ބިމެއް 99 އަހަރަށް | ހިތަށް ތަދުވޭ، އެކަމު އެންމެން ކަންކުރީ މިހެން

ކުރީ ސަރުކާރުންވެސް ނޫނާއި ތިމަފުށި އަދި ހުޅުމާލެ ފަޅުން ބައެއް 99 އަހަރަށް ދިނެވެ. މި ސަރުކާރުން ވެސް ކަންކުރީ ހަމަ އެގޮތަށެވެ. ސަބަބަކީ ފައިސާ ހޯދާނެ އިތުުރު ގޮތެއް ދައުލަަތަށް ނެތި ދަރާ އަވަދިވެފައި އޮތުމެވެ.

ގިނަ ސުވާލުތަކާއި ޒުވާބު ހޫނުވެފައި އޮތްއިރު ސުވާލަކީ ރާއްޖޭގައި މީގެ ކުރިން މިފަދަ މުއާމަލާތްތަކެއް ކޮށްފައި އެބަހުރި ހެއްޔެވެ؟ މީގެ ކުރިން މިގޮތަށް ބޮޑެތި ފަޅުތަށް ކުއްޔަށް ދިނީ ކޮން އުސޫލަކުން ހެއްޔެވެ؟ ރާއްޖޭގައި މި ވަރުގެ މަޝްރޫއެއް ހިންގަން މި ނޫން ގޮތެއް އޮޕްޝަނެއް ދައުލަތަށް ނެތީ ހެއްޔެވެ؟ ފުށިދިއްގަރު ފަޅު ހިއްކަން ބިމެއް 99 އަހަރަށް ދީގެން އެންމެން އެ ވާހަކަ ދައްކާއިރު، މި ވޭތުވެދިޔަ 20 އަކަށް އަހަރު ޓޫރިޒަމަށް ދިން ބިންތަކާއި އެހެން ބިންތަށް މި ބައިގައި ނުހިމެނޭ ހެއްޔެވެ؟ 

ފުށިދިއްގަރު ފަޅުގައި "މެގަ ސިޓީ" އެއް ހަދަން ސަރުކާރުން ނިންމައި ބިން ހިއްކަން ހަވާލުކުރި ވާހަކަ ފެތުރިގެން ދިޔައިރު އެ މަސައްކަތް ހިންގާ އާބަންކޯ އިން އެކަން ހަވާލު ކުރީ ކޮން ބަޔަކާ ކަމެއް ފުރަތަމަ ނުބުނެ އެވެ. އެކަން ކުރާ ގޮތެއް ވެސް ހާމައެއް ނުކުރެ އެވެ. އަގެއް ވެސް ނުބުނެ އެވެ. ޖުމްލަ ކޮށް ބިޔަ ބޮޑު އެ މަޝްރޫއުގެ އެއްވެސް މައުލޫމާތެއް ނުދެ އެވެ. ފަޅުގެ މަސައްކަތް ފެށުމަށްފަހު އާބަންކޯގެ އެމްޑީ ފަޒުލް ރަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެ މަޝްރޫއުގެ ގިނަ މައުލޫމާތުތަކެއް ތިލަކޮށްލި އެވެ. މި މައުލޫމާތު ތަކުން އެނގިގެން ދިޔައީ އެފަޅު ހިއްކަނީ ހުޅުމާލެ ފަޅުން 10 ހެކްޓަރާއި ފުށިދިއްގަރު ފަޅުން 60 ހެކްޓަރު އެ ބިން ހިއްކާ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށް ދީގެން ކަމެވެ. މިކަން ހާމަކުރުމުން އާއްމުން ކެކި އަރައި ފާޑު ކިއުން އޮއްސާލި އެވެ. މި ފާޑު ކިޔުމަށް އެއްބަޔަކު ތެޔޮ އަޅައި އަންދަމުން ދިޔައިރު ސަރުކާރާއި އާބަންކޯ އިން ބެލީ އެ ހޫނުގަނޑު ފިނި ކުރެވޭ ތޯއެވެ. 

ފަޅު ހިއްކާ "ޑީލު" ގެ ދަށުން ލަންކާގެ ސީއެމްސީ އަށް ބިން ދޫކޮށްލަނީ 45 އަހަރާއި އިތުރު 50 އަހަރު ހިމެނޭހެން ޖުމުލަ 99 އަހަރަށެވެ. ގިނަ ބަޔަކަށް މި ވާހަކަ އިވުމާއެކު އެންމެ ބޮޑު ސުވާލަކަށްވީ މި ނޫން ގޮތެއް ނެތް ހެއްޔެވެ؟ އެވަރުގެ ބިމެއް އެހެން ބަޔަކަށް ދޫކޮށް ލަން ހެޔޮވާނެ ހެއްޔެވެ؟ 

ޓޫރިޒަމަށް ރަށެއް ކުއްޔަށް ދިނުމަށްފަހު ދުވަހަކު ވެސް އެ ރަށެއް އެހެން ބަޔަކަށް ނުލިބޭނެއޭ ގިނަ ބަޔަކު ބުނެ އެވެ. މިހެން ބުނަން ޖެހޭ ސަބަބުތަކެއް އެބައޮތެވެ. އެއް ސަބަބަކީ މީގެ ގިނަ ރަށްރަށާއި ފަޅުތަށް ނަގާ ވިޔަފާރިވެރިން ބިމަށް ކުރާ އިންވެސްޓްމަންޓާއެކު ބިމުގެ މުއްދަތު 99 އަހަރަށް ދިގުކޮށްލެވޭ ގޮތަށް އޮތުމެވެ. ޓޫރިޒަމަށްވެސް ރަށެއް / ފަޅެއް ކުއްޔަށް ދެނީ 50 އަހަރަށެވެ. އެކަމަކު ފަހުން އިތުރު 45 އަހަރު ދެ އެވެ. 

ރިސޯޓުތަކުގެ ކުލީގެ މުއްދަތު 99 އަހަރަށް ދަމާލެވޭނީ ގަނޑުކޮށް 10 މިލިއަން ޑޮލަރު ސަރުކާރުގެ މާލިއްޔާ އަށް ދީގެންނެވެ. އެ ރަށަކީ މީހުން ދިރިއުޅޭ ފަޅެއްގެ ތެރޭގައި އޮތް ތަނަކަށް ވިޔަސް އަލުން އިތުރު 45 އަހަރު އިތުރުކޮށް ދޭއިރު ވަކިން އެ ރަށަކަށް ކަމެއް ކޮށްދޭން ޖެހޭނެ ވާހަކައެއް ކުޑަ މިނުން ނޯވެ އެވެ. އެކަމަކު ބައެއް ފަހަރު އެއް ފަޅުތެރޭގައި އޮންނަ ރަށުގެ ސްކޫލުގެ ލައިބްރަރީ އަށް ފޮތެއް ނޫނީ ކޮމްޕިއުޓަރު ގަނޑެއް ދީފާނެ އެވެ. އެ ނޫނީ ކޮށްދޭ އެއްކަމެއް ވެސް ހަރާމެވެ.

ވަޒީފާއަށް ބަލާނަމަ 50 ޕަސެންޓު ދިވެހިން ގެންގުޅެން ގާނޫނުގައި އޮތަސް އެކަން ބަލާނެ ބަޔަކު ނުތިބެ އެވެ. އެކަމަށް ވަކާލާތު ކުރަން ނިކުންނަ ޓޫރިޒަމް ޖަމިއްޔާއެއްގެ ބަޔަކަށް ވެސް ޖެހޭ ހާލަކީ ތިމާގެ ފިކުރު ސީދާވާ ބަޔަކު ވެރިކަމުގައި ތިބިނަމަ އެ ބަޔަކާ ބައިއަތު ހިފާ ލިބޭ ފައިދާއެއް ލިބިގަނެ އަނގައިގައި މަލަން އަޅައިގެން ތިބުމެވެ. ދެން އޮންނާނީ ވަކި މޫސުންތަކުގައި ބަޔާން ނެރެ އިލްތިމާސް ކުރުމެވެ. އެގޮތުގައި ދާއިރާއަށް ކަމަކަށް ވާނެ ކަމެއް ކޮށްނުދީ މަޝްހޫރުކަން ހޯދާ އިތުރު ހައްގުތައް ހޯދާ ދިނުމުގެ ނަމުގަަި ދެން އަންނަނީ މަޖިލީސް މެންބަރުންގެ ގޮނޑިއެއް ހޯދާށެވެ. މިހާތަނަށް މިކަން ވެފައި އޮތީ މިހެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލްވުމެއް ގައި ވާހަކަދައްކަވަނީ --

ޓޫރިޒަމަށް އެގޮތަށް ބިން ދޫކުރުމާ ބޮޑެތި މަޝްރޫއުތަކަށް ގްރޭޓާ މާލޭން އެންމެ އަގު ބޮޑު ބިމުން ބައެއް ދިނުމާ ތަފާތު ކަމަށް ބައެއް މީހުން ދެކެއެވެ. ރަނގަޅެވެ. މިއީ މުޅީން ތަފާތު ދެ މައްސަލަ އެކެވެ. 

އެކަމަކު ބިން ވާނީ ބިމަށެވެ. ރާއްޖޭގެ ބިމެއް ނަމަ އެ ވާނީ ރާއްޖޭގެ ބަޔަކަށެވެ. މިކަމުގައި ތަފާތެއް ނެތެވެ. ގިރާވަރު ފަޅު ހިއްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގިރާވަރު ރެސިޑެންޝަލް ސިޓީ މަޝްރޫއެއް ހަދަން ނ. ދިގުފަރު ފަޅާއި އެ ފަޅާއި ކައިރީގައި އޮންނަ ފެކެނަން ފަރު ވިއްކާލި އެވެ. ނުވަތަ މި ދެ ތަން 99 އަހަރަށް ކްރޮސް ސަބްސިޑީ އުސޫލުން ބޭރުގެ ބަޔަކަށް ދިނެވެ. 

މި ފަޅުތަކުގެ މުއާމަލާތް އޭރުގެ ސަރުކާރުން ކުރިއަށް ގެންދިޔައީ ވަރަށް ސިރިޔާތުގަ އެވެ. އެކަމަކު އެ ވާހަކަ ފެންމަތިވުމުން ނޫސް ބަޔާނެއް ނެރެ ބުނީ އެ ފަޅު ގަތީ ސުވިޒަލޭންޑުގެ މީހެއް ކަމަށެވެ.  

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ -- އެސްޓީއޯ

"މި" ނޫހުން އެދިގެން ވަރަށް ހާލުން ކުރި މަސަައްކަތުން އިކޮނޮމިކް މިނިސްޓްރީން ދިން މައުލޫމާތުން އެނގުނު ގޮތުގައި މި ދެ ފަޅު ވިއްކާލީ 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށެވެ. މީގެ ތެރޭގައި ހިމެނެނީ މި ދެ ބިން ގަންނަން ހަރަދު ކުރި 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) އާއި ފަޅުގެ ލީސް އެކްސްޓެންޝަން ފީގެ ގޮތުގައި ސަރުކާރަށް ދެއްކި ފަސް މިލިއަން ޑޮލަރެވެ. ދެން އޮތީ މި ދެފަޅަކީ ކިހާ ބޮޑު ފަޅެއް ތޯ ބެލުމެވެ. ބިމުގެ ވެލިއުއެއް ހެދުމެވެ. މީގެ ކޮމާޝަލް ވެލިއުގެ އަންދާޒާ އެކެވެ.

ސުވިޒަލޭންޑު މީހާ އަށް 99 އަހަރަށް ވިއްކާލި މީގެ އެއް ފަޅަކީ 1075 ހެކްޓަރުގެ ބޮޑު ފަޅެކެވެ. އަނެއް ފަޅުގެ ބޮޑު މިނަކީ 398 ހެކްޓަރެވެ. މި ދެ ފަޅުގެ ޓޫރިޒަމް ލޭންޑް ވެލިއު އިން ބަލާނަމަ އެންމެ ކުޑަކޮށް ވެސް އެއް ފަޅުގެ އަގު ހަތް ބިލިއަން ރުފިޔާ އަދި އަނެއް ފަޅަށް ތިން ބިލިއަން ރުފިޔާ އަރާނެ އެވެ. އެހެންވެ މި ދެފަޅު އަގު ކުރާނަމަ މިއީ 10 ބިލިއަން ރުފިޔާގެ އަގު ބޮޑު ދެ ފަޅެވެ. އެހެންވެ މިހާރު ފަޅެއް 99 އަހަރަށް ދީގެން ވާހަކަ ދެއްކި ނަމަވެސް ކުރިންވެސް މިކަން ކޮށްފައި އޮތީ ހަމަ މިގޮތަށް ކަމަށް ބުނެވޭނެ ޖާގަ އެބަ ލިބެ އެވެ. 

ދިގުފަރު ފަޅާއި ފެކެނަން ފަރުގެ އަގު

  •  ދިގު ފަރު - ހަތް ބިލިއަން ރުފިޔާ
  •  ފެކެނަން ފަރު - ދެ ބިލިއަން ރުފިޔާ

މިހާރު ލަންކާ ކުންފުންޏަކަށް ބިމެއް ކުއްޔަށް ދީގެން އެ ވާހަކަ ދައްކާއިރު ނިމިދިޔަ ރިޔާސީ އިންތިހާބުގައި މި ކުންފުނިން ހުޅުމާލެ، ދިޔަނެރު ފަަޅާއި ތިލަފުށި ހިއްކަން ހަވާލު ކުރީވެސް ހަމަ 99 އަހަރަށް ބިން ދީގެން އޭގެ ފައިސާ ހޯދައިގެން ސަރުކާރަށް ދައްކާ މޮޑެލްގަ އެވެ. އެ ފަހަރު ވެސް އާބަންކޯ އިން އެއްވެސް ސާފު މައުލޫމާތެއް މީޑިއާ އަކަށް ނުދެ އެވެ. އޭރުވެސް އާބަންކޯއިން ކަންކުރީ މިހާރުވެސް އެ ކަންކުރާ ގޮތަށެވެ. 

އެ މައުލޫމާތުވެސް މީޑިއާގައި އުޅޭ ބަޔަކު ހޯދި ގޮތަކަށް ހޯދައިގެން ލިޔުނީ އެވެ. މި ފަޅުތަށް ހިއްކަން 259 މިލިއަން ޑޮލަރު (4 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ބުނީ ވެސް ލައްކަ ފަހުންނެވެ. އެ ފަހަރު އާބަންކޯ އިން ލަންކާ ކުންފުންޏަށް ހަވާލު ކުރީ ހުޅުމާލެ ފަޅުގެ ބިމުގެ ބޮޑުމިނަކީ 10 ހެކްޓަރެވެ. އަދި ތިލަފުށީ ބިމުގެ ބޮޑު މިނަކީ 9.6 ހެކްޓަރެވެ. އަގުގެ ގޮތުން ބަލާނަމަ ހުޅުމާލެ ބިމުގެ އަގު ފަސް ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ކޮމާޝަލް ހަބު / ކުރިއަށް އޮތްތަނުގައި އަގު އަރައިގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ތިލަފުށީ ބިމުން ލަންކާގެ ކުންފުންޏަށް ދިން ބިމުގެ ބޮޑުމިނަކީ 9.6 ހެކްޓަރެވެ. މި ވަގުތަށް ބެލިނަމަވެސް މ ބިމުގެ ވެލިއު އެއް ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. މި ދެ ބިން ވެސް ދޫކޮށްލީ ހަމަ ފުށިދިއްގަރު ފަޅުގެ މޮޑެލް އަށެވެ. މި ބިންތަށް ވެސް ސީއެމްސީ އަށް 99 އަހަރަށް ވިޔަފާރި ކުރެވޭނެ އެވެ.

ފުށިދިއްގަރުފަޅުން ބިއްކައި ރަސްމާލެ ޕްރޮޖެކްޓް ފައްޓަވައި ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ތިލަފުށި ހިއްކަން ދިން ފަޅުގެ އަގު

  •  ހުޅުމާލެ - ފަސް ބިލިއަން ރުފިޔާ
  •  ތިލަފުށި - ދެ ބިލިއަން ރުފިޔާ

ބޮޑެތި މަޝްރޫއު ތަކަށް މިގޮތަށް ރާއްޖޭގެ ބިންތަށް ދޫކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އަދި މިއީ މުސްތަގުބަލަށް އެހާ ރަނގަޅު ކަމެއް ވެސް ނޫނެވެ. މިއީ ވިޔަފާރީގެ ގިނަ ފުރުސަތު ތަކެއް ދޫކޮށްލުމެވެ.

އެކަމަކު ރާއްޖޭގެ މިހާރުގެ ހާލަތު އޮތް ގޮތުން އެ ނޫން ދެވަނަ ގޮތެއް ސަރުކާރަކަށް ނޯންނާނެ އެވެ. އިގްތިސޯދީ މާހިރުން ވެސް ބުނަނީ އެހެންނެވެ. އެހެންވެ ފުށިދިއްގަރުފަޅު ފަދަ ބޮޑު މަޝްރޫއެއް ހިންގާނަމަ މި ނޫން ގޮތަކަށް މިކަން ކުރުމަކީ ނާދިރު ކަމެކެވެ.

ދިގު މުއްދަތަށް ދިނުން ނޫން އޮޕްޝަނެއް ނެތް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ މާލީ ކަންކަމުގައި އުޅުއްވި އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ފުށިދިއްގަރު ފަޅު މިހާރު ހިއްކާ މޮޑެލް ނޫން ގޮތަކަށް އެކަމެއް ނުކުރެވޭނެ އެވެ.

"ރާއްޖޭގެ ޑެޓް [ދަރަނި] ހުރި ލެވަލް އާއި ދުނިޔެ އިން މި ވަގުތު ލިބެން ހުރި އޮޕްޝަން ތަކަށް ބަލާއިރު މިވަރުގެ މަޝްރޫ އަކަށް ދަރަނީގެ ވަސީލަތެއް ލިބުނީ ފަސޭހަ ކަމެއް ނޫނެ. ހާއްސަކޮށް މާލެއާ ދުރުގައި އޮތް މި ވަރުގެ ބިމެއް ކޮމާޝަލް ޕާޕަސް ކުޑަވާނެ. އެެހެންވެ ރަނގަޅު ފައިނޭންޝަލް ފުރުސަތެއް ލިބުން ކުޑަ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

މިކަން އިތުރަށް ޔަގީންވަނީ ދައުލަތުގެ އަތުގައި މިހާރު ހުރި ދަރަނި ނެގުމުގެ ގާބިލް ކަމަށް ބަލައިލުމުންނެވެ. ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 118 ބިލިއަން ރުފިޔާގަ އެވެ. މާނައަކީ ދަރަނި ނެގުން މިއޮތީ ސިލް ކެނޑޭ ހިސާބުގަ އެވެ. އެހެންވެ މިކަން ކުރާނަމަ ކުރެވޭނެ ހަމައެކަނި ގޮތަކީ މި އެވެ. އެހެންނޫނީ ޖެހޭނީ ރާއްޖޭގެ އިކޮނޮމީ އިތުރު ހަތަރު އަހަރު ހުއްޓާލައިގެން ތިބޭށެވެ.

މި މަޝްރޫއަކީ މި ސަރުކާރުގެ "ޑްރީމް މަޝްރޫއު" އެވެ. މި މަޝްރޫއަށް ހިއްކާ ރަސްމާލެއަކީ 1280 ހެކްޓަރުގެ ބޮޑު ރަށެވެ. 

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވި ގޮތުގައި ފުށިއްދިގަރު ފަޅު ހިއްކަނީ އާބަންކޯ އާއި ސަރުކާރުގެ ބަޖެޓަށް ވެސް އެއްވެސް ބުރައެއް ނުވާނެ ގޮތަށެވެ. އެކަން ކުރަނީ ސަރުކާރަށް ލިބުނު ހުށަހެޅުންތަކަށް ބަލައި ފުށިދިއްގަރު ފަޅުން 60 ހެކްޓަރު އަދި ހުޅުމާލެއިން ހިއްކާ ސަރަހައްދުން 10 ހެކްޓަރުގެ ބިން ހިއްކާ ކުންފުންޏަށް ދޫކޮށްލާ ގޮތަށެވެ.

"ދޫކޮށްލާ ބިން އެ ކުންފުނިން [ސީއެމްސީ] އިން ބޭނުން އަގެއްގައި ވިއްކަންވީ. މިއީ އެންމެ ބެސްޓް އޮޕްޝަން ކަމަށް ބުނެވިދާނެ. މީގެ ބަދަލުގައި 1،093 ހެކްޓަރުގެ ބިން ހެޗްޑީސީގެ އެސެންޓަށް [އާބަންކޯ] އަށް މި ލިބެނީ،" ފަޒުލް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން އާބަންކޯ އަށް ގާތްގަނޑަކަށް 300- 600 ބިލިއަން ރުފިޔާގެ އަގުހުރި ބިން ލިބޭނެ އެެވެ. މިވަރުގެ އެސެޓެއް އެ ކުންފުންޏަށް ކްރިއޭޓް ވާނެ އެވެ. މީގެ ބަދަލުގައި ލަންކާ ކުންފުންޏަށް ވެސް 25-40 ބިލިއަން ރުފިޔާގެ ވެލިއު ހުރި ބިން ވިޔަފާރި ކުރަން ލިބޭނެ އެވެ. 99 އަހަރަށެވެ.

މި މަޝްރޫއަށް ފަޅުން ބައެއް 99 އަހަރަށް ދީގެން ބައެއް މީހުން އެއްޗިހި ކިޔައި ހަޅޭ ލެވިޔަސް މިހާތަނަށް ހުރިހާ ސަރުކާރަކުން ކަންކުރި ގޮތަކީ މިއެވެ. އަދި މިހާރު ކުރަމުން އަންނަނީ ވެސް މިގޮތުގަ އެވެ. މިކަމުގައި އަލަށް ކުރިކަމެއް ނެތެވެ. ޓޫރިޒަމަށް ރަށްރަށް ދޫކުރަނީ ވެސް އެއް ގޮތަށެވެ. މަޝްރޫއު ހިންގައިދޭތީ ކުންފުނިތަކަށް ބިން ދެނީ ވެސް އެ އުސޫލުންނެވެ. ގަރުނެއްގެ ދިގު މުއްދަތަށެވެ. ބިމެއް 99 އަހަރަށް ދޫކޮށްލުމަކީ އެ ވަތަނެެއްގެ ބައެއްގެ ހިތުގަ ޖެހޭނެ ކަމެކެވެ. އެކަމަކު ގައުމު ހިންގަން ރައްޔިތުން އިސްކުރާ އެންމެން ކަންކުރީ އެއްގޮތަަށެވެ. ކުރަމުން ދަނީ އެއްގޮތަށެވެ. ވަކި އާ ކަމެއް އަދިއަކު ނުހިނގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.