އެމްއެމްޕީއާރުސީގެ ބޯޑްގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން ހަމަޖެއްސެވުމާއި ގުޅިގެން އެ ކޯޕަރޭޝަނުން ވަނީ އެކަމަނާއަށް މަރުހަބާ ކިޔާފައެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޯޑްގެ ޗެއާޕާސަންގެ މަގާމަށް އައިޝަތު ނޫރައިން ޖަނާހް ހަމަޖައްސަވައިފި އެވެ.
ދުނިޔޭގައި ވެސް މަޝްހޫރު ކަމެއް ހޯއްދަވާފައިވާ ނޫރެއިން އަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ދަރިކަނބަަލުންނެވެ. އެމްއެމްޕީއާރުސީގެ ބޯޑްގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން ހަމަޖެއްސެވުމާއި ގުޅިގެން އެ ކޯޕަރޭޝަނުން ވަނީ އެކަމަނާއަށް މަރުހަބާ ކިޔާފައެވެ.
ނޫރައިން ފާހަގަ ކުރެވިފައި ވަނީ ވަރަށް ނަމޫނާ ޒުވާނެއްގެ ގޮތުގަ އެވެ. ހާއްސަކޮށް ބަދަލަށް ވަކާލާތު ކުރައްވާ އެހެން މީހުންނަށް އެހީތެރިވެ ދެއްވުމުގައި އެއީ މިސާލެކެވެ. ހައްގުތަކަށް އަޑު އުފުއްލެވުމާއި އެހީގެ މަސައްކަތުގައި ޗެންޕިއަނެކެވެ. "ޔޫއެން ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން ސަމިޓް" ގައި އަންހެނުން މަސައްކަތުގެ މައިދާނުގައި ކުލަ ތަފާތު ނުކުރުމަށް ގޮވާލާ ނިއުޒިލެންޑް ތަމްސީލް ކުރެއްވީ ނޫރައިންނެވެ.
ނޫރައިން ވަނީ 2015 ވަނަ އަހަރު "ވެެއިޓްމަޓާ ލޯކަލް ބޯޑް ގޫޑް ސިޓިޒެން އެވޯޑް" ވެސް ހޯއްދަވާފަ އެވެ. އަދި ޒުވާން އަންހެނުންނަށް ކުރިއަށް ދާންވީ ރަނގަޅު ގޮތް ވިދާޅުވެ ދެއްވާ އެކަމުގައި ހިތްވަރުދެއްވާ ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވާން ހާއްސަ ޖަމިއްޔާއެއް ވެސް އުފައްދަވާފަ އެވެ. "އޮތެންޓިސިޓީ އެން ޒެޑް" ގެ ނަމުގައި ހިންގާ ޖަމިއްޔާ އިން ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވެ ދެއެވެ.
ނިއުޒީލޭންޑްގެ ސިޔާސީ ފަރާތްތަކާއި ކަމާގުޅޭ އިދާރާތަކުގެ އިސް ވެެރިންނާއި މަަޝްވަރާކޮށް ހިޖުރަވެެރިންނަށް ނިއުޒީލޭންޑްގައި ކުރިމަތިވާ ގޮންޖެހުންތަކާ ދަތިތައް ސަމާލު ކަމަށް ގެނެސްދިނުމުގައި ނޫރައިން މުހިންމު ދައުރެއް އަދާ ކުރައްވާފައި ވެއެވެ. މީގެ އިތުރުން ނޫރެއިންއަކީ ނިއުޒިލޭންޑުގެ ފަގީރުންނަށް އެހީވާ ފަންޑް ނޯތް ޓްރަސްޓީސްގެ ފަރާތުން އާއްމުން ތަމްސީލް ކުރާ މެންބަރެކެވެ. ނޯތް ޓްރަސްޓީސް އިން ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ނޫރެއިންއަކީ ލީޑަރެކެވެ. މިއީ އެއް ބިލިއަން ޑޮލަރުގެ ބޮޑު ފަންޑެކެވެ.
މި ފަހުން އެކަމަނާ ގެންދަވަނީ ބައްޕަގެ ވިޔަފާރީ ކުރިއަށް ގެންދެވުމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރައްވަމުންނެވެ. ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި ޖަނާ އަކީ އަކީ ވަރަށް ކުޅަދާނަ / އެހާމެ ކާމިޔާބު ވިޔަފާރިވެރި އެކެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ވެސް އަންހެން ބޭފުޅެކެވެ. އެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ބިޒްނަސް އެޑްމިނޭޝަން ދާއިރާއިން ޑިގްރީ ހައްދައިގެން ހުންނެވި ފާތިމަތު ތައުފީގު އެވެ.