ހަގީގީ ސަލާމަތްތެރިކަން އޮތީ މާތްﷲ އެންގެވި ގޮތުގައި އުޅުމުން: ރައީސް

ރައީސް ވިދާޅުވީ އެއްބައިވަންތަ ދުވަހު ލިބިގަންނަންވީ ފިލާވަޅަކީ ކީރިތި ﷲގެ ވާފަށުގައި އެންމެން އެކުވެރިވެގެން ހިފުމުގެ ފިލާވަޅާއި އިސްލާމްދީނުގައި އެންމެން އެކީގައި ސާބިތުވެތިބުމުގެ ފިލާވަޅު ކަމަށެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތު ގައި ބޭއްވި ޖަލްސާ ގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ

ހަގީގީ ސަލާމަތްތެރިކަން އޮތީ މާތްﷲ އެންގެވި ގޮތުގައި އުޅުމުން ކަމަށާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހު ލިބިގަންނަންވި ފިލާވަޅަކީ ކީރިތި ﷲގެ ވާފަށުގައި އެންމެން އެކުވެރިވެގެން ހިފުމުގެ ފިލާވަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސުނާމީ ކާރިސާގައި ދިވެހީން ފަރާތުން ފެނުނު އެއްބައިވަންތަކަމުގެ ރަމްޒެެއްގެ ގޮތުން ފާހަގަ ކުރަމުންދާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސުނާމީ އަށް އަލުން ބައެއް ރަށްތައް ބިނާކުރުމުގައި ސޭފް އައިލެންޑް ކޮންސެޕްޓް ބޭނުން ކުރަން ފެށުނު ކަމަށެވެ. އަދި އިހަށް ދުވަހު މި ސަރުކާރުން ފެށި ރަސްމާލެ މަޝްރޫ އަކީ ވެސް ސޭފް އައިލެންޑް ކޮންސެޕްޓަށް ފަރުމާ ކުރެވިފައިވާ މަޝްރޫއެއް ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކިތަންމެ ފެންވަރު މަތިކޮށް ނަމަވެސް މި ގޮތަށް ސިޓީތައް ބިނާކުރުމުގެ އަސާސީ ބޭނުމަކީ ރައްޔިތުންގެ މުދަލާއި ގެދޮރާއި ފުރާނަތައް ސަލާމަތް ކޮށްދިނުން ކަމަށެވެ. ރަށުގެ ފަސްގަނޑު ވަކި ވަރަކަށް އުސްކޮށް، އޮޔާއި ވައިގެ ދައުރުވުމަށް ބަލައި ބަނދަރުތަކާއި ތޮށިގަނޑުތައް ލެވެނީ އެހެން ވެގެން ކަމަށެވެ.

ނަމަވެސް ރައީސް ވިދާޅުވީ އެއީ ސަލާމަތާއި ރައްކާތެރިކަމަށް ޓަކާ ކުރެވޭ ކަންކަން ނަމަވެސް ހަގީގީ ސަލާމަތްތެރިކަން އޮތީ އަދި މުޅިން އެހެން ކަމެއްގއި ކަމަށެވެ.

"އެ ގޮތަކީ ކޮބައިތޯ؟.. އެއީ މި ޖަލްސާގެ ފެށުމުގައި ކިޔެވި ދިޔަ ކީރިތި ގުރްއާނުގެ އާޔަތްތަކުގެ ތެރެއިން އާލުއިމްރާނު ސޫރަތުގެ 103ވަނަ އާޔަތުގައި މާތް ﷲ ބަޔާންކުރައްވައިފައިވާ ހަގީގަތްތް. އެ އާޔަތުގައި އެކުލެވިގެންވާ މާނަ އަކީ ތިޔަބައިމީހުން އެންމެން اللَّه ގެ ދީނު ގައި ހިފަހައްޓާށޭ. އަދި، ވަކިވަކިވެ ނުގަންނާށޭ. އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި ނިއުމަތް ތިޔަބައިމީހުން ހަނދުމަކުރާށޭ. އެހެނީ، ތިޔަބައިމީހުން އަދާވާތްތެރީން ތެރިން ކަމުގައިވަނިކޮށް އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއޭ. ދެން އެކަލާނގެ ދެއްވި ނިއުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަހުންތަކެއް ކަމުގައި ވެއްޖައީމުއޭ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއޭ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން ސަލާމަތް ކުރެއްވިއޭ. اللَّه، އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށް ދެއްވަނީ، އެފަދައިންނޭ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައޭ،"

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތު ގައި ބޭއްވި ޖަލްސާ ގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ

ރައީސް ވިދާޅުވީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ގައުމީ އެއްބައިވަންތަކަމުގެ ދުވަހު ލިބިގަންނަންވި ފިލާވަޅަކީ މިއީ އެވެ. އެއީ ކީރިތި ﷲގެ ވާފަށުގައި އެންމެން އެކުވެރިވެގެން ހިފުމުގެ ފިލާވަޅާއި އިސްލާމްދީނުގައި އެންމެން އެކީގައި ސާބިތުވެތިބުމުގެ ފިލާވަޅު ކަމަށެވެ.

އެކި ނަންނަމުގައި އެކި ކަންކަމު ގައި ބައިބައިވެ އިސްލާމީ އަހްވަންތަކަމުގެ ކިއްލާ ފުނޑުފުނޑުކޮށްނުލުމުގެ ފިލާވަޅު ކަމަށެވެ.

"އަޅުގަނޑުގެ ވާހަކަކޮޅު ފެށުމުގައި ދަންނަވާލި ފަދައިން، އެއްބައިވަންތަ ވެވޭނެ ހުރިހައި ސިފަތަކެއް، އޯގާވަންތަ ﷲ ދިވެހީންނަށް ވަދީއަތް ކުރައްވާފައިވޭ. އެއްދީނަކުން ހިދާޔަތު ލިބިފައިވުމުގެ ނަސީބު. އެއް ބަހަކުން ބަސްމޮށެ އުޅުމުގެ ޝަރަފު. އެއް އަކުރަކުން ލިޔެކިޔައި އުޅުމުގެ އުފާ. އެއް ސަގާފަތެއް ހިއްސާކުރުމާއި އެއް ނަސްލަކުން ގުޅިފައި ވުމުގެ އަމާންކަން. ހަމަ އެހެންމެ، އެއްސޫރައެއް ގައި އޮތް އެއްކަހަލަ ރަށްތަކަކުން ދިވެހީންގެ ވެށި ސިފަވެގެން ދިޔުމުގެ ޒީނަތްތެރިކަން،"

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތު ގައި ބޭއްވި ޖަލްސާ ގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ

އެމަނިކުފާނު ވިދާޅުވީ ދިވެހީން އެއްބައިވަންތަ ކުރުވީ މި އެއްގޮތް ވަންތަކަން ކަމަށެވެ. އެހެންކަމުން މި ނަސީބާއި ނިއުމަތްތައް ދަމަހައްޓަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ކުރިއެރުމާއި ކާމިޔާބީގެ އަސްލަކީ އެކުވެރިކަން ކަމަށާ އެކުވެރިވުމުން އަމާން ކަމާއި އިތުބާރު ލިބިދޭ ކަމަށް ވިދާޅުވި އެވެ.

އަދި އޭގެ މައްޗަށް ވިޔަފާރިއާއި އެހެނިހެން ކަންކަމުގެ ގުޅުންތައް ހަރުދަނާވެ އުންމަތްތައް ކުރިއަރައިދާ ކަމަށް ވިދާޅުވި އެވެ.

"ގައުމެއްގެ މިސާލަކީ އާއިލާ އެއްގެ މިސާލު. އާއިލާއަކުން އަބަދު ވެސް އެ މީހުންގެ ގޯތި ގެދޮރާއި މުދަލުގެ ސަލާމަތާ މެދު ވިސްނާ. ގައުމެއް އެ ގައުމެއްގެ ބިމާއި މީހުންގެ ސަލާމަތާ މެދު ވިސްނާ. އާއިލާއެއް އަބަދުވެސް ގޭތެރޭގެ ހަމަޖެހުމާއި ކުލުނާއި ލޯބި އިތުރުވާނެ ގޮތަށް ކަންކަން ކުރޭ. ގައުމެއްގައި ވެސް އެ ސިފަ އޮންނަން ޖެހޭ. އާއިލާއެއް އަބަދުވެސް އިލްމީ ގޮތުންނާއި ފިކުރީ ގޮތުން އަދި ސިއްހީ ގޮތުންނާއި އިގްތިސާދީ ގޮތުން އެ އާއިލާ އެއްގެ ކުދިން މޮޅުކުރަން ބޭނުންވޭ. އެ ކަމަށް ޓަކައި މަސައްކަތް ވެސްކުރޭ. ގައުމެއް ވެސް ދެމި އޮންނަނީ މި ގޮތުން. ގައުމެއް ފިކުރީ ގޮތުން ފުދުންތެރި ވާންޖެހޭ. އިލްމީ ގޮތުން ހޭލުންތެރި ވާން ޖެހޭ. އިގްތިސާދީ ގޮތުން ފޯރުންތެރި ވާންޖެހޭ. ހުނަރުގެ ގޮތުން އުފެއްދުން ތެރިވާންޖެހޭ. މި ހުރިހައި ބަހާތަކަކާއެކު ގައުމީ ގޮތުން އެއްބައިވަންތަ ވާން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.