ރައީސް ވިދާޅުވީ އާރުޓީއެލް އަހަރެއްގެ ތެރޭ ރާއްޖެ ގުޅާލަން އުންމީދު ކުރައްވާ ކަމަށެވެ. އަދި ބްރިޖު މިހާރުގެ ޝެޑިއުލަށްވުރެ އަވަސް ކުރުމަށް އުންމީދު ކުރައްވަ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ސަރުކާރަށް މެނޭޖު ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުގައި މަސައްކަތް ލަސްވެ މިހާރު ނިމޭނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު 30، 2026 ގަ އެވެ. އެކަމަކު، ސިނަމާލެ ބްރިޖު އެޅިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރު ރައީސް ޑރ. މުހައްދު މުއިއްޒު ބޭނުންފުޅުވަނީ ބްރިޖު 2025 ގައި ނިންމާށެވެ. އަދި އާރުޓީއެލް ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅާލަން ބޭނުންވަނީ އަހަރެއްގެ ތެރޭގަ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމުގައި އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އާރުޓީއެލް ހިދުމަތްދޭ ކުންފުނި އެމްޓީސީސީ އަށް މެނޭޖިން ޑިރެކްޓަރެއް އައްޔަން ކުރުމަށްފަހު ފުރަތަމަ ބޭއްވި ބައްދަލުވުމުގައި ވެސް އެ ހިދުމަތް އަވަސްކޮށް އެދިވަޑައިގެން ކަމަށެވެ.
"މިހާރު އެ ހިދުމަތް އޮތް ހިސާބުން ފައްޓައިގެން ކުރިއަށް ގެންދަން ވާނީ ދަންނަވާފަ. އަޅުގަނޑު ބޭނުންވަނީ ގިނަ ވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ރާއްޖެ ކަވަރު ކުރަން. މިހާރަށްވުރެ ރަނގަޅަށް އިންވެސްޓްމަންޓް ކަންތައް ވެސް ކުރިއަށް ގެންގޮސް އިތުރު މުވައްޒަފުން ނަގައިގެން ކުރިއަށް ގެންދަން،" މިދިޔަ ސަރުކާރުގައި ފެއްޓި ދަތުރުފަތުގެ ނިޒާމުގެ މަސައްކަތާ ބެހޭ ގޮތުން ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިތުރު އެއާޕޯޓްތައް އެޅިގެންދާއިރު ސީ ޓްރާންސްޕޯޓް ހިދުމަތަކީ ވެސް ވަރަށް މުހިންމު ހިދުމަތެއް ކަމަށެވެ.
ގައުމީ ދަތުރުފަތުގެ ނެޓްވޯކް ހިންގާ ކުންފުނި އެމްޓީސީސީ އިން ބުނީ އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް (އާރުޓީއެލް) މަޝްރޫއަކީ ރާއްޖޭގެ 188 ރަށުގައި ފެރީ ޓާމިނަލްތައް ގާއިމްކޮށް މުޅި ރާއްޖޭގައި ހިދުމަތް ދިނުމަށް 82 ހައި-ސްޕީޑް ފެރީ އުޅަނދެއް ދަތުރުތަކުގައި ބޭނުން ކުރާނެ ނިޒާމެކެވެ. އަދި އެ ހިދުމަތް 500 ވަޒީފާ އުފެދިގެންދާނެ އެވެ. މި ކަމަށް ބޭނުންވާ އުޅަނދުތައް ނިމޭ ވަރަކަށް ދަނީ ހިދުމަތަށް ނެރެމުންނެވެ. ނަމަވެސް ކުރިން އުންމީދު ކުރިވަރަށްވުރެ އުޅަނދު ފަހަރު ބަނުން ލަސްވެގެން ގޮސްފައިވަނީ ސަރުކާރުން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުދޭތީ އެވެ. މިހާތަނަށް ހއ. އަދި ހދ. ގެ އިތުރުން ށ. އަތޮޅާއި ހުވަދު އަތޮޅުގެ ރަށްތަކާއި އައްޑޫ ވަނީ މި ހިދުމަތުން ގުޅާލާފަ އެވެ. މީގެ އިތުރުން މިހާރު ގުޅާލަން ތައްޔާރު ވަމުންދަނީ މ. އާއި ހއ. އަދި ހދގެ އިތުރުން ލ. ޒޯނެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތް ލަސްވެގެން ގޮސްފައިވާ ކަމަށާ ތަނބުތައް ޖަހަން ދޮޅު އަހަރެއްހާ ދުވަސް ހޭދަވެގެން ގޮސްފައިވާ ކަމަށެވެ. އެކަމަކު އެއީ މާޒީ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެންމެ ކުޑަމިނުން ވިލިގިއްޔާއާ ހަމައަށް މި އަންނަ [2025 ] ގައި ގުޅެން. އެއީ އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން ކަމެއް. އެކަމަކު މިއީ ދެކޮޅު [ދެ ސަރުކާރު] އެއްކޮށް ގުޅިގެންވާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.