އިންކަމް ޓެކުހުގެ 50 ޕަސެންޓް ބިދޭސީ އެކައުންޓެންޓުންގެ އަތުން!

ރާއްޖޭގައި އޮޑިޓް ކުރަން ފުރަތަމަ ލައިންސަސް ދީފައިވަނީ 1996 ވަނަ އަހަރު އެވެ. ސީއޭ އިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ އެކައުންޓިން ކުންފުނިތަކުގެ މަސައްކަތުގެ 50 ޕަސެންޓަކީ ދިވެހިން ކަމަށް ހަދަން ލާޒިމް ކުރުމެވެ.

ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް އިން މާލިއްޔަތު ކޮމެޓީއަށް މައުލޫމާތު ދެނީ - ރައްޔިތުން މަޖިލީހުގެ ފޮޓޯއެއް

މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ދާންދޫ ދާއިރާގެ މެންބަރު އަދި އޮޑިޓަރެއް ކަމަށްވާ ޔައުޤޫބު އަބުދުﷲ މުހިންމު ޕޮއިންޓެއް ފާހަގަ ކުރެއްވި އެވެ. އެއީ ރާއްޖެއަށް އިންކަމް ޓެކުހުން ލިބޭ އާމްދަނީގެ 50 ޕަސެންޓް ލިބެނީ ބިދޭސީ އެކައުންޓެންޓުން / އޮޑިޓަރުންގެ އަތުންނެވެ. ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް ) އިން މި ކޮމެޓީގައި ބުނެފައިވާ ގޮތުން ރާއްޖޭގައި 4،500 ބިދޭސީ އެކަންޓެންޓުން މަސައްކަތް ކުރެ އެވެ.

ގާނޫނަކުން އުފައްދާފައިވާ ސީއޭ މޯލްޑިވްސް އިން މާލިއްޔަތު ކޮމެޓީގައި މައުލޫމާތު ދެއްވަމުން ސީއޭގެ ރައީސް ހުސެއިން ނިޔާޒީ ވިދާޅުވީ ރާއްޖޭގައި ބިދޭސީ 4،500 މީހުން މަސައްކަތް ކުރަމުންދާ ކަމަށާ، ނަމަވެސް ސީއޭގެ މަގުސަދަކީ ފެންވަރު ރަނގަޅު އޮޑިޓަރުން އުފައްދައި ދިވެހިންނަށް މި ފުރުސަތު ހޯދައި ދިނުން ކަމަށެވެ.

"ރާއްޖޭގައި މި ދާއިރާ [އެކައުންޓިން ދާއިރާ] ގައި ދިވެހިންގެ ގިނަ ބަޔަކު ޝައުގުވެރިވޭ،" ނިޔާޒީ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީއާއެކު ފުރަތަމަ ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ ސީއޭ އުފައްދައި ދިވެހިންނަށް ފުރުސަތު ފަހިކޮށް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުން 106 އެކައުންޓެންޓުން ސީއޭ މޯލްޑިވްސް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

"މިހާރު 25 އޮޑިޓް ފާމް ރަޖިސްޓްރީކޮށްފައިވޭ. އަދި ނުވަ ސޯލް ޕްރެކްޓިޝަނާ އަށް ފުރުސަތު ދީފައިވޭ،" ނިޔާޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދާއިރާ އަށް ގެނެވުނު އެންމެ މުހިންމު އެއް ބަދަލަކީ ސަރުކާރު ކުންފުނިތައް އޮޑިޓް ކުރެވޭ ގޮތަށް ދިވެހިންނަށް ފުރުސަތު ދީ ނުވަ ފާމް އަކަށް ހުއްދަ ދެމުން ކަމަށެވެ. މިހާތަނަށް މިދިޔަ އަހަރު ރާއްޖޭގެ 28 ސަރުކާރު ކުންފުނީގެ ތެރެއިން 10 ކުންފުންޏެއް އޮޑިޓް ކުރަން ދިވެހިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

"ތިން ބައިކުޅަ ދެބައި އަލަށް މި ކުރެވުނީ. އެންމެ މުހިންމު އަނެއް ބަދަލަކީ މި ގާނޫނާއެކު ދިވެހި ޕާޓްނަރުން ތިބެގެން ނޫނީ އޮޑިޓް ފާމްތަކަށް ލައިސަންސް ދޫކުރުން. މި ބަދަލު ގެނައި ނަމަވެސް ރާއްޖޭގައި ހަރަކާތްތެރިވާ ބޮޑެތި ފާމްތަކަށް ވަކި މުއްދަތެއް ވަންދެން މަސައްކަތް ކުރެވޭނެ،" ނިޔާޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ސަރުކާރު ކުންފުނިތަކުން އޮޑިޓް ކުރަން ބޭރުގެ އޮޑިޓު ކުންފުނިތައް ހުންނަން ޖެހޭ ކަމަށް އަންގާ ކަމަށެވެ.

"ބައެއް އެސްއޯއީސް [ސަރުކާރު] ކުންފުނިތަކުން އެބަހުރޭ ބޭރުން ލޯނު ނަގާފަ. އެހެންވެ ލައިން ބޭރުގެ ތަނަކުން އޮޑިޓް ކުރަން ޖެހޭ ކަމަށް އަންގާ. ނަމަވެސް ދިވެހި އޮޑިޓަރުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދޭން ކުންފުނިތަކުގެ އެމްޑީސް / ސީއީއޯސްއާ މަޝްވަރާކޮށްގެން ކުރަން،" ނިޔާޒީ ވިދާޅުވި އެވެ.

ރާއްޖޭގައި އޮޑިޓް ކުރަން ފުރަތަމަ ލައިންސަސް ދީފައިވަނީ 1996 ވަނަ އަހަރު އެވެ. ސީއޭ އިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ އެކައުންޓިން ކުންފުނިތަކުގެ މަސައްކަތުގެ 50 ޕަސެންޓަކީ ދިވެހިން ކަމަށް ހަދަން ލާޒިމް ކުރުމެވެ. އެކަން ކުރުމަށްޓަކައި ރާއްޖޭގެ ޔުނިވާސިޓީ / ކޮލެޖްތަކާ ގުޅިގެން ދިވެހިން ތަމްރީން ކުރުމުގެ މަސައްކަތް ތަކެއް ފަށަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.