މިނިސްޓަރު ފައިސަލް ވިދާޅުވީ މި ކާމިޔާބީއަކީ ޓޫރިޒަމް މުވައްޒަފުންނާއި އިންޑަސްޓްރީގެ މަސައްކަތް ކަމަށެވެ. ޑރ. މުއިއްޒުގެ ވެރިކަމުގައި ޓޫރިޒަމް އާ ހަރުފަތަކަށް ގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
ރާއްޖޭގެ ޓޫރިޒަމަށް މިއަދު އާ ރެކޯޑެއް، 1.8 މިލިއަން ޓޫރިސްޓުން ހަމަވުމާއެކު މި ސަރުކާރުގެ އަމާޒު ހުރީ ޓޫރިޒަމް އާމްދަނީ ހަ ބިލިއަން ޑޮލަރަށް މައްޗަށް ގެންދިއުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ 1.8 މިލިއަން ޓޫރިސްޓުން ހަމަވުން ފާހަގަ ކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭއްވި ރަސްމިއްޔާތަށްފަހު ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވީ މި ކާމިޔާބުގެ ސިއްރަކީ ޓޫރިޒަމް މުވައްޒަފުންނާއި އިންޑަސްޓްރީ އެކުގައި ކުރާ މަސައްކަތް ކަމަށާ، މި ސަރުކާރުގެ އަމާޒަކީ ޓޫރިޒަމް އާމްދަނީ މަތިކުރުން ކަމަށެވެ.
މިހާރު ރާއްޖޭގެ ޓޫރިޒަމްގެ އެވްރެޖް އާމްދަނީއަކީ ހަތަރު ބިލިއަން ޑޮލަރެވެ.
"އަޅުގަނޑު ވަރަށް ޔަގީންކަން އެބައޮތް ކުރި އަށް އޮތްތަނުގައި ވެސް ރާއްޖެ އަށް ގިނަ ކާމިޔާބީ ތަކެއް މި ސިނާއަތުން ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމާއެކު ބޮޑު ބަދަލެއް އަންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާ، ސަރުކާރުގެ އަވަސް މިޝްރާބު ހުރީ އެމަގަށް ކަމަށެވެ. މި ސަރުކާރުގެ ދައުރު ވެގެން ދާނީ އެންމެ ގިނަ ޓޫރިސްޓުން އަންނަނާނެ އަހަރުތަކަށް ކަމަށެވެ. ކުރިއަށް އޮތް އަހަރެއް ދެ އަހަރުގެ ތެރޭގައި ޓޫރިޒަމް ރަނގަޅު މިޝްރާބަކަށް ގެންދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
"ޔަގީންކަން ދެން ލޯކަލް އައިލެންޑް ޓޫރިޒަމް [ގެސްޓްހައުސް] ވެސް ވަން އައިލެންޑް ވަން ޓޫރިޒަމް [ރިސޯޓް] ސިނާއަތްތަށް ވެސް އިތުރު އިންވެސްޓްމަންޓްތަށް ގެނެސް ތަރައްގީ ކުރާނެކަން. ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމް އެހާ ރަނގަޅަށް ފަންގްޝަން ނުކުރާ [އައްޑޫ، ލ، ގއ] ފަދަ ނެތް ތަންތަނުގައި ގުޅިގެން މިކުރާ މަސައްކަތުން ޓޫރިޒަމް ގެނެސް ކާމިޔާބުވުން،" ފައިސަލް ވިދާޅުވި އެވެ.
"މަސައްކަތް ކުރާނީ ދިވެހި އިންވެސްޓަރުންނާއި ދިވެހި އިންވެސްޓަރުން ގުޅިގެން ކުރާ މަސައްކަތުން އެހެން ހަރުފަތަކަށް ޓޫރިޒަމް ގެންދިއުން. ރައީސް މުއިއްޒުގެ ސްޕީޑް މިހުރި ވަރަށް ބަލާއިރު ވަރަށް ބޮޑު އުންމީދެއް އެބައޮތް ކާމިޔާބުވާނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ އެކި މަގާމުތަކަށް ވެރިން އައްޔަން ކުރަމުންދާއިރު މަސައްކަތް ކުރަން ވިސްނުން ހުރީ މުޅި އިންޑަސްޓްރީ ގޮވައިގެން ކަމަށެވެ. އަދި މި ސަރުކާރުން ލޯކަލް ނުވަތަ ކޮމިއުނިޓީ ޓޫރިޒަމް ފުޅާ ކުރަން ވިސްނާނެ ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ވަނަތަށް ދަމަހައްޓައި އިތުރު ރަން ވަނަތަކެއް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.
"މި ސަރުކާރުގަ އެބައޮތް އައްސޭރި ޓޫރިޒަމް ތަރައްގީ ކުރުން. މި ކޮންސެޕްޓުގައި ލޯކަލް ޓޫރިޒަމް މުޅިރާއްޖެއަށް ފުޅާ ކުރުން ޕްލޭންއަކީ. އެކަމުގެ މަސައްކަތް މި ކުރަނީ. މިކަމުގެ މަސައްކަތް އަހަރެއްގެ ތެރޭ ފެނިގެންދާނެ،" ފައިސަލް ވިދާޅުވި އެވެ.
މި އަހަރު 1.8 މިލިއަން ޓޫރިސްޓުން ހަމަވިއިރު މި އަހަރު 1.9 މިލިއަން ޓޫރިސްޓުން ހަމަ ކުރުމަކީ ނިމިދިޔަ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރަން އެމްއެމްޕީއާރުސީން ވަނީ ގިނަ މަސައްކަތް ތަކެއް ވެސް ކޮށްފަ އެވެ.