ވާހަކަ

އިންތިހާއަށް ލޯބިވީމާ – އެޕިސޯޑް 48

"ކަލޭ ފަޔާޒަށް ކީއްތަ ކުރީ؟ ތެދަށް ބުނޭ! އެހެން ނޫނީ.." މާނިއުގެ ކަރުގައި ނާޝިދު ކުޑަކޮށް ވަޅި ޖައްސާލިއެވެ. މާނިއުއަށް ތޫނު ތަދެއްގެ އިޙްސާސް ވުމާއެކުގައި އޭނާގެ ލޮލުން ހޯސް ލާފައި ކަރުނަތައް ފައިބައިގަތެވެ.

- އެޕިސޯޑް 48 –

ނާޝިދު ހުރީ އޭނާގެ ގޭގެ ސިޓިންގރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭނާ އިންތިޒާރު ކުރަމުން ގެންދިޔައީ މާނިއު އަށެވެ. ނާޝިދު ޤަބޫލު ކޮށްގެން ހުރީ މި ކަމުގެ އަޑީގައި މާނިއު ހުންނާނެ ކަމަށެވެ. މާނިއުއަށް މިކަން ވީ ގޮތް ރަނގަޅަށް އެނގޭނެ ކަމަށެވެ. ފަޔާޒަށް ނާޝިދު ކުރާ އިތުބާރަކީ އާދަޔާ ޚިލާފު އިތުބާރެކެވެ. އެއްވެސް މީހެއް އަނެކާއަށް އެވަރުގެ ވަރުގަދަ އިތުބާރެއް މިފަދަ ޒަމާނެއްގައި ކުރާނެ ހެން ހީވެސް ނުވެއެވެ.

ނާޝިދު ސިޓިންގރޫމްގައި އެހެން ހިނގަމުން ދިޔައިރު ދޭތެރެ ދޭތެރެއިން ނާޝިދުގެ ފޯނު ރިންގު ވެއެވެ. ގުޅަމުން ދިޔައީ ހައިކަލްއެވެ. ނަމަވެސް ނާޝިދު ފޯނު ނުނަގައި މަޑުކޮށްލީއެވެ. ނާޝިދު ބޭނުންވީ އެންމެ ފުރަތަމަ މާނިއުއާ ބައްދަލުކޮށް މިކަމުގެ އެންމެ އަޑިއަށް ފީނާށެވެ. އެގޮތުގައި ނާޝިދު އޭނާގެ އިންތިޒާރުގެ ވަގުތުތައް ގުނަމުން ދިޔައެވެ.

"ފޯނު ނަގާބަލަ!" ހައިކަލް ހީވީ އޭނާގެ ފޯނު އޭނާގެ އަތުގެ ތެރެއަށް ލައި ހިމުން ކޮށްލަން އުޅުން ހެންނެވެ. ނާޝިދު ފޯނަށް ޖަވާބު ނުދޭތީ އެކަމުގެ މާޔޫސްކަމާއި ހާސްކަން ހައިކަލްގެ ދިޔައީ އިތުރު ވަމުންނެވެ. ހައިކަލް އަށް އެނގިފައިވާ މައުލޫމާތުތަކުން ހައިކަލަށް ދިޔައީ އިންތިހާއަށް އުނދަގޫ ވަމުންނެވެ. އެތައް ވަގުތަކު ވިސްނުމަށްފަހު، ހައިކަލް ނިންމީ ހުރިހާ ވާހަކައެއް ނާޝިދަށް ކިޔާދޭށެވެ.

ނާޝިދު ހަވާލު ކުރި މަސައްކަތް ނިމުމުން ނާޝިދުގެ ބޮލަށް ފައިން އަރަން ހައިކަލް އެއްވެސް ޙާލެއްގައި ބޭނުން ނުވީއެވެ. ނިއުޝާ ހައިކަލަށް ކިތަންމެ އިތުބާރެއް ކުރިޔަސް، އިންތިހާއަށް ލޯބި ވިޔަސް ކުރާނެ ކަމެއް ނެތެވެ. ހައިކަލް އެއްވެސް ވަރަކަށް ނިއުޝާ ދެކެ ލޯތްބެއް ނުވެއެވެ. ހައިކަލް ދެރަ ވަނީ ނިއުޝާ އެހުރިހާ ވާހަކައެއް ކިޔާދީ، ހައިކަލް އަށް އެ ކުރި ގަދަ އިތުބާރުންނެވެ. އެ އިތުބާރުން ނިއުޝާގެ ދިިއުޅުން އެފުށް މިފުށަށް ޖެހޭނެތީއެވެ. ނަމަވެސް ނިއުޝާއަށް އެކަން ޙައްޤޭ ހިތަށް އަރާ ފަހަރު ވެސް ހައިކަލްގެ ދެއެވެ.

***

ދޮރުގައި ޓަކި ދިނުމާ އެކުގައި ނާޝިދު ވަރަށް އަވަހަށް ހިނގާފައި ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ހުރި މީހާއަށް ނާޝިދު ބަލާލިއެވެ. ބޮލުން ފެށިގެން ތިރިއަށެވެ. ބުޅި އިސްތަށިގަނޑެކެވެ. އިސްތަށިގަނޑުގައި އެއްވެސް ތަރުތީބު ކަމެއް ނެތް އިރު ވައްތަރީ ހާމުންޑި ކުކުޅަކާއެވެ. ލައިގެން ހުރީ ޓީޝާޓަކާއި ސޯޓެކެވެ. ޓީޝާޓުގެ މޭމަތީގައި "ޑެވިލް" ޖަހާފައި ވެއެވެ. އެމީހާ ގައިން ދުވަނީ ސިނގެރޭޓް ވަހެވެ.

"މާނިއު ތަ؟" ނާޝިދު ހިނިތުންވެލަމުން އަހައިލިއެވެ. ޖަވާބުގައި އެމީހާ ބޯޖަހާލިއެވެ.

"އަވަހަށް ވަދޭ އެތެރެއަށް.." ނާޝިދުގެ އެދުމަށް މާނިއު މަޑުމަޑުން ގޭތެރެއަށް ވަނެވެ. ގޭގެ އެތަން މިތަނަށް ބަލަމުންނެވެ. ޒަމާނީ ފެންވަރަށް ހަދާފައިވާ އެޕާރޓްމެންޓުން މާނިއުއަށް ލިބުނީ އިތުރު ހިތްހަމަ ޖެހުމެކެވެ. މުއްސަނދި ޑްރަގް ޑީލަރެއް ހަމަޖެހުނީ ކަމުގައި ދެކިގެންނެވެ. ނާޝިދު ދެއްކި ސޯފާގައި މާނިއު އިށީންދެ ހަމަ ޖެހިލިއެވެ.

"ކަޅެއްތަ؟ ނޫނީ މިލްކް ކޮފީއެއްތަ؟" ނާޝިދު ކޮށްލި ސުވާލާއެކުގައި މާނިއު "ކަޅެކޭ" ބުނެ ނާޝިދަށް ބަލާލިއެވެ. ނާޝިދު ހިނގައިގަތީ ބަދިގެއާ ވީ ދިމާއަށެވެ. މާނިއު ސޯފާގައި ދެއަތް ދެއަތަށް ކާއްތަމުން އެޕާރޓްމެންޓުގެ އެކި ތަންތަނަށް ބަލަމުން ގެންދިޔައެވެ.

ބަދިގެއިން މެދު ސައިޒްގެ ވަޅިއެއް ނާޝިދު އަތަށް ހެޔޮވަރުކޮށްލިއެވެ. އަދި ރުޅިވެރި ގޮތަކަށް ބަލައިިލީ ސޯފާގައި އިން މާނިއުއަށެވެ. ދަތްކުނޑި ވިކައިގެން ހުރެ، މަޑުމަޑުން ނާޝިދު ހިނގައިގަތީ މާނިއުއާ ދިމާއަށެވެ. މާނިއުގެ ފަހަތުން ހިނގަމުންދާ އެއްވެސް ކަމެއްގެ ހިލަމެއް އޭނާއަކަށް ނުވެއެވެ. އޭނާ އެވަގުތު އިނީ ސިޓިންގރޫމްގައި ހުރި މަސްޓޭގަށް ކަޅި ހުއްޓިފައެވެ. އެހެން އިންދާ މާނިއުގެ ދެލޯ ކުއްލިއަކަށް ބޮޑު ވެގެން ދިޔައެވެ. ގުޑިލަން ވެސް މާނިއުއަށް ނުކުރުނެވެ. މޫނު ގުޑުވާ ވެސް ނުޅާ މާނިއު ދެލޯ ބޮޑުކޮށްގެން ހުރެ މަޑުމަޑުުން ކަޅި ތިރިކޮށް ބަލާލީ އޭނާގެ ކަރުގައި ޖައްސާފައިވާ ވަޅިއަށެވެ. މާނިއު އިންތިހާއަށް ޖެހިލުންވެ ބިރުގަންނަ ގޮތްވިއެވެ. ނަމަވެސް ހަށިގަނޑަށް އެއްވެސް ހަރަކާތެއް ގެންނަން މާނިއު ފަސްޖެހުނެވެ.

"ކަލޭ ފަޔާޒަށް ކީއްތަ ކުރީ؟ ތެދަށް ބުނޭ! އެހެން ނޫނީ.." މާނިއުގެ ކަރުގައި ނާޝިދު ކުޑަކޮށް ވަޅި ޖައްސާލިއެވެ. މާނިއުއަށް ތޫނު ތަދެއްގެ އިޙްސާސް ވުމާއެކުގައި އޭނާގެ ލޮލުން ހޯސް ލާފައި ކަރުނަތައް ފައިބައިގަތެވެ.

"ނޫން! ނޫން! އަހަރެން.." މާނިއު އަށް ބިރުން ވާހަކައެއް ނުދެއްކުނެވެ. އޭނާގެ އަތާއި ފައި ތުރުތުރު އަޅަން ފެށުމާއެކުގައި ނާޝިދު މަޑުމަޑުން އޭނާގެ ކަރާ ދިމާލުން ވަޅި ދުރުކޮށްލިއެވެ.

"އޯކޭ! ތެދަށް ކިޔާދީ! ތިހާ ބިރުން އުޅޭ އިރު ވެސް މީހުންގެ ދިރިއުޅުން ހަލާކު ކުރަނީ؟" ވަޅި އަތުގައި ބާއްވައިގެން ނާޝިދު އުޑުފައިން އިށީންނީ މާނިއުގެ ކުރިމަތީގައެވެ. އޭރުވެސް މާނިއުގެ ލޮލުން ކަރުނަ ފައިބަމުން ދެއެވެ. އޭނާ އިނީ ބިރުން ވިރޭ ވަރުވެފައެވެ.

"ފެން ފޮދެއް!" މާނިއުއަށް ވަރަށް އުނދަގުލުން ބުނެވުނެވެ. ނާޝިދު މާނިއުއަށް ފެން ދިނެވެ. މާނިއުގެ ފަރާތުން ފެންނަ ޖެހިލުންވުމުން ނާޝިދަށް އެކަން ކޮންމެވެސް ވަރަކަށް "މަޖާ" ވިއެވެ. އެހާ ގަދަވެފައި ޖަރީމާތައް ހިންގާ އިރު، ހަޤީޤަތުގައި އެމީހުންގެ ފިނޑި ކަމުންނެވެ.

"އަހަރެން.. އަހަރެންނަށް މާފު ދީ." މާނިއުގެ ނޭވާ ކުރުވެފައި ވުމާ އެކުގައި އޭނާއަށް ވާހަކަދެއްކުން ވީ އުނދަގޫ ކަމަށެވެ. ނާޝިދުގެ އެދުމަށް މާނިއު އޭނާގެ ޖީބުން ނެގީ އޭނާގެ އައިޑީކާޑެވެ. އަދި ބިރުން ހުރެ އައިޑީ ކާޑް ނާޝިިދުގެ އަތަށް ދިއްކޮށްލިއެވެ.

ނާޝިިދަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. މާނިއުގެ އުމުރު ފެނުމާ އެކުގައެވެ. މާނިއު އަށް އެންމެ 16 އަހަރެވެ. 16 އަހަރުގައި ކުށު ވެށީގައި މާނިއު އެތައް ކުށަކަށް އަރައިގަންނަމުން ދަނީ މީހުންގެ ގާތުގައި އޭނާގެ އުމުރު އޮޅުވާލައިގެންނެވެ. މާނިއު އަށް ބަލާފައި ހީވަނީ ގާތްގަނޑަކަށް 22 އަހަރުގެ ޒުވާނެއް ހެންނެވެ. ނާޝިދަށް ލިބިފައިވާ ހައިރާން ކަމާއި އެކުގައި އޭނާ ބަލައިލީ ސޯފާގައި އިން މާނިއުގެ މޫނަށެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.