މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ގައުމީ ޔުނިވާސިޓީން އަންނަ އަހަރުގެ ފެބްރުއަރީ މަހު ނޫސްވެރިކަމުގެ ޑިގްރީ ކޯސްތަކެއް ފަށަން ނިންމައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ބުނީ އެ މި ކޯސްތައް ތައާރަފްކުރުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ނޫސްވެރިކަން ފުޅާކޮށް މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުން އަށް ތައުލީމާއި ތަމްރީން ހޯދައިދިނުން ކަމަށެވެ.
އެންއެންޔޫ އިން ނޫސްވެރިކަމާއި ގުޅުންހުރި ކޯސްތައް ހިންގަމުންގެންދާތާ 10 އަހަރު ވެއްޖެ އެވެ. ނަމަވެސް ދަރިވަރުން ހަމަނުވުމުގެ ސަބަބުން އާއި ބައެއް އެހެން ސަބަބުތައް ދިމާވެ ކޯސްތައް ގަވާއިދުން ނުހިންގެ އެވެ.
އަންނަ ފެބްރުއަރީ ގައި ފެށުމަށް ހަމަޖެހިފައިވަނީ ނޫސްވެރިކަމުން ޑިގްރީ ޕްރަގްރާމެކެވެ. މިއީ މިފަދަ ދެވަނަ ޕްރަގްރާމެވެ.
އެމްއެންޔޫ އިން ބުނި ގޮތުގައި މި ކޯހަށް ކުރިމަތިލެވޭނީ މި ދާއިރާއިން ޑިޕްލޮމާ ނިންމައިގެން ތިބި ދަރިވަރުންނަށެވެ.