ޚިދުމަތްދިނުމުގައި ވަކި މީހަކަށް ނުބަލާނެ ކަމަށާއި ޚިދުމަތްދިނުމުގައި ބަލަނީ އަދަށްވުރެ ފަހި މާދަމާއަކަށް ހިދުމަތްދިނުމުގެ ވިސްނުމުގައި ކަމަށް ވިދާޅުވި
ސްޓެލްކޯގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގޭ އެންމެ ބިޔަ ޕަވާ ޕްރޮޖެކްޓް، އަންނަ އަހަރު ފަށާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ސްޓެލްކޯގެ 74 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގަ އެވެ.
ފަހުމީ ވިދާޅުވީ ކަރަންޓުގެ ހިދުމަތުގެ އަލިމަސްޔޫބީލްއާ ގުޅުވައިގެން ރާއްޖޭގައި ހިންގޭ އެންމެ ބޮޑު، އަދި ބިޔަ ހަކަތައިގެ މަޝްރޫއު އަންނަ އަހަރު ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ ހަމަ އެ މަޝްރޫއާއެކު މި ސިނާއަތުގައި މަސައްކަތްކުރާނެ މީހުން ތަމްރީންކުރުމުގެ ޕްރޮޖެކްޓެއް ވެސް ފަށާނެ ކަމަށެވެ.
"މި އަންނަ އަހަރު މި ކުންފުންނީގެ އަދި މި ސިނާއަތަށް 75 އަހަރު ފުރިގެންދާ އަހަރަކީ މީގެ ކުރިން އަޅުގަނޑުމެން ހިންގާފަ ނުވާ ފަދަ ބިޔަ ޕްރޮޖެކްޓެއް، ރާއްޖޭގަ ނުވަތަ މާލޭގަ ހިންގިގެންދާނެ އަހަރަކަށް ވާނެ،" ފަހުމީ ވިދާޅުވި އެވެ.
ކުންފުނީގައި މިވަގުތު ތިބި މުވައްޒަފުންނާއެކު މުސްތަގުބަލުގައި ދާއިރާއިން ކުރިއަށް ދިއުމަކީ ދަތި އުނދަގޫ ކަމަކަށް ވާނެކަން ފާހަގަ ކުރައްވައި ފަހުމީ ވިދާޅުވީ އަންނަ އަހަރު، 100 މެގަވޯޓް ޕަވާޕްލާންޓެއް އަޅައި އަދި އެކަމުގެ މަސައްކަތް ފަށާނެ ކަމަށާއި އޭގެ ތެރެއިން ރަނގަޅު އަދަދަކަށް ދެޖިންސުގެ ޒުވާނުންނަށް ސްކޮލާޝިޕުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށެވެ.
އެމްޑީ ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ހިދުމަތް ދިނުމުގައި ވަކި މީހަކަށް ނުބަލާނެ ކަމަށާއި ހިދުމަތް ދިނުމުގައި ބަލަނީ އަދަށްވުރެ ފަހި މާދަމާއަކަށް ހިދުމަތް ދިނުމުގެ ވިސްނުމުގައި ކަމަށެވެ.
މިހާރު ފޯރުކޮށްދެމުން އަންނަ ހިދުމަތަށް ބަދަލުތަކެއް ގެނެސް، ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއެކު އެ ހިދުމަތްތައް ހޯދޭނެ މަގު ތަނަވަސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
"އިރާދަ ކުރެއްވިއްޔާ ދުރު ނޫސް މުސްތަގުބަލެއްގަ ސްމާޓް މީޓާޕްރޮޖެކްޓެއް ހިންގާނަން. އޭރުން ތިޔަބޭފުޅުންނަށް ތިޔަބޭފުނުންގެ ކަރަންޓު ބިލަށް އަރާ ވަރު ފޯނުން ފެންނަ ގޮތަށް ހަދައިދޭނަން. ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ވަރަށް ބޭނުންވާ ކަމެއް، ދުވަހުން ދުވަހަކަށް ބިލަށް އަރާވަރު އެނގުން. އެއީ ކަރަންޓު އިގުތިސޯދުކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް،" ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯގައި މީގެ ކުރިން އުޅުނު މުވައްޒަފުންގެ އިޚުލާސްތެރިކާއި އެމީހުން ކޮށްފައިވާ ބުރަ މަސައްކަތުން ނަމޫނާ ނަގައިގެން ކުންފުނީގެ މަސައްކަތްތައް ތަރުތީބު ކުރަމުން ގެންދިއުމަށް ފަހުމީ ވަނީ އެދިވަޑައިގެންފައެވެ.