ކޮލަމް

ޗައިނާ ފަތުރުވެރިން އިތުރުކުރަން ކުރެވެނީ ކޮންކަމެއް؟

ޗައިނާއިން މިއަހަރު ހަ މަހު 40 މިލިއަން މީހުން ބޭރަށް ދަތުރު ކުރި އެވެ. އދ. ގެ ޓޫރިޒަމް ހިސާބުތަށް ދައްކާ ގޮތުގައި 2019 ވަނަ އަހަރު ޗައިނާ ޓޫރިސްޓުން ހޭދަކުރި މިންވަރު 277 ބިލަޔަން އެމެރިކާ ޑޮލަރަށްވުރެ މައްޗެވެ.

ރާއްޖެ އައި ޗައިނާ ޓޫރިސްޓުންނަށް ފިނިފެން މަލުން މަރުހަބާ ކިޔަނީ

މިލިޔުމުގައި ބަލާލާނީ ދިވެހިރާއްޖެ އަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރެއިން އިރުމަތީގެ ގައުމެއް ކަމުގައިވާ ޗައިނާގެ ފަތުރުވެރިން، ގައުމުން ބޭރަށް ދަތުރު ކުރުމުގައި ގެންގުޅޭ ބައެއް ކަހަލަ ޓްރެންޑްތަކުގެ މައްޗަށެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ބަޔަކަށް މިކަންކަން ނޭގޭނެތީކީ ނޫނެވެ. ހަނދާންކޮށް ދިނުމަކީ ފަހަރުގައި ފައިދާއެއް ކޮށްފާނެ ކަމެއްކަމުގައި ދެކޭތީ އެވެ. ބިނާކުރަނިވި އީޖާދީ ހެޔޮ ބަދަލެއްގެ އުންމީދުގަ އެވެ.

ޗައިނާއަކީ މިވަގުތު ދުނިޔޭގެ އާބާދީ އެންމެ ބޮޑު އެއް ގައުމެވެ. ދުނިޔޭގެ ދެވަނަ އިގްތިސާދު ވެސް މެއެވެ. އަދި އެ ގައުމަކުން ބޭރަށް ދަތުރުކުރާ މީހުން އެންމެ ގިނަ ގައުމު ވެސްމެ އެވެ. ދުނިޔޭގެ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމުތަކުން، އެންމެބޮޑު ކެމްޕޭން ތަކެއް ހިންގާ އެންމެ ބޮޑު ހޭދައެއް ކުރަނީ ވެސް، ޗައިނާގެ ފަތުރުވެރިންގެ ސަމާލުކަން ހޯދުމަށެވެ. ފަތުރުވެރިން ހޭދަކުރާ މިންވަރަށް ބަލާއިރު، އެންމެބޮޑު އަދަދެއްގެ ފައިސާ ގައުމުން ބޭރުވަނީ ވެސް ޗައިނާ އިންނެވެ. 

ޗައިނާއަކީ ޒަމާންތަކަކަށް ވަރަށް އެކަހެރިކޮށް އޮތުމަށްފަހު ގައުމުން ބޭރަށް ދަތުރުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ހުޅުވާލެވުނު ގައުމެކެވެ. އެހެންކަމުން، ގިނަބަޔަކު ތިބީ ގައުމުން ބޭރަށް ދަތުރު ކުރުމަށް ބޭނުން ވެފައެވެ. ފުދުންތެރި ގައުމަކަށް ވުމުން ގިނަ ބަޔަކީ، ބޭރުގެ ތަހުޒީބު އަދި މަޝްހޫރު ގައުމުތަކަށް ދަތުރު ކުރެވޭފަދަ ކެރި ފޯރުންތެރި ބައެކެވެ. އެހެން ގައުމުތަކުގެ ތަރައްގީ އާއި ތަމައްދުނާއި ތާރިހާއި، ސަގާފަތާއި، އާދަކާދައާއި، ވައްޓަފާޅި ހޯދާ، ބަލާ، އަމިއްލައަށް ވަޒަންކޮށް ތަޖުރިބާ ކޮށްލުމުގެ އެދުމުގަ އެވެ. 

ތަފާސް ހިސާބު ތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު އެކަނި ވެސް 40 މިލިޔަނައްވުރެ ގިނަ މީހުންވަނީ ގައުމުން ބޭރަށް ދަތުރު ކޮށްފަ އެވެ. މީގެތެރެއިން ގިނަ މީހުންނަކީ އެކުގައި ދަތުރުކުރި ގްރޫޕްތަކެވެ. ސާޅީސް ފަހެއް އިންސައްތަ މީހުން ގްރޫޕްތަކުގެ ގޮތުގައި ދަތުރުކުރިއިރު 41 އިންސައްތަ މީހުންނަކީ ދެމަފިރިން ނުވަތަ އެކަނި ދަތުރުކުރި މީހުންނެވެ. މީގެތެރެއިން ގިނަ މީހުންނަކީ ދެވަނަ ތިންވަނަ އަދި ހަތަރުވަނަ ދަރަޖައިގެ (ޓަޔާ) ޝަހަރުތަކުން ދަތުރުކުރި މީހުންނެވެ. ހާއްސަކޮށް ދުރު މަންޒިލްތަކަށް ގިނައިން ދަތުރުކުރަނީ ގްރޫޕް ގްރޫޕަށް ދަތުރުކުރާ މީހުންނެވެ. 

އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން ހީކުރާ ގޮތާ ހިލާފަށް، ދުނިޔޭގެ އެންމެ ގިނައިން ހޭދަކުރަނީ ވެސް ޗައިނާގެ ފަތުރުވެރިންނެވެ. އދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްއިއްޔާގެ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި 2019 ވަނަ އަހަރު ޗައިނާގެ ފަތުރުވެރިން ހޭދަކުރި މިންވަރު އުޅެނީ 277 ބިލަޔަން އެމެރިކާ ޑޮލަރަށްވުރެ މަތީގަ އެވެ. ދެން އެންމެ ކައިރިކުރާ، އެމެރިކާގެ ފަތުރުވެރިން ހޭދަކުރި މިންވަރު އުޅެނީ 144 ބިލިޔަން އެމެރިކާ ޑޮލަރުގަ އެވެ. 

ފުރަތަމަ ދަރަޖައިގެ ޝަހަރަކުން ދަތުރުކުރާ ޗައިނާގެ ފަތުރުވެރިޔަކު އެވްރެޖްކޮށް ދަތުރަކަށް (ދެ މީހުންގެ ޕެކޭޖަކަށް) 1350 އެމެރިކާ ޑޮލަރު ހަރަދުކުރެ އެވެ. މީގެތެރޭގައި ޓިކެޓާއި ދަތުރުތެރޭގައި ގަންނަ ހަދިޔާތަކާއި އެހެނިހެން ހަރަދުތަކެއް ނުހިމެނެ އެވެ. މިއީ އާންމުކޮށް ތައިލެންޑް، ޖަޕާން، ސިންގަޕޫރު، މެލޭޝިއާ ފަދަ ގައުމުތަކުގެ ޓުއާ ޕެކޭޖަކަށް ހޭދަކުރާ މިންވަރެވެ. މި ގައުމުތަކަކީ މި އަހަރު ފެށުނުއިރު ޗައިނާގެ ފަތުރުވެރިންގެ މެދުގައި (ގައުމުތަކުގެ ތަރުތީބުން) އެންމެ މަގްބޫލު ފަތުރުވެރި މަންޒިލް ތަކެވެ. 

މި އަހަރު ކުރީކޮޅު ޗައިނާ ފަތުރުވެރިންގެ އެންމެ މަގްބޫލު މަންޒިލްތަކުގެ ލިސްޓުން އެއްވަނަ އަދި ދެވަނައިގައި ތައިލެންޑާއި ޖަޕާން އޮތަސް، ބައެއްކަހަލަ ސަލާމަތީ މައްސަލަތަކާ ހެދި މި މަންޒިލްތަކުގެ މަގްބޫލުކަން މިހާރުވަނީ ވަރަށްބޮޑަށް ދަށްވާން ފަށާފަ އެވެ. މައިގަނޑު ގޮތެއްގައި، ތައިލެންޑްގައި އޮޅުވާލައިގެން ފައިސާ ފޭރުމުގެ މައްސަލަތަކާއި ޖަޕާނުގައި ފުޑް ސޭފްޓީގެ މައްސަލަތައް އާންމުވުމުގެ ސަބަބުންނެވެ. މި ސަބަބުތަކާ ހުރެ މިހާރު އެންމެ ގިނަމީހުން ހިޔާރުކުރާ މަންޒިލަކީ ސިންގަޕޫރު ކަމަށްވަނީ ވެފަ އެވެ. ބައެއް ދިރާސަތަކުން ދައްކާގޮތުގައި، ޗައިނާގެ ފަތުރުވެރިން އެންމެ ދާންބޭނުންވާ ގައުމުތަކުގެ ލިސްޓްގައި 10 ވަނައަށް ދިވެހިރާއްޖެ ހިމެނެ އެވެ. އެކަމަކު އުފެދޭ ސުވާލަކީ، ޗައިނާގެ ފަތުރުވެރިން އެންމެ ގިނައިން ދަތުރުކުރާ ލިސްޓްގެ 10 ވަނައިގައި ރާއްޖެ ހިމެނުމަށް، ނުވަތަ އެ ލިސްޓުން ކުރި ހޯދުމަށް ރާއްޖޭން އެއްވެސް ކަމެއް ކުރޭބާ އެވެ؟ ޗައިނާގެ ތާޑް ޓަޔާ، ފޯތް ޓަޔާ ސިޓީތަކުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށް އެއްވެސް ކަމެއް ކުރޭބާވަ އެވެ؟ މި ފަދަ ޝަހަރުތަކުން ދަތުރުކުރާ ގްރޫޕްތަކުގެ ސަމާލުކަން ހޯދުމަށް އަމާޒް ހިފައިގެން ރާއްޖޭގެ ފަތުރުވެރި ޕްރޮޑަކްޓް ތަކުން އެއްވެސް ކަމެއް ކުރޭބާވަ އެވެ؟ ޗައިނާގެ އެންމެ މަގްބޫލް ބުކިން އިންޖީނު ތަކުގައި ނުވަތަ އެންމެ މަގްބޫލު ޓްއާ އޮޕަރޭޓަރުންނާ ގުޅިގެން އެއްވެސް ޕްރަމޯޝަނެއް ހިންގާ ބާވައެވެ؟ އެ ގައުމުގެ އެއާލައިންތަކާއި މީޑިއާގެ އެކިއެކި ވަސީލަތް ތަކުގައި ބޭނުންވާ ނަތީޖާ ނެރުމަށް އަމާޒު ހިފައިގެން އެއްވެސްކަމެއް ކުރޭބާވަ އެވެ؟ ޗައިނާ އަށް ހާއްސަ މީސްމީޑިއާގައި ޕްރިންޓް މީޑިއާގައި މާސްމީޑިއާގެ ވަސީލަތްތަކުގައި ދިވެހިރާއްޖެއާ ބެހޭ އެއްވެސް ޕްރަމޯޝަނެއް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭބާވަ އެވެ؟ 

ކޮންމެއަކަސް، ކުރިމަގުގައި ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ ނިސްބަތް ބިނާވާނީ މަތީގައިވާ ސުވާލު ތަކަށާއި ގުޅުންހުރި އެފަދަ އެތައް ސުވާލުތަކަކަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކިއެކި މަސްއޫލިއްޔަތު ތަކާއި އަމަލީ ގޮތުން ހަވާލުވެ ތިއްބަވާ ބޭފުޅުން ދެއްވާ ބިނާކުރަނިވި އީޖާބީ ޖަވާބުތަކުގެ މައްޗަށްކަން ކަށަވަރެވެ.

އެޑިޓަރުގެ ނޯޓް: 

މި މަޒުމޫނަކީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހާރިސް މުހައްމަދު ލިޔުއްވާފައިވާ މަޒުމޫނެވެ. އޭނާގެ މި މަޒުމޫނު "މި" ނޫހުގައި ޝާއިއު ކޮށްފައި މި ވަނީ އޭނާގެ އެދި ވަޑައިގަތުމަކަށް އެ ކޮންޓެންޓަށް ބޮޑު ބަދަލެއް ގެނައުމަކާ ނުލަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.