އދ. ޝާހިދުގެ ދައުރު އިއްޔެ ވަނީ ހަމަވެފަ އެވެ. އޭނާ އދ. އަދާކުރެއްވި ދައުރާ ގުޅޭ ގޮތުން ސައީދު ވަނީ ސުވާލު އުފައްދާފަ އެވެ އަދި އެއިން ދިވެހިންނަށް ވީ ކޮން މޮޅެއްތޯ ސުވާލު ކުރައްވާފަ އެވެ.
ދިވެހި ހާރިޖީ ވަޒީރު، އަބްދުﷲ ޝާހިދުގެ އދ. ގެ އާންމު މަޖިލީހުގެ ދައުރުގައި އަދާ ކުރެއްވީ އަވައްޓެރި، އިންޑިއާގެ ގޮނޑިކޮއްކޮއެއްގެ ދައުރު ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ ފާޑުވިދާޅުވުމެއް ޝާހިދަށް އަމާޒު ކުރައްވައިފި އެވެ.
ޝާހިދަށް އދ. ގައި އޮތް ދައުރު އިއްޔެ ވަނީ ހަމަވެފަ އެވެ. އޭނާ އަދާކުރެއްވި އެ ދައުރާ ގުޅޭ ގޮތުން ސައީދު ވަނީ ޝާހިދު ނިއުކޯޔްގައި / އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ހުންނެވުމުން ދިވެހީންނަށް ވީ ކޮން މޮޅެއްތޯ ސުވާލު ކުރައްވާފަ އެވެ. އަދި ޝާހިދަށް ފާޑު ވިދާޅުވަމުން އޭނ އަދާކުރެއްވީ އިންޑިއާގެ ގޮނޑިކޮއްކޮއެއްގެ ދައުރު ކަމަށް ވެސް ވިދާޅުވި އެވެ.
"އަރިހުގައި ތިބި ގިނަ އިސް ފަރާތްތައް އެއީ އިންޑިއާ [މީހުން] ދިވެހީންވީ ދަރަނީގެ އަޅަކަށް،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު ވަޑައިގަތުމުން ދިވެހި ގައުމަށް ލިބޭ ހިލޭ އެހީގެ ނިސްބަތް އިތުރުވާނެ ކަމަށް ބުނެ ސަރުކާރުން ދެއްކީ ދަޅައެކެވެ. ލިބުނު ހިލޭ އެހީއެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ގެނެވުނު ހައްލެއް ނެތް ކަމަށާއި ވަޒީފާ ނެތް ޒުވާނުންގެ ނިސްބަތް އިތުުރުވުމާއި ބޭއިންސާފު އިތުރުވުން ނޫން ކަމެއް ނުވި ކަމަށް ވެސް ވިދާޅުވި އިރު ދައުލަތުގެ ރިޒާވް އިތުރުވި ސުވާލު ކުރެއްވި އެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތު އަބްދުﷲ ޝާހިދު ކާމިޔާބު ކުރައްވައިފައި ވަނީ ޖޫން 7، 2021 ގައި އޮތް އިންތިހާބު ގައި 193 ގައުމު އެކުލެވޭ އާންމު މަޖިލީހުގެ 143 ގައުމުގެ ތަނަވަސް އަޣުލަބިއްޔަތަކުންނެވެ. އެއީ އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި އެއީ މިހާތަނަށް އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖޭން ބެލެހެއްޓި ފުރަތަމަ ފަހަރު ވެސް މެއެވެ.