މަންޑޭގެ މުދާ ހިފެހެއްޓި މައްސަލަ ހައިކޯޓުން ބަލަނީ

ޕެންޓްހައުސް އާއި އެތަނުގައި ހުރި ތަކެތީގެ އަގު 14.8 މިލިއަން ރުފިޔާއަށް އަރަ އެވެ.

ހަސަން މަމްދޫދު (މަންޑޭ): އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ އުފުލާފައި

ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރޭން ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މުދާތައް ހިފަހައްޓަން ހުޅުމާލެ ކޯޓުން ނެރުނު އަމުރު ބާތިލް ކުރަން ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ރަޖިސްޓްރާ ބޭރުކޮށްލާފައި ވަނިކޮށް ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށް މައްސަލަ ބެލުމަށް ނިންމައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން މަންޑޭގެ މުދާތައް ފުލުހުން ހިފަހައްޓާފައި ވަނީ ފޭކު ޑޮކިއުމެންޓްތައް އުފައްދައިގެން ކޭޕާކް އެޕާޓްމެންޓްތައް ވިއްކައިގެން ލިބުނު ފައިސާ ލޯންޑާ ކޮށްގެން ހޯދާފައިވާ މުދާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އެ އަމުރު ބާތިލު ކުރަން މަންޑޭގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގެ ރަޖިސްޓްރާ ބޭރުކޮށްލާފައި ވަނީ، އިސްތިއުނާފީ ނުކުތާތައް އެއްވެސް ގާނޫނަކާ ނުވަތަ ގާނޫނީ އުސޫލަކާ ހަވާލާ ދީފައި ނުވާތީ އެވެ. އެހެންވެ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް މި މަހުގެ ތިންވަނަ ދުވަހު ނިންމާފައިވެ އެވެ.

ނަމަވެސް އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް ހުށައެޅުމުން ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށް މައްސަލަ ބެލުމަށް ވަނީ ނިންމާފައެވެ.

މަންޑޭގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މި މައްސަލައިގައި، ކޭޕާކްގެ 41 އެޕާޓްމެންޓް 107 މީހަކަށް ވިއްކާފައިވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވަނީ ހިފަހައްޓާފައިވާ މަންޑޭގެ އެޕާޓްމެންޓްގައި ހަތް މިލިއަން ރުފިޔާގެ އަގުހުރި މުދާ ހުރި ކަމަށެވެ. އެއީ ކޭޕާކްގެ ހަތަރު އެޕާޓްމެންޓް ވިއްކުމަށްފަހު ލިބުނު ފައިސާއިން ގަނެފައިވާ އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ ޕެންޓް ހައުސެކެވެ. އެތަނުގެ އަގަކީ 7.8 މިލިއަން ރުފިޔާ އެވެ.

އެޕާޓްމެންޓުން ފެނުނު ސާމާނުތަކުގެ ތެރޭގައި ގަހަނާއާއި ބްރޭންޑެޑް އަގުބޮޑެތި ދަބަހާއި ބޫޓާއި ފައިވާނާއި އަދި ސެންޓް ފުޅި ހިމެނެ އެވެ.

"200 ވަރަކަށް ސެންޓުފުޅި އެބަހުރި ނުކަނޑާ، ލަގްޒަރީ ހޭންޑްބޭގާ، ގާތްގަނޑަކަށް 90،000 ރުފިޔާގެ ދަބަސް، 40،000 ރުފިޔާއާ 50،000 ރުފިޔާގެ އަތްދަބަސް، ތަފާތު ވައްތަރުގެ ގަހަނާ 10،000 ޑޮލަރުގެ، 25،000 ޑޮލަރުގެ ގަހަނާ އެބަހުރި އެތާ. ޖުމްލަ މި ހުރިހާ އެއްޗެއްގެ އަގު ހަތް މިލިއަން ރުފިޔާއަށް އެބަ އަރާ،" ޕީޖީ ޝަމީމް ކުރީން ވިދާޅުވި އެވެ.

ޕެންޓްހައުސް އާއި އެތަނުގައި ހުރި ތަކެތީގެ އަގު 14.8 މިލިއަން ރުފިޔާއަށް އަރަ އެވެ. 

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭ ގައި ތަރައްގީ ކުރަމުންދާ ކޭ-ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާ ގައި މަމްދޫހާއި ރ.އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް 201 ދައުވާ ވަނީ އުފުލާފައެވެ. އަދި ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް ވެސް ވަނީ ހުށައަޅާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.