އެކްސް ގައި މިއަދު ކުރި ޕޯސްޓެއް ގައި އޭނާ ވިދާޅުވި ގޮތުގައި މަޖިލީސް ވިހީ ގައި ވާދަ ކުރަން ނިންމާފައި ވަނީ ކުޅުދުއްފުށި ސިޓީ ދެކުނު ދާއިރާ އަށެވެ.
ކުރިއަށް އޮތް "މަޖިލީސް 20" -- ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވާދަ ކުރަން ނިންމާފައިވާ ކަން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއުލާނު ކޮށްފި އެވެ.
އެކްސް ގައި މިއަދު ކުރި ޕޯސްޓެއް ގައި އޭނާ ވިދާޅުވި ގޮތުގައި މަޖިލީސް ވިހީ ގައި ވާދަ ކުރަން ނިންމާފައި ވަނީ ކުޅުދުއްފުށި ސިޓީ ދެކުނު ދާއިރާ އަށެވެ. އެއީ އެ ސިޓީއަށް ހައްގު އިންގިލާބީ ބަދަލު ހޯދުމަށްޓަކައި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސިޔާސީ ބާރުވެރި ފުދުންތެރި ބޮޑު ތިލަދުއްމައްޗަކަށް އަމާޒު ހިފުމަކީ ވެސް ތަސައްވުރެއް ކަމަށެވެ.
އޭނާގެ މި ނިންމުން އައުމުގެ ކުރީން އެމްޑީޕީއާ އަލުން ވަނީ ގުޅިފައެވެ. އެހެން ކަމުން އޭނާ މަސައްކަތް ކުރަން ޖެހޭނީ އެމްޑީޕީގެ ޓިކެޓް ހޯދާށެވެ. މިހާރުވެސް ކުޅުދުއްފުށި ސިޓީގެ ދެ ގޮޑި ފުރުއްވަނީ އެމްޑީޕީ އަށް ނިސްބަތްވާ ދެ މެންބަރުންނެވެ.
ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީއާ އެމްޑީޕީ ގައިވެސް މުހިންމު މަގާމުތަކެއް ފުރާފައިވާ އަލީ ވަހީދު ވަނީ ރައީސް ސޯލިހްގެ ސަރުކާރު ގައި ޓޫރިޒަމް މިނިސްޓަރު ކަން ކޮށްފައެވެ. އެ މަގާމުން އޭނާ ވަކިކޮށްފައި ވަނީ ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތަކެއް އަމާޒުވުމުންނެވެ. އެ ތުހުމަތާއި ގުޅިގެން ގިނަ ދައުވާތަކެއް ވެސް އުފުލި އެވެ. ނަމަވެސް ފަހުން އެ ހުރިހާ ދައުވާތަކެއް އަނބުރާ ގެންދިޔައީ އެވެ. ދައުވާ އުފުލާފައި އޮތް މުއްދަތު ގައި އަލީ ދިރިއުޅުނީ ފިލައިގެން އިނގިރޭސިވިލާތު ގައެވެ.