީ ނާޝިދަށެވެ. ހައިކަލް މަސައްކަތް ކުރަމުން ގެންދިޔައީ އޭނާގެ ދޫ ހަރަކާތް ކޮށްލުމަށެވެ. ނަމަވެސް ދުލުން ބޭރު ކުރަން ޖެހޭ ވާހަކަ ތަކުގެ ބަރުދަން ބޮޑުކަމުން ހައިކަލަށް އުނދަގޫ ވަނީއެވެ. ފަސް ޖެހެނީއެވެ. ނަމަވެސް ބުނަން ވަރަށް ބޭނުމެވެ.
"ނާޝިދު.."
ވަރަށް ހިތްވަރުކޮށްފައި ހައިކަލް އޭނާގެ ދޫ ހަރަކާތްކޮށްލިއެވެ. އެއްވެސް އެއްޗެއް ނުބުނެ ނާޝިދުގެ ކަޅި ހުއްޓިފައި ވަނީ ސީދާ ހައިކަލްގެ ދެލޮލަށެވެ.
"ނިއުޝާ... ނިއުޝާ..."
ހައިކަލަށް ވެފައިވާ އުނދަގޫކަން ކުޑަކުރެވޭތޯ ނާޝިދު މަޑުމަޑުން އޭނާގެ ދެއަތުން ހައިކަލްގެ ކޮނޑުގައި އަތް އަޅާލައި މަޑުމަޑުން ފިއްތާލިއެވެ. ހައިކަލް ބުނަން އުޅެނީ އަނެއްކާ ކޮން ވާހަކައެއް ބާއޭ ހިތަށް އަރާފައި ނާޝިދަށް ވެސް މިހާރު އުނދަގޫ އިޙްސާސެއް ވާން ފަށައިފިއެވެ.
"ނިއުޝާގެ ބަނޑުގައި އޮތީ ފަޔާޒްގެ ދަރިއެއް ނޫން.." ހައިކަލް ދެލޯ މަރާލާފައި އެއް ނޭވާއިން ބުނެލިއެވެ. ނާޝިދަށް އެޅުނީ ފަހަތަށް ފިޔަވަޅެކެވެ. ހީވީ ނާޝިދު ފަހަތަށް ވެއްޓެން އުޅުންހެންނެވެ. މިއީ ހަމަ ނާޝިދު ހީކޮށްގެން ހުރި ގޮތެވެ. ހައިކަލް އާއި ނިއުޝާ ގާތް ކުރީ ވެސް ނާޝިދަށް އެކަމާ ޝައްކު ވެގެން އެކަމުގެ ޙަޤީޤަތް ހޯދާށެވެ. ހުރިހާ ކަމެއް ވެސް މިވަނީ ނާޝިދު ހީކުރި ގޮތަށެވެ. މިއީ ޔަޤީންނުން ވެސް ނާޝިދު ފަޔާޒަށް ކުރި ގަދަ އިތުބާރުގެ ދަލީލެވެ.
އެއްވެސް އެއްޗެއް ނުބުނެ ނާޝިދު ގޮސް އިށީންނީ ސޯފާގައެވެ. ފުންކޮށް ނޭވާއެއް ލަމުން، ނާޝިދު އޭނާގެ ބޮލުގައި ދެއަތް އަޅުވާލަމުން އިސް ޖަހާލިއެވެ. އަދި ދެލޯ މަރާ ބާރުކޮށްލަމުން ހިން ދިރުވާލިއެވެ.
***
ފޯނަށް ބަލަހައްޓައިގެން އިނދެފައި ސަމާ ގުޅައިލީ ރިޝްފާއަށެވެ. އޭރުވެސް ސަމާގެ ނޭވާ އަވަސްވެފައިވާ ވަރުން ހީވަނީ ބޮޑު ރޭހެއް ޖަހަމުންދާ ހެންނެވެ.
"އަޅެ ރިޝްފާ.. އަހަރެން ސަލާމަތް ކޮށްދީ! ހެޔޮނުވާނެ!" ރިޝްފާ ފޯނު ނެގުމާ އެކުގައި ސަމާ ފެށީ ރޯންށެވެ. އެވަގުތަކީ އޮފީހުން މާއިޒް ގެއަށް އައިސް ވަތް ވަގުތެވެ. ސަމާ ފޯނުން ދެއްކި ހުރިހާ ވާހަކައެއް ގޭގެ ދޮރު ކައިރީގައި ހުއްޓިގެން ހުރި މާއިޒަށް ދިޔައީ ވަރަށް ސާފު ކޮށް އަޑު އިވެމުންނެވެ.
"އޯކޭ ރިޝްފާ.... އަޅެ އަހަރެން ސަލާމަތްކޮށްދެއްޗޭ ރިޝް.. އަހަރެން މިވަގުތު މިދަނީ ލެމަންގްރާސްއަށް.. ރިޝްއާ މީޓް ކުރަން.. އަހަރެން ސޭފެއް ވެސް ނޫން ނުކުންނާކަށް.. އެކަމުވެސް.. ރިޝްއާ ދިމާވެގެން ރަނގަޅު ގޮތެއް ދެމީހުން ނިންމާނީ.. އަހަރެން ކާރެއްގަ މިދަނީ އިނގޭ! މާއިޒް ވެސް ނެތް ވަގުތެއް މީ.." ސަމާ ފޯނު ބޭއްވިއެވެ.
މާއިޒްގެ ބޮލުގައި މީހަކު ހީވީ ބާރު އެތިފަހަރެއް އަޅާލިހެންނެވެ. އޭނާ ވަރަށް އަވަހަށް ތިރިއަށް ފޭބިއެވެ. ރިޝްފާގެ ނަމުން މާއިޒްގެ އެތެރެ ހައްޓަށް ހީވީ ބޮޑު ޒަލްޒަލާއެއް އުފަންވިހެންނެވެ. ކޮންމެ ގޮތެއް ހަދާފަ ވެސް މިއަދު ސަމާއަށް ފާރަލާން މާއިޒް ބޭނުން ވިއެވެ. (ނުނިމޭ)