ގާސިމާއި ރައީސް މުއިއްޒު ބައްދަލު ކުރެއްވެވި އިރު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާ ވެސް ރައީސް މިއަދު ބައްދަލު ކުރެއްވެވި އެވެ.
ސަރުކާރާއެކު ކޯލިޝަނެއް އޮތަސް ނެތަސް ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ވެރިކަން ކުރާ ނަމަ ސަރުކާރާ އެކުގައި ހުންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރާއްޖޭގެ ހުރިހާ ކަމެއްގައި ވެސް ނުފޫޒާއި ބާރު ގަދަ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވާ ދޮޅުގަޑިއެއްހާއިރަށް ބޭއްވެވި ބައްދަލު ވުމަކަށް ފަހު ނުކުމެ ވަޑައިގެން ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ގާސިމް ވިދާޅުވީ "ރައީސާއެކު މާ ބޮޑު މަޝްވަރާއެއް ނެތް" ކަމަށެވެ. ދެން ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ވަރަށް އެކީގައި އުޅުއްވާ ދެ ބޭފުޅުން ކަމަށާއި ރައީސް މުއިއްޒު ކިޔަވާ ވިދާޅުވެ، މާލެ ވަޑައިގެން މަސައްކަތް ކުރެއްވީ ވެސް ގާސިމްގެ ވިލާ ގްރޫޕްގައި ކަމަށެވެ.
ނަމަވެސް ނޫސްވެރިން ސުވާލުތަކެއް ތަކުރާރު ކުރާން ފެށުމުން ގާސިމް ކޮންމެވެސް މިންވަރެއްގައި ވާހަކަފުޅު ދެއްކެވި އެވެ:
"ގައުމަށް ހަމަޖެހުން އަންނަ އުސޫލުގައި ދަންކަންޖެހޭ ވާހަކަތައް ދައްކާނެތާ! އެ އުސޫލުން ވާހަކަ ދެއްކެވުނު،" ގާސިމް ވިދާޅުވި އެވެ. ސަރުކާރަށް އެއްބާރުލު ދެއްވުމުގައި ހުންނަވާނަންތޯ ދެންނެވުމުން ގާސިމް ވިދާޅުވީ "ކޯލިޝަނެއް އޮތަސް ނެތަސް ގާނޫނާ އެއްގޮތަށް މަސައްކަތް ކުރާ ކޮންމެ ސަރުކާރަކާއެއެކު އަބަދުވެސް ހުންނަން" ކަމަށެވެ.
"އަޅުގަނޑު ދެންނެވީ ގާނޫނާ އެއްގޮތަށް ކުރާ ހުރިހާ ކަމެއްގައި... ޔޭސް [ހުންނާނަމޭ]" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގައުމު ހަމަޖެހުމާއެކު ކުރިޔަށް ގެންދާނެ ގޮތްތަކާބެހޭ ވާހަކަތައް ދެކެވުނީ އެ ހަމަޖެހުން ގެއްލިއްޖެ ނަމަ އިގްތިސޯދު ހަލާލުވެގެން ދާނެތީ ކަމަށާއި އެކަން އެގޮތަށް ނުވާނެ ގޮތްތަކާބެހޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ. އަދި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރުން ކުރާ ހުރިހާ ކަމެއްގައި އެކީ މަސއްކަތްކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދީފައިވާނެ ކަމަށެވެ.
"އަޅުގަނޑު ރައީސަށް ދެންނެވީ އަޅުގަނޑު ރައީސަށް ކޮށް ދެވެން އޮތް ހުރިހާ މަސައްލަތެއް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން މި ގައުމުގެ މަސްލަހަތަށާއި ކުރިއެރުމަށްޓަކައި ކުރާނަމޭ ރައީސް ވަކި ކަމަށް އެދިވަޑައެއް ނުގަންނަވާ... ކީއްވެތޯ ސަރުކާރާއެެކު މަސައްކަތް ކުރާން ނުފެންނަންވީ ގާނޫނާ އެއްގޮތަށް ދާ ވެރިކަމެއް ކުރާނަމަ އެއަކާ ދެކޮޅު ހަދައިގަނެގެން އުޅޭނީ ގައުމުގެ ހަލާކަށް ބޭނުންވާ މީހުން. ގައުމުގެ ހަމަޖެހުމާ އިގްތިސޯދީ ގޮތުނާއި އިޖުތިމާއީ ގޮތުން ކުރިޔަށް ދެވޭނީ ސިޔާސީ ހަމަޖެހުން އޮވެގެން" ގާސިމް ވިދާޅުވި އެވެ.
ރައީސާއި ނައިބު ރައީސް އަޒުލު ކުރުމާއި ވަޒީރުންނަށް ރުހުން ދޭން ދެކޮޅު ހަދައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މަސައްކަތްތަކެއް ކުރާ މައްސަލާގައި ގާސިމާ ސުވާލު ކުރުމުން އަޒުލު ކުރުމުގެ މައުލޫއާ އަޅައެއް ނުލެއްވި އެވެ.
ވަޒީރުންގެ ރުހުމާބެހޭ ގޮތުން ވިދާޅުވީ ރީތި ގޮތަކީ ވެސް ރަނގަޅު ގޮތަކީ ވެސް އަދި ގާނޫނު އަސާސީގައި އޮތް ގޮތަކީ ވެސް ގާނޫނު އަސާސީ އާއި ގާނޫނުގައި ބުނާ ކަންކަން ފުރިހަމަވާ ގޮތަށް ރައީސް ނިންމަވައި ފޮނުއްވަވާ ނަންތައްކަށް ރުހުން ދިނުން ކަމަށެވެ. ރުހުން ދިނުމަކީ މަޖިލީހުން ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެކަމަކު އެ މައްސަލާގައި ރައީސާއެކު ވާހަކަފުޅު ނުދައްކަވާ ކަމަށެވެ.
މިއަދު އޮތް ބައްދަލުވުމުގައި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާބެހޭ ގޮތުން އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށާއި އެކަމަކު މި ފަހަރުގެ އިންތިހާބުގައި ވެސް ގާސިމް މާމިގިލީ ދާއިރާއަށް ވާދަ ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ދެން ވިދާޅުވީ ސަރުކާރު ނިސްބަތްވާ ކޮންގްރެސް ޕާޓީ އާއި ޕީޕީއެމާއި ޖޭޕީ ގުޅިގެން ކުރިޔަށް ދާނެ އެއްވެސް ބައިންޑިއެއް ނެތް ކަމަށާއި އެފަދަ ކޯލިޝަނެއް އޮތަސް ނެތަސް ގާނޫނާ އެއްގޮތަށް ސަރުކާރުން ކުރާ ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށެވެެ
"ގާނޫނާ ހިލާފަށް ދަންޏާ އެވާހަކައެއް އާޅުގަނޑު ދައްކާނަން ގާނޫނު ނެގެހެއްޓެންޏާ އަޅުގަނޑުގެ ސަޕޯޓް ވެސް އޮންނާނެ"
ޖުމްހޫރީ ޕާޓީ އުވާލުމާ ބެހޭ ގޮތުން ކުރި މަޝްވަރާއަށް އަމާޒުކޮށް ނޫސްވެރިޔަކު ސުވާލު ކުރި އެވެ. އެ ސުވާލަށް ގާސިމް ވިދާޅުވީ ޕާޓީ އުވާލުމަކީ އެ މަނިކުފާނު ކުރައްވާ ކަމެއް ނޫން ކަމަށާއި ޕާޓީ އުވާލުމުގެ ކަންކަން ކުރާނީ ޕާޓީގެ މެންބަރުން / ކައުންސިލުން ކަމަށެވެ.
"އެ މައްސަލައަށް ކައުންސިލުގައި ވާހަކަ ދެއްކި، ދެއްކީމާ ކައުންސިލުގެ އެއްވެސް ބޭފުޅަކަށް ނުފެނުނު ދެން އެކަން އެ ނިމުނީނު،" ގާސިމް ވިދާޅުވި އެވެ.
އިންޑިއާ ސިފައިންގެ މައްސަލާގައި ސުވާލު ދެއްނެވުމުން ގާސިމް ވިދާޅުވީ ސިފައިން ބޭލުމުގެ މަސައްކަތް ރައީސް މުއިއްޒު އެބަ ކުރައްވާ ކަމަށާއި އެއީ އެއް ދުވަހުން ކުރެވޭ ކަމެއް ނޫން ކަމަށެވެ.
"އެކަން ކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދެވަނައަށް ރައީސް އަބްދުﷲ ޔާމީން... ރައީސް ޔާމީން އުޅުއްވެވި [އިންޑިއާ ސިފައިން] ބާލަން ވެސް ... އެ ހުރިހާ ކަމެއްގެ އިތުރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ދޭ ބޭފުޅުން ކުރެއްވި ވަރަށް ވުރެ ބޮޑަށް އެކަން ކުރެއްވީ!"
ގާސިމް ވިދާޅުވީ އިންިއާ ސިފައިން ނުބާލާނަމަ އެކަމާ ދެކޮޅުވާން އެނގި ވަޑައިގަންނަވާނީ އެ ދުވަހެއް އައުމުން ކަމަށާއި ގާނޫނު އަސާސީއާ ގާނޫނާ ހިލާފު ކަމެއް ހިނގާނަމަ އެ ވާކައެއް އިސްވެ ދައްކަވާން ހުންވާނެ ކަމަށެވެ.
ގާސިމާއި ރައީސް މުއިއްޒު ބައްދަލު ކުރެއްވެވި އިރު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާ ވެސް ރައީސް މިއަދު ބައްދަލު ކުރެއްވެވި އެވެ.