"ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅައި. ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން"
ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާ ކަމަށް ތަކުރާރު ކުރައްވާ ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ތަރުޖަމާނަށް މުހައްމަދު ޝަހީބު، ފާޑުކިޔުންތަކަށް ރައްދު ދެއްވައިފި އެވެ.
ތަރުޖަމާންގެ މި ވާހަކަތައް އައީ ރާއްޖޭގައި ހިންގަމުން އައި ދެ ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދާފައިވާތީ އެއީ ނޫސްވެރިކަމުގެ މިނިވަން ކަމަށް އެޅުނު ހުރަހެއް ކަަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނުމާއި ގުޅިގެންނެވެ.
ނޫސްވެެރިކަމުގައި ވަރަށް ފާހަގަކޮށްލެވުނު ޝަހީބު ވިދާޅުވި ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރުން ފިޔަވަޅު އަޅާފައެއް ނުވާނެ އެވެ. އަދި ވިދާޅުވީ ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށެވެ. ޝަހީބު ވަނީ އެމްޖޭއޭ އިން ބަޔާން ނެރުނީ ބަލަން ވާ ވަރަށް ނުބަލާ އަދި ކަންކަން ދިރާސާ ކުރަން ޖެހޭ މިންވަރަށް ނުކޮށް ކަން ފާހަގަ ކޮށް އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރެއިން ފެށިގެން ބްލޮކް ކޮށްފައި ވަނީ ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ އޮންލަައިން ދެ ނޫހެކެވެ. އެއީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. އަދި ރަޖިސްޓްރީ ކޮށްގެން ހިންގާ "ފުރަތަމަ" ކިޔާ ވެބްސައިޓެއް ވެސް ބްލޮކް ކޮށްފައިވާ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.
އެކަމާއި ގުޅިގެން އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ބުނި ގޮތުގައި އެ ފިޔަވަޅަކީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަން ކަމާއި ހިޔާލުފާޅު ކުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް އެޅި ފިޔަވަޅެކެވެ.
އަދި ދޮގު މައުލޫމާތާއި މީހުންގެ އަބުރު ކަތިލުން ފަދަ ކަންކަން ކުރުމާއި އެ ޖަމިއްޔާ އިން ވެސް ދެކޮޅުކަން ފާހަގަކޮށް އެފަދަ ކަންކަން ހުއްޓުވުމަށް މީޑިއާ ކައުންސިލް ބާރުވެރި ކުރުވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަނީ އެދިފައެވެ.
"ޑިސް އިންޕޮމޭޝަން އާއި މިސް އިންފޮމޭޝަންއާ ދެކޮޅަށް މަސައްކަތް ކުރުމަކީ މި ޖަމިއްޔާ އިން ވެސް ތާއީދު ކުރާ ކަމެކެވެ. ނަމަވެސް ވެބްސައިޓްތައް ބްލޮކް ކުރުމަކީ އެކަމަށް އޮތް ފަރުވާ އެއް ކަމަށް މި ޖަމިއްޔާ އިން ނުދެކެމެވެ،" އެމްޖޭއޭގެ ބަޔާނުގައި ވެއެވެ.