ފުޑް ސެކިއުރިޓީ ދިނުމުގައި އަބަދުވެސް އެންމެ އިސް ރޯލެއް ކުޅުނީ އެސްޓީއޯ އެވެ. ބާޒާރުގައި އަގު މަތިވާ ކޮންމެ ފަހަރުވެސް އަގުދަށް ކުރުމުގައި އެސްޓީއޯ މުހިންމު ރޯލެއް ކުޅެ އެވެ.
އެސްޓީއޯގެ ބައި ގަރުނުގެ ތާރީހުން ފެންނަނީ ދިވެހިންނަށް ދީފައިވާ އެހީތެރި ކަމެވެ. ބައިގަރުނު ތާރީހު ފޮތުގެ ކޮންމެ ސޮފުހާއަކުން ވެސް ކިޔައި ދެނީ ރައްޔިތުންގެ ކުންފުނިން ދިވެހި އާއިލާތަކާ ގުޅިފައިވާ މިންވަރެވެ. ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމުގައި އެ ކުންފުނީގެ ރޯލު އޮތް މިންވަރެވެ. އެ ޒަމާނަކީ ދިވެހިންގެ މާބޮޑު ޑިމާންޑުތަކެއް އޮތް ޒަމާނެއް ނޫނެވެ. ކާނެ އެއްޗަކާއި އުނު އޮރިޔާން ނިވާވުމުން އެ ނިމުނީ އެވެ.
ދިވެހިންގެ ބޭރު ފައިސާގެ ވަސީލަތަކީ ހިތްވަރު ގަދަ މަސްވެރިން ރިޔަލާއި ފަލީގައި ކަނޑަށް ނުކުމެ ބާނާ މަސްކޮޅެވެ. އެ މަސްކޮޅު އިހުގެ ސިލޯނު މިހާރުގެ ސްރީލަންކާ އަށް ވިއްކާލައިގެން ލިބޭ އެއްޗަކީ ރާއްޖެއަށް ބޭނުންވާ އިމްޕޯޓަށް ބޭނުންވާ ބޭރު ފައިސާ އެވެ. އެކަމަކު މި މަސްކޮޅުން ވެސް ދިވެހިންނަށް އޭރު ލިބެމުން ދިޔައީ ގެއްލުމެވެ. ރާއްޖޭގެ އިގްތިސޯދުގައި ވަކި ހިއްޕާލައިގެން ތިބި ދެކުނު އިންޑިއާގެ ވޯރާ ވިޔަފާރީވެރިންގެ ދިޔައީ ރާއްޖޭގެ އިގްތިސޯދު ވީދައި ކަމުންނެވެ. އެހެންވެ ހިކި ކަނޑުމަސް ސަރުކާރަށް ވިއްކުމާ ބެހޭ ގޮތުން 12، ނޮވެމްބަރު 1942 ވަނަ އަހަރު ގާނޫނެއް ހެދި އެވެ.
އޭގެ ގާތްގަނޑަކަށް މަހެއް ފަހުން 10، ޑިސެމްބަރު 1942 ވަނަ އަހަރު ރައްޔިތުންގެ ބޮޑު އިސްޓޯރު ވުޖޫދުވެ ހިކި ކަނޑުމަސް ގަންނަން ފެށުމަކީ މިހާރުގެ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އުފެދުނުގެ ނުސީދާ ނިޝާނަކަށް ވިއެވެ. އެކަމަކު އެއީ އެސްޓީއޯ އެންމެ ފުރަތަމަ ނިސްބަތްވި އަތިރީމާފަންނު ޓްރޭޑިން އެކައުންޓް (އޭޓީއޭ) އުފެދުނުގެ 22 އަހަރު ކުރި އެވެ.
ބޮޑު އިސްޓޯރު ހުޅުވިއިރު ރާއްޖޭގެ މަހުގެ ފުލް ކޮންޓްރޯލް އޮތީ ވޯރާއިންގެ އަތް ދަށުގަ އެވެ. އޭރު ވޯރާއިން ހިކި ކަނޑުމަހުގެ ހަންދަރެއް މި ޒަމާނުގެ ބަހުންނަމަ 50.848 ކިލޯއެއް ފަސް ރުފިޔާއަށް ވެސް ނުގަނެވެ. މުޅި މަހުގެ ބާޒާރު އޮތީ އެ މީހުންގެ އަތްމަތީގަ އެވެ.
"އެއްކަލަ ފަސް ރުފިޔާއަށް މަސް ހަންދަރެއް ނުގަތް ވޯރާއިން އޭޓީއޭ އުފެދުމާއެކު ހަންދަރެއް 35ރ. އަށް ގަންނަން ފެށި،" ބޮޑު މި ބަދަލު ގެންނެވި މޭސްތިރީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގެ ހާރިޖީ ވަޒީރު ކަރަންކާ އިބްރާހިމް ރަޝީދު އެސްޓީއޯގެ ބައިގަރުނުގެ ފޮތަށް ވިދާޅުވެފައިވެ އެވެ.
އެ ދުވަހާ ހަމައަށް އައިސް ތާރީހުގެ ފަހަތް ބަލާލާއިރު ދިވެހިން ނިކަމެތިކަމުގެ ފައިދާ ވޯރާ ވިޔަފާރިވެރިން ނަގާތާ ގަރުނެއްވީ އެވެ. އެކަމަކު ރާއްޖޭގެ އިގްތިސޯދު އާ ފޮރޮޅުމަށް ދިއުމުގެ ފެށުން އައީވެސް ބޮޑު އިސްޓޯރު މިހާރުގެ އެސްޓީއޯ އުފެދުމާއެކުގަ އެވެ. ބޮޑު އިސްޓޯރު އުފެދުމާއެކު ދެން ފެނިގެން ދިޔައީ 1857 ވަނަ އަަހަރު ރާއްޖޭގެ ވިޔަފާރިއަށް ވެރިވެގަތް ވޯރާއިންގެ ހުއްދަ ބާތިލު ކުރިތަނެވެ. ދިވެހިންގެ އިގްތިސޯދު ދިވެހިންނަށް ލިބިގެން ދިޔަ މި ތާރީހީ ބަދަލުގެ ތާރީހު ލިޔުނީ 1، އޮގަސްޓް 1962 އެވެ. މިހާ ހިސާބުން ބޮޑު އިސްޓޯރުގެ ފުޅާވެ ދިވެހި ސަރުކާރުން އެސްޕޯޓުގެ ތެރެއަށް ސީދާ ގޮތުން ވަނެވެ.
އެ ޒަމާނުގައި ދިވެހިންގެ ހުރިހާ ވެސް އެއްޗަކީ މަހެވެ. ފުޑް ސެކިއުރިޓީއަކީ މަހެވެ. ބޭރު ފައިސާއަކީ މަހެވެ. އެހެންވެ މިކަމުގައި ވެސް އެސްޓީއޯގެ ދައުރު އޮތް މިންވަރު އެނގެ އެވެ. އެސްޓީއޯއަށް މިއަދު 59 އަހަރު ފުރިގެންދާއިރު އެ ކުންފުނިން ކުރަމުން ދަނީ ހަމައެކަނި ވިޔަފާރިއެއް ނޫނެވެ. ރާއްޖޭގެ ގައުމީ އިޖުތިމާއި އަދި އުމްރާނީ ތަރައްގީގައި ވެސް އެ ކުންފުނިވެފައި ވަނީ ދިވެހިންގެ އެންމެ ގާތް ބައިވެރިޔާ އަށެވެ.
ސަރުކާރަށް ކުރެވެން ނެތް އެތައް ކަމެއް އެސްޓީއޯ އިން ކޮށްފައި ވެއެވެ. އަދި ރާއްޖޭގެ މަސްވެރިކަން އެހެން ހަރުފަ ތަކަށް ބަދަލު ވެގެން ގޮސް ޒަމާނީ މަސްވެރި އުޅަނދު ތަކެއް ނުކުތް އަލިފުށީ ބޯޓްޔާޑުގެ އަމަލީ މަސައްކަތް 1983 ވަނަ އަހަރު ފަށައި އެ މަަޝްރޫއުގެ ދަށުން 100 މަސް ދޯނި ނެރުމުގައި ވެސް އެސްޓީއޯގެ ރޯލު ކުޑައެއް ނޫނެވެ. މިއީ މަސްވެރިކަން ޒަމާނަށް ގިންތި ކުރާނަމަ އޭރުގެ "އާޖީލު" ގެ އުޅަނދު ފަހަރެވެ. މިއީ ވެސް ފުޑް ސެކިއުރިޓީއާ ގުޅުންހުރި ބޮޑު ބަދަލަށްވި އެވެ. މަސްވެރިކަން ފުޅާވެގެން ދިޔަ އެވެ.
މަސް ފިޔަވައި ދެން އެންމެ ގިނަ ބަޔަކު މިއަދު ވެސް ކެއިން ބުއިމުގެ ބޭނުން ކުރާ މައިގަނޑު ބާތް ތަކަކީ ތިން ބާވަތުގެ ކާޑެވެ. އޭޓީއޭގެ ދުވަސްވަރު 12، ޖޫން 1965 ގައި ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓް ސަރުކާރު އުފެއްދި އެވެ. މިތަނުގެ ޒިންމާއަކީ ސަރުކާރުގެ ކާޑުގެ ބާވަތްތަށް ރާއްޖެ އަށް އެތެރެ ކުރުމާއި ގުދަން ކުރުމާއި އެ ބެލެހެއްޓުމެވެ. ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓު ފުޑް ސަޕްލައި ޑިޕާޓްމަންޓުގެ ނަމަށް ބަދަލު ކުރީ 1982 ވަނަ އަހަރު އެވެ.
މި މަސައްކަތް އޭޓީއޭގައި 1975 ވަނަ އަހަރު އުޅުއްވި ފަހުން 2010 ގައި ވަޒީފާ އިން ރިޓަޔާ ކުރައްވާފައިވާ މުވައްޒަފެއް ކަމަށްވާ ޒަރީނާ މޫސާ ބުނެފައިވާ ގޮތުގައި އޭނާގެ އޭރުގެ ޒިންމާއަކީ ސްޓޮކް ބެލެހެއްޓުމެވެ. އެއީ އެތަނުގައި އުޅުނު ފުރަތަމަ އަންހެން މުވަޒަފެވެ. އޭނާ ކޮންމެ ހަފުތާއަކު ކާޑުގެ ހިސާބު ނަގައި ރައީސް އޮފީހަށް ފޮނުވަ އެވެ. ބައެއް ފަހަރު ރާއްޖެއަށް ކާޑު ގެންނަ ހިސާބުތަކުން ކުއްލިއަކަށް ކާޑު ނުލިބޭ ފަހަރުވެސް އާދެ އެވެ. ނޫނީ ގެންނަ ސްޓޮކް ކުއްލިއަކަށް އެކްސްޕޯޓް ކުރުން މަނާކޮށްފާނެ އެވެ. އެފަދަ ކޮންމެ ހާލެއްގައިވެސް ރައްޔިތުންނަށް އެކަން ރޭކާލިޔަ ނުދީ މިކަނަން ތަރުތީބު ކުރުމުގައި އެސްޓީއޯގެ މުވައްޒަފުން މި 59 އަހަރު ބުރަ މަސައްކަތް ތަކެއް ކޮށްފައިވެ އެވެ. ފަހުގެ ތާރީހަކަށް ބަލާނަމަ ކާޑުގެ ސްޓޮކް މެއިންޓެއިން ކުރުމުގައި އެސްޓީއޯ މުވައްޒަފުން އެންމެ ބޮޑު ހާސްކަމެއް ދިމާވީ 2004 ގެ ސުނާމީގަ އެވެ. ސުނާމީގެ ސަބަބުން ކާޑު ގުދަނަކަށް ލޮނުގަނޑުވަދެ ހަލާކު ވެގެން ދިޔަ އެވެ.
މި ތަނަކީ އެއް ޒަމާނެއްގައި މާލެ ބަނދަރު މަތީހުރި ދަގަނޑު ގުދަނެކެވެ. އެކަނަކު އެތަން ބަންދުކޮށްގެން މަރާމާތު ކުރުމަށްފަހު ދެން ފެނުނީ މާލެ ދުވަހަކު ވެސް ނުދެވޭ ވަރުގެ ހިތްގައިމު ރީތި ފިހާރަ އެކެވެ. އެއީ މިހާރުގެ އެސްޓީއޯ ސުޕަ މާކެޓެވެ. ދިވެހިންގެ ޗޮއެއްގެ ގޮތުގައި މިއީ ޕީލަލްސް ޗޮއިސް ސުޕަ މާކެޓެވެ. މި ފިހާރަ ހުޅުވިގެން ދިޔައީ 25، ޖުލައި 1992 ވަނަ އަހަރު އެވެ. މިތަންވީ ދިވެހިން އެ ޒަމާނުގައި ވިސްނުމަށް ނައި ކަމަށެވެ. ދިވެހިންގެ ކާނާގެ ޔަގީންކަމަށްވެސް ލިބުނު ބޮޑު ބާރަކަށެވެ. ފުރަތަމަ އެތަން ހުޅުވީ އެސްޓީއޯއިން އާއްމުކޮށް އެތެރެކުރާ ހުރިހާ މުދަލެއް ބަހައްޓާ ގޮތަކަށް ނޫނެވެ. އޭރު އެތަނުގައި ހުރި މުދަލުގެ 80 ޕަސެންޓަކީ އާއްމު ވިޔަފާރިވެރިންގެ މުދަލެވެ. އެސްޓީއޯއިން އެތެރެކުރަނީ ގާތްގަނޑަކަށް 20 ޕަސެންޓެވެ.
އެސްޓީއޯގެ އުފެދުމުގެ އެ ތާރީހު ދޫކޮށް މިއަދަކަށް ބެލިނަމަވެސް އެ ކުންފުނި ފެންނަނީ ދިވެހިންގެ އަތުގައި ހިފައިގެން އޮތް އެންމެ މުހިންމު ބައިވެރިޔާގެ ގޮތުގަ އެވެ. ބާޒާރުގައި އެއްޗެއް އަގު މަތިވެ ހައްދުން ނައްޓާލައިފިނަމަ އެސްޓީއޯ އިންޓަވިންކޮށް ބާޒާރު ހަމައަކަށް ގެނެ އެވެ. އަދި އެއަށްފަހު އާއްމު ވިޔަފާރިއަށް ދޫކޮށްލަ އެވެ. މިދިޔަ 20 އަހަށް އަހަރަށް ބަލާނަމަ އެންމެ ބޮޑަށް ބާޒާރުގެ އަގުތަކުގައި އެސްޓީއޯއިން މަސައްކަތް ކޮށްފައިވަނީ ފިޔާ އަލުވި އަދި ބިހުގެ އަގު މަތިވެގެން ދިއުމާއެކުގަ އެވެ. މިއަދުގެ ހާލަތަށް ބެލި ނަމަވެސް އެސްޓީއޯ އިން ވަނީ އެކަމުގައި ފިޔަވަޅު އަޅަން ފަށާފަ އެވެ. މިހާރު ފިޔާގެ އަގު މަތިވެފައިވާތީ އެ ބާވަތް ޕްލޭނެއްގެ ދަށުން އިމްޕޯޓްކޮށް ދަނީ ވިޔަފާރި ތަކަށް ކޮންޓްރޯލް އަގުގައި ފޯރުކޮށް ދެމުންނެވެ.
އެންމެ ކުރިން އަތިރީމާފަންޓު ޓްރޭޑިން އެކައުންޓް (އޭޓީއޭ) އިން އެސްޓީއޯގެ ގޮތުގައި އޮތަސް އެ ކުންފުނީގެ ހިދުމަތަކަށް ބަދަލެއް ނާދެ އެވެ. ގައުމު ހިންގުމުގެ ސިޔާސަތަަށް ބަދަލު އައިނަމަވެސް އެސްޓިއޯ އޮންނަނީ ގައުމީ ހިދުމަތުގަ އެވެ. އެ ކުންފުނިން މިހާތަނަށް ދީފައިވާ ހިދުމަތުގެ ބޮޑު ބަޔަކީ ދިވެހިންގެ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމެވެ. އެ މީހުން ދެމިތިބި އެގޮތުގަ އެވެ.