ދޮގާއި ފިތުނަ ހުއްޓުވާން ކުރާ މަސައްކަތަކީ ޚިޔާލުފާޅު ކުރުމަށް ހުރަސްއެޅުމެއް ނޫން: އިބްރާ

ހަބަރެއް ފަތުރާނަމަ، އެކަމެއްގެ ތެދު ދޮގު ކަށަވަރު ކުރާން ޖެހޭނެ ކަމަށާއި އަދި ދޮގު ހަބަރު ފަތުރާ ފިތުނަ އުފެއްދުމަކީ ކުށެއްކަމަށް އިބްރާ ވިދާޅުވި އެވެ.

އިބްރާހީމް އިސްމާއީލް --

ދޮގު ހަބަރު ފެތުރުމަކީ ގާނޫނު އަސާސީ ގައި ދީފައި އޮންނަ ހިޔާލުފާޅު ކުރުމުގެ ހައްގު ނޫން ކަމަށާއި ދޮގާއި ފިތުނަ ފެތުރުން ހުއްޓުވާން ކުރާ މަސައްކަތަކީ ހިޔާލުފާޅު ކުރުމަށް ހުރަސްއެޅުމެއް ނޫންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

އިބްރާ މިހެން ވިދާޅުވީ ސަރުކާރަށް ފާޑު ކިޔަމުން އަންނަ ދެ ވެބްސައިޓެއް މިފަހުން ބްލޮކްކޮށްފައި ވަނިކޮށެވެ. އެއީ ކުރުސީ.ކޮމް އަދި ދިޔަވަރު.ކޮމް އެވެ. މީގެ އިތުރުން ފުރަތަމަ.ކޮމްގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ވެބްސައިޓެއް ވެސް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބްލޮކޮށްފައިވެ އެވެ. 

އެކަމާ ގުޅިގެން އިބްރާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާލު ފާޅުކުރުމަކީ ކަމަކާމެދު ތިމާ ދެކޭގޮތް ހާމަކުރުން ކަމަށެވެ. އެހެންވެ އެކަންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ، ލިބިގެންވާ ކަމަށެވެ. ހަބަރެއް ފަތުރާނަމަ، އެކަމެއްގެ ތެދު ދޮގު ކަށަވަރު ކުރާންޖެހޭނެ ކަމަށާއި އަދި ދޮގު ހަބަރު ފަތުރާ، ފިތުނަ އުފެއްދުމަކީ ކުށެއް ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.  

"އެހެން މީހަކު ނުވަތަ ބަޔަކު ވަކި ކަމެއް ކުރިކަމަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަށް ބުނުމަކީ ހިޔާލު ފާޅުކުރުމެއް ނޫނެވެ. އެއީ ހަބަރު ފެތުރުމެވެ. އެފަދަކަމެއްގެ ވާހަކަ ބުނާނަމަ، އެކަމެއްގެ ތެދު ދޮގު ކަށަވަރު ކުރުމާއި، އެވާހަކައެއް ބުނާ މީހާއާމެދު ދައުވާއެއް އުފުލިއްޖެ ނަމަ، ތިމާ ބުނީ ތެދެއްކަން ސާބިތުކޮށްދިނުމަކީ ބުނާ މީހާގެ މައްޗަށް އޮންނަކަމެކެވެ،" އޭނާ ވިދާޅުވި އެވެ. 

ހިޔާލެއް ފާޅުކޮށްގެން ދައުވާއެއް ނުއުފުލޭނެކަން ހަނދާންކޮށްދެއްވާ އިބްރާ ވިދާޅުވީ އެހެން އެކަން އޮތް ނަމަވެސް ދޮގުވާހަކަ ފަތުރާނަމަ ދައުވާއަށް ޖަވާބުދޭންޖެހޭނެ ކަމަށެވެ. އަދި އެންމެން ވެސް މި ތަފާތު ދަސްކުރާން ވެއްޖެ ކަމަށް ވިދާޅުވި އެވެ.

މިމައްސަލައާ ގުޅުވައިގެން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވެފައިވަނީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގައި އެއްވެސް ނޫސް މަޖައްލާއެއް ސަރުކާރުން ބަންދު ކޮށް ނުވަތަ ބްލޮކް، ނުކުރާނެ ކަމަށެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެކަން ވެސް ޝަހީބު ފާހަގަ ކުރެއްވި އެވެ.

މި ވެބްސައިޓްތައް ބަންދުކުރުމުން އާންމުންނާއި އެކި ޖަމުއިއްޔާ، ޖަމާއަތްތަކާއި ސިޔާސީ ބޭފުޅުންގެ ފާޑުކިޔުންތައް ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ. 

ރެޖިސްޓްރީ ނުކޮށް ހިންގާތީ ކަމަށް ބުނެ، މި ދެ ވެބްސައިޓަށް ނުވަދެވޭ ގޮތް ކޭމް، އިން ހަދާފައިވާއިރު ސަރުކާރުން ވަނީ މިފަހުން ބަަރަހަނާ ވެބްސައިޓްތައް ވެސް ބްލޮކްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.