ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ދެ ރައީސުންގެ ބައްދަލްވުމުގައި ގައުމުގެ އިޖްތިމާއީ އަދި ސިޔާސީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިއަދު ހެނދުނު އޮތް ބައްދަލްވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ދެ ރައީސުންގެ ބައްދަލްވުމުގައި ގައުމުގެ އިޖްތިމާއީ އަދި ސިޔާސީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބު ގައި ރައީސް ވަހީދުގެ ތާއީދު ދެއްވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށެވެ. އެއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައެވެ. ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވައެވެ. ނަމަވެސް ރައީސް ވަހީދުގެ ދޮށީ ދަރިކަލުން ޖެފްރީ ސާލިމްް ވަހީދުގެ ތާއީދު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
ރައީސް ވަހީދަކީ މިހާރު އޮތް ސަރުކާރު ހިންގާ ޕީއެންސީ / ޕީޕީއެމް ކޯލިޝަންގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ހުންނެވި ބޭފުޅެކެވެ. ރައީސް ޔާމީނަށް ރިޔާސީ އިންތިހާބު ގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ހަމައަށް އެމަނިކުފާނު އެ މަގާމުގައި ދެމި ހުންނެވި އެވެ. ނަމަވެސް ފަހުން ހިނގާދިޔަ ކަންކަމާއިމެދު ވަރަށް ބޮޑަށް ސުވާލު އުފައްދަވާ ކޯލިޝަންގެ އެޑްވައިޒަރު ކަމުންނާއި ޕީޕީއެެމްގެ މެންބަރު ކަމުން ވެސް ވަކިވެވަޑައިގެންނެވީ އެވެ.
ވަހީދު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންނެވި ސަބަބުތައް ހާމަ ވެސް ކުރައްވާފައެވެ. އޮގަސްޓް 19 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ޕީޕީއެމްގައި ހުންނެވީ ރައީސް ޔާމީނަށް ފުރުސަތު ނެތް ހާލަތެއްގައި ރިޔާސީ އިންތިހާބުގައި ވާދަ ކުުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވައިގެން ކަމަށެވެ. ނަމަވެސް އެންމެ ކުޑަމިނުން ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓެއް ނެރުއްވަން ފުރުސަތު ވެސް ނުދެއްވި ކަމަށެވެ.
ރައީސް ވަހީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ތިން ޕްލޭނެއް އޮތެވެ. ޕްލޭން އޭ އަކީ ރައީސް ޔާމީން މިނިވަންވެވަޑައިެގން އިންތިހާބުގައި ވާދަ ކުރެއްވުމެވެ. ޕްލޭން ބީ އަކީ ޔާމީނަށް ފުރުސަތު ނެތް ހާލަތެއް ގައި ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ނެރުން ކަމަށެވެ.
"ޕީޕީއެމުން ނިކުންނަން މަޖުބޫރުވީ. އެއީ ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓަކަށް ނިކުތުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދިނީ. އަޅުގަނޑު އުންމީދު ކޮށްގެން ހުރީ އަޅުގަނޑަށް އެ ފުރުސަތު ލިބިދާނެ ކަަމަށް ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހިނދެއްގައި،"
ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު 10 އަހަރު އެ ޕާޓީއެއްގައި ހޭދަކުރެއްވި ޕާޓީން އެއްވެސް އިހްތިރާމެއް ނުބެހެއްޓުމުން ދެން އެ ޕާޓީގައި ހުންނަވަން ޖެހޭ އެއްވެސް ސަބަބެއް ނެތުނީ އެވެ. އަދި އެމަނިކުފާނަށް އެއްވެސް ތާކު ހުންނަވަން މަޖުބޫރު ކަމެއް ނެތް ކަމުން އެމަނިކުފާނު ބޭނުންފުޅު ކޮންމެ ތާކު ހުންނެވުމުގެ ފުުރުސަތު އޮތް ކަމަށެވެ.
"ރައީސް ޔާމީން އެންގެވި ގޮތަކަށް ނޫން ކަންކަން ހިނގާ ދިޔައީ. ރަައީސް ޔާމީން އެންގެވީ ތިމަންނާ އަށް ދެން ނިކުމެވަޑައިނުގެންނެވޭ އޭ ބޮއިކޮޓް ކުރާކަށް ވެސް ގަސްތެއް ނުކުރަމޭ، އެހެންވީމަ ޕީޕީއެމުން ކެންޑިޑޭޓެއް ނެރޭށޭ. ނުނެރެވިއްޖެޔާ ތިމަންނަ މި ހުރީ ޕީއެންސީގެ ކެންޑިޑޭޓަށް ވެސް ތާއީދު ކުރާށޭ. އެހެން ވިދާޅުވީ. އެކަމަކު އެހެނެއް ނޫން ކަންކަން ދިޔައީ،"
ރައީސް ވަހީދުގެ އެ ވާހަކަތަކަށް ރައީސް މުއިއްޒުގެ ސިޔާސީ މުޝީރު އަދި ޕީއެންސީގެ މުޝްތަޝާރު އޭރު ވަނީ ރައްދު ދެއްވާފައެވެ. އަބްދުއްރަހީމް އޭރު ސވިދާޅުވި ގޮތުގައި ރައީސް ޔާމީން ޖަލަށް ލެއްވުމުން އެމަނިކުފާނު މިނިވަން ކުރެއްވުމަށް ވަހީދު އެއްވެސް ކަމެއް ނުކުރައްވައެވެ. އަދި އެންމެ ފަހު ވަގުތު މަަސައްކަތް ކުރެއްވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކަަމަށެވެ.
ޖަލަށް ވަޑައިގަތުމުގެ ކުރީން ރައީސް ޔާމީން އިލްތިމާސް ކުރެއްވީ ދުރުން އަންނަ "ބާޒު" ތަކަށް ޕީޕީއެމް / ޕީއެންސީއަށް ވެރިވެގަތުމުގެ ފުރުސަތު ނުދެއްވުމަށް ކަމަށާ އަދި ބަޔަކު ކިތަންމެ ރުޅިއަޔަސް އެ މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ ހަގީގީ ބާޒަކީ ރައީސް ވަހީދު ކަމަށް ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑު މި ދެންނެވީ ރައީސް ވަހީދަށް އަޅުގަނޑު މި ކުރި ކަމަކީ ރައީސް ޔާމީން ވިދާޅުވި ގޮތަށް އެއްވެސް 'ބާޒަ'ކަށް ޕީޕީއެމް ޕީއެންސީގެ މައްޗަށް ވެރިވުމަށް ފުރުސަތު ނުދިނީ. ވަރިހަމަ ކިތަންމެ ރުޅިޔަަސް،" އޮގަސްޓް 19 ގައި ފެލިދޫ ގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ވަރަށް ގިނަ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މިހާރު ބައްދަލު ކުރައްވާފައެވެ. އިއްޔެ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ބައްދަލު ކުރައްވާފައެވެ.
މިދިޔަ ހަފްތާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމާއި ޑިވެލޮޕްމަންޓް އެލަޔަންސްގެ ރައީސް އަހްމަދު ސިޔާމް އާއި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފްއާ ވަނީ ބައްދަލު ކުރައްވާފައެވެ.