ވާހަކަ

އިންތިހާއަށް ލޯބިވީމާ – އެޕިސޯޑް 49

"އަހަރެން މީ ވަރަށް އެކަނިވެރިއެއް! އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް... އެހެންވެ މިކަން މިހެން ވީ..." މާނިއު ބިރުން އިނދެ ވާހަކަދެއްކިއެވެ.

- އެޕިސޯޑް 49-

މާނިއުގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި މާޔޫސީ ކަމެވެ. އޭނާގެ ހިތް ތެޅޭ ވަރު އަވަސްކަމުން ދެންމެ ދެންމެ ހީވަނީ ހަށިގަނޑު ފަޅާލާފައި ހިތް ނުކުމެގެން ގޮސްފާނެ ހެންނެވެ. މާނިއު އިނީ ނާޝިިިދުގެ ފަރާތުން އަަތުވެދާނެ ހަމަލާއަކަށް ނުވަތަ ކުރިމަތިވެދާނެ ބިރުވެރި ކަމަކަށް އިންތިހާއަށް ކަންބޮޑުވެފައެވެ. ސަލާމަތް ވެވެން ނެތް ކަން މާނިއުއަށް ޔަޤީންވިއެވެ. ނަމަވެސް މާނިއުގެ ހިތުގައި އޭރުވެސް އުފެދެމުން ދިޔަ ސުވާލަކީ ނާޝިދަށް މިކަން އެނގުނީ ކިހިނެއްބާއެވެ؟ ނާޝިދުގެ ގާތުގައި މިވާހަކަ ބުނާނެ މީހެއް ނުވަތަ އެނގޭނެ އެއްވެސް ގޮތެއް މާނިއުގެ ބޮލު ތެރެއަށް ނުވަދެއެވެ.

"ތިހާ ޅައުމުރުގަ؟ ކީއްވެ؟" މާނިއުއަށް ބަލަން ހުރެފައި ނާޝިދު އަހައިލިއެވެ.

"އަހަރެން މީ ވަރަށް އެކަނިވެރިއެއް! އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް... އެހެންވެ މިކަން މިހެން ވީ..." މާނިއު ބިރުން އިނދެ ވާހަކަދެއްކިއެވެ.

"ކޮން ކަމެއް ވީ؟" ނާޝިދު މަޑުމަޑުން މާނިއުއާ ގާތަށް ޖެހެލިއެވެ.

"ފަޔާޒްގެ ކަންތައް.." މާނިއު އެހެން ބުނުމާއެކުގައި ނާޝިދަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޔަޤީންނާ ގާތަށް ގޮސްފައިވާ ނާޝިދަށް ފަޔާޒްގެ ކަންތަކުގައި މާނިއުގެ ބައިވެރިވުން އޮތްކަން އެންމެ ފަހުން މާނިއުގެ ދުލުން ޔަޤީންކޮށްދިނީއެވެ. ނާޝިދަށް އިންތިހާއަށް ރުޅި އާދެވުނެވެ. ނަމަވެސް ރުޅި ކޮންޓްރޯލް ކުރަން ނާޝިދު ނިންމީ ހުރިހާ ކަމެއް އެނގެން ބޭނުން ވާތީއެވެ.

"ކަލޭ ކީއްކުރީ؟ ހުރިހާ ވާހަކައެއް އަވަހަށް ކިޔާދީ!" ނާޝިދު މަޑުމަޑުން އެހެން ބުނެ، މާނިއުގެ ކުރިމަތީގައި ގޮނޑިއެއް ބެހެއްޓުމަށްފަހު އެ ގޮނޑީގައި ނާޝިދު އިށީންނެވެ. ސޯފާގައި އިން މާނިއު އޭނާގެ ހަތަރު ކަޅި ހަމަ ކޮށްލީ ނާޝިދަށެވެ.

"އަހަރެން ދަންނަ މީހެއް ނޫން ފަޔާޒް އަކީ.. އަހަރެން ކަންތައް ކުރީ މީހަކު ބުނި ގޮތަށް.." މާނިއުގެ ފުރަތަމަ ޖުމުލައިން ވެސް ނާޝިދުގެ ޝަޢުގުވެރިކަން އިތުރުވެގެން ދިޔައެވެ.

"އަހަރެންނަކީ މިކަހަލަ ކަންކަން ފައިސާއަށް ކޮށްދޭ ކުއްޖެއް.. އަހަރެންނަށް ގުޅާފަ ބުނީ ފަޔާޒަށް ފާރަލަން.. އަދި ރަނގަޅު ވަގުތު ބަލާ ފަޔާޒްގެ ސައިކަލްގެ މަޑި ދަށަށް މަސްތުވާއެއްޗެހި އަޅާފަ ހުރި ކޮތަޅެއް އަހަރެން ލިން.. އެމީހާގެ އެދުމުގެ މަތިން.. އަހަރެންނަށް ފައިސާ ލިބުން.." މާނިއު ހުރިހާ ވާހަކައެއް ކުރު ގޮތަކަށް ކިޔާލިއެވެ.

"ކާކު ބުނެގެން؟" ނާޝިދު ވަރަށް އުނދަގުލުން އަހާލިއެވެ.

"ސަމާ ކިޔާ މީހެއް.." މާނިއު ބަލަން ހުރީ ސީދާ ނާޝިދުގެ މޫނަށެވެ.

"ސަމާއޭ؟ އެއީ ކާކު؟ އޭނަ ކީއްވެ އެހެން ހަދަން ބުނަން ވީ؟" ނާޝިދު ގެންދިޔައީ އޭނާގެ ސިކުނޑިއަށް ވަންނަމުންދާ ކޮންމެ ސުވާލެއް ކުރިމަތި ކުރުވަމުންނެވެ.

"ނޭނގެ.. ހަމަ ހުވާ. ސަމާ އެއީ ކާކު ކަމެއް ނޭނގެ. އޭނަ އެކަން ކުރަން އަހަރެން ގާތު ބުނީ ކީއްވެ ކަމެއް ވެސް ނޭނގެ. އެއީ އަހަރެން ބަލަން ބޭނުންވި ސަަބަބެއް ވެސް ނޫން.. އަހަރެން ބޭނުންވީ ފައިސާ.." މާނިއުގެ ވާހަކަތައް ނާޝިދު ދިޔައީ ކަނުލައި އަޑުއަހަމުންނެވެ.

"އަހަރެން އަތުގަ އޮންނާނެ ސަމާގެ ނަންބަރު.." މާނިއު އޭނާގެ ފޯނު ހުޅުވާލިއެވެ. އަދި ކޮންޓެކްޓް ހާވާލުމަށްފަހު މާނިއު ފޯނުގެ ޑިސްޕްލޭ ދައްކާލީ ނާޝިދަށެވެ.

"މީނީ.. މީ ސަމާ ގެ ނަންބަރު." މާނިއު ބުނެލިއެވެ. ނާޝިދު ހައިރާން ކަމާއި އެކުގައި މާނިއުގެ ފޯނަށް ބަލައިލިއެވެ. އަދި އެ ނަންބަރު ނޯޓުކޮށްލިއެވެ.

މާނިއުގެ ފަރާތުން ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްކުރުމަށްފަހު، ނާޝިދު މާނިއު ދޫކޮށްލީ ޝަރުތުތަކަކާ އެކުގައެވެ. ނާޝިދުގެ ޝަރުތުތަކަށް މާނިއު އެއްބަސް ވިއެވެ.

ފުންމިން ނޭނގޭ ކަނޑެއްގެ ތެރެއަށް ނާޝިދު ގެނބެމުން ދިޔައެވެ. މާނިއުގެ ވާހަކަތަކާ މެދުގައި ނާޝިދަށް ވިސްނަން އިނދެވުނީ ކިހާ އިރަކު ކަމެއް ޚުދު އޭނާއަށް ވެސް ނޭނގުނެވެ. މާނިއު ދިޔަ ފަހުން ސަމާގެ ނަންބަރު ވައިބަރގައި ޖަހައިގެން ސަމާގެ ފޮޓޯއެއް ކަމަށް ބެލެވޭ ފޮޓޯގަނޑަށް ނާޝިދު ވަަރަށް ބަލައިފިއެވެ. އެއްވެސް އެއްޗެއް ނާޝިދަށް ފަޚްމެއް ނުވިއެވެ. ނާޝިދުގެ ހިތުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދެން ފެށުނެވެ.

***

ފެންވަރާލައިގެން ސަމާ ފާޚާނާއިން ނުކުތް ވަގުތުގައި އޭނާގެ ފޯނު ވައިބްރޭޓް ވަމުން ދެއެެވެ. ވަރަށް އަވަސްވީ ގޮތަކަށް ސަމާ ބަލައިލީ އޭނާގެ ފޯނަށެވެ. ސަމާއަށް ލިބުނީ ހައިރާން ކަމެކެވެ. ގުޅަމުން ދިޔައީ މާނިއު އެވެ. ކިހިނެއްވީބާއޭ ހިތާ ސަމާ އޭނާގެ އަތުން ފެން ހިއްކާލުމަށްފަހު ފޯނު ނެގިއެވެ.

"ހަލޯ! ބުނީމެއްނު ނުގުޅަން.." 

ފޯނު ނެގި ގޮތަށް ސަމާ އެންމެ ފުރަތަމަ ވެސް ބުނެލީ އެހެންނެވެ. ނަމަވެސް އެކޮޅުން ދައްކަން ފެށި ވާހަކަތަކުން ސަމާ ހީވީ ގަނޑުވި ހެންނެވެ. މުޅި މީހާގެ ގަޔަށް ސަވާރުވީ އާދަޔާ ޚިލާފު ބިރުވެރި ކަމެކެވެ. ބަސް ހުއްޓި މީހާއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ.

"ވަރަށް ބޮޑަށް ސޮރީ.. އެކަމު މިވާހަކަ މި ބުނީ ވެސް ސަމާގެ ޕްރޮޓެކްޝަންއަށް.. އަހަރެން ހުރިހާ ވާހަކައެއް ކިޔާ ދިނީ.. އިތުރު ގޮތެއް ނެތީމަ.. އެމީހުން ސަމާ ހޯދާނެ.. ސަމާއަށް ކޮންމެ ފަދަ ގޮތެއް ވެސް ހަދާފާނެ.. އަހަރެންނަށް ހަމަ ހަދާނެ ގޮތް ހުސްވީ.. ސަމާ އަމިއްލަ ރައްކާތެރިކަން ހޯދާ އިނގޭ! ފަޔާޒްގެ މީހުން އަހަރެމެން މަރާލާނެ މިފަހަރު.." މާނިއުގެ އަޑުން އޭނާ ޖެހިލުން ވެފައިވާ މިންވަރު ހާމަވެއެވެ. ބުނާނެ އެއްޗެއް ނޭނގިފައިވާ ސަމާއަށް ހޭވެރިކަންވީ އިރު، މާނިއު ފޯނު ކަނޑާލައިފިއެވެ. ސަމާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ރުޅި އާއެކުގައި ސަމާ ހުރީ ވަރަށް ބޮޑަށް ފަސްޖެހިފައެވެ. ނަމަވެސް އެރުޅީގައި މާނިއު އަށް ދެތިން ފަހަރަކު ސަމާ ގުޅާލިއެވެ. ނަމަވެސް މާނިއުގެ ފޯނު ނިއްވާލާފައިވާ ކަމުގެ ރިކޯޑިން ނޫން އިތުރު އިތުރު އެއްޗެއް ސަަމާގެ ކަންފަތުގައި ނުޖެހެއެވެ.

ފޯނު ދެއަތަށް ލައިގެން ސަމާ ގޭގެތެރޭގައި ހިނގަމުން ދިޔައެވެ. ދެން ހަދާނެ ގޮތަކާ މެދުގައި ސަމާ ފުންކޮށް ވިސްނަން ފެށިއެވެ. ސަމާއަށް ކުރިމަތިލާން މިޖެހުނީ އޭނާ އުއްމީދު ވެސް ނުކުރާ ފަދަ ކަންތައްގަނޑަކާއެވެ. ކުއްލިއަކަށް ސަމާއަށް ބަލައިލެވުނީ އެޕާރޓްމެންޓުގެ ދޮރަށެވެ. ދޮރުގައި މީހަކު ޓަކި ދޭން ފެށުމާއެކުގައެވެ. ސަމާގެ ބިރުވެރިކަން ކޮޅުނެތްކޮޅަށް ދިޔައީ އެ ހިސާބުންނެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.