ކޮލަމް

ޓޫރިސްޓު އެރައިވަލްސް ދަށްވީ ކީއްވެ؟

ރާއްޖެއަށް ފަތުރުވެރީން ޒިޔާރަތްކުން މަދުވީ، ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ނުކުރެވިގެން ކަމަށް ނުބެލެވެއެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންގެ ބޯ ގުނަން ސަމާލުކަން ދޭ މިންވަރަށް އާމްދަނީ އިތުރު ކުރުމަށް ވެސް މަސައްކަތް ކުރަންޖެހޭ

ދިވެހިރާއްޖެއަކީ އިޤްތިޞާދުގެ ބޮޑުބައި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމެކެވެ. ފަތުރުވެރިކަމަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު އިގްތިޞާދަށް ކުރާނެކަމީ ކަށަވަރު ކަމެކެވެ. އެހެންކަމުން ރާއްޖެއަށް ފަތުރުވެރިން އައުން މަދުވެއްޖެނަމަ، އެކަމުން ސަރުކާރުގެ މާލިއްޔާއަށްކުރާ ނޭދެވޭ އަސަރު ބޮޑުވާނެއެވެ. 

މިދުވަސްކޮޅަކީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މާބޮޑަށް ދަށްވެގެން އެކިފަރާތްތަކުން އެކިވާހަކަ ދައްކަމުންދާ ދުވަސްވަރެކެވެ. އެހެނަސް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު މަދުވީ ކީއްވެގެން ކަމާމެދު ބޮޑެތި ޚިލާފްތަކެއް އުފެދިފައިވާތީ، ކޮންމެވެސް ވަރަކަށް އެކަމަށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މަދުވުމުގެ އެތައް ސަބަބެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނަސް މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ފާއިތުވި އަހަރުން ފެށިގެން ދުނިޔޭގައި ހިނަގަމުންދާ ހަނގުރާމަތަކުގެ އަސަރު، ޙާއްޞަކޮށް ރަޝިޔާ އެއްކޮޅުގައި އޮވެ، ޔުކްރައިންއާއި ޔޫރަޕް އަދި އެމެރިކާ އަނެއްކޮޅުގައި ތިބެގެން ކުރާ ހަނގުރާމައިގެ ސަބަބުން، ރާއްޖެއަށް ގިނައިން މީހުންއަންނަ ޔޫރަޕްގެ ޤައުމުތަކުގެ އިޤްތިޞާދަށް އައި ހީނަރުކަމާއި ހަނގުރާމައިގެ ބިރުވެރިކަން، ކޮންމެވެސް ދައުރެއް އަދާކުރާނެކަމީ ކަށަވަރު ކަމެކެވެ.

ރާއްޖޭގައި ރިޔާސީ އިންތިޚާބެއް އޮންނަ ކޮންމެ އަހަރަކު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ނިސްބަތުން މަދުވާކަމީ ތަފާސްހިސާބުން ފެންނާންއޮތް ޙަޤީޤަތެކެވެ. މި ފަރަގު އެންމެ ކުޑައަހަރަކީ 2018 ވަނަ އަހަރެވެ. (އެ އަހަރު ފެބްރުއަރީ އެއް ވަނަދުވަހުގެ ސުޕްރީމް ކޯޓުން ނެރުނު ކުއްލި އަމުރާ ގުޅިގެން، ރާއްޖޭގައި ޢިޢުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތަށް ރިޢާޔަތްކުރުމުން، މިދެންނެވި ތަފާސްހިސާބު ދިމާވާނެއެވެ.)

އިލެކްޝަންގެ ކުރިން، އަދި ކޮވިޑްގެ ފަހުން ރާއްޖެއަށް އެންމެގިނަ ބަޔަކު ޒިޔާރަތްކުރި ޤައުމަކީ އަވައްޓެރި އިންޑިޔާއެވެ. އިންތިޚާބާއި ދިމާކޮށް އިނދިކޮޅުން ހިންގި "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން، އެގައުމުން ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދައްވެފައިވާކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. 

މިހާރުގެ އާ ސަރުކާރަށް އިންޑިއާ އާއިމެދު ގޮތްނިންމަން ލަސްވާ ކޮންމެ ދުވަހެއްގެ ސަބަބުން، އަދި ނިންމާ ނިންމުމެއްގެ ސަބަބުން، އިންޑިއާގެ ފަތުރުވެރިން ރާއްޖެ އައުން އިތުރަށް މަދުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުންވެސް ބިނާވާނީ ސަރުކާރުން ނިންމާ ނިންމުމެއްގެ މައްޗަށްކަމީ ކަށަވަރު ކަމެކެވެ. ކޮންމެއަކަސް، ބަޔަކަށް ފައިދާތަކެއް ވާނެގޮތަކަށް ހުރިހާއެންމެން ރުއްސޭނެ ފޯމިއުލާއެއް، ޖިއޯ ޕޮލިޓިކްސްގައި މިވަގުތު ނެތްކަމީ ކަށަވަރު ކަމެކެވެ.

މިދިޔައަހަރު ޓެކްސްގެ ޤަވާޢިދަށް ގެނެވުނު ބަދަލެއްގެ ސަބަބުން ފަތުރުވެރިޔާގެ ޖީބަށްކުރާ އަސަރު، ނިސްބަތުން ބޮޑުވުން ވެގެންދިޔައީ، ރާއްޖެފަދަ އެހެން މަންޒިލެއް، ފަތުރުވެރިޔާ ޚިޔާރުކުރާށޭ ބުނުންފަދަ ކަމަކަށެވެ. އެހެންކަމުން ރާއްޖެ ޒިޔާރަތްކުރާ މެދުފަންތީގެ ފަތުރުވެރިން މަދުވުމުން، ދުވަސްވީ (މެޗޫރިޓީ ސްޓޭޖްގައިހުރި އަދި އެއްކަހަލަ ރޫމްތައް ހުންނަ) ބައެއް ރިސޯޓްތަކުގެ އޮކިއުޕަންސީ ދައްވެފައިވާކަމީ ފެންނާންއޮތް ޙަޤީޤަތެކެވެ. އަލްޓްރާ ލަގްޒަރީ ފަތުރުވެރިޔާއަށް މާކަބޮޑު އަސަރެއް މިކަމުން ނުކުރިޔަސް، ސިނާޢަތުގެ ބޮޑުބަޔަކީ މެދުފަންތީގެ އެނދުތަކެވެ.

ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމްގެ އަގުބޮޑު ކަމަކީވެސް ފަތުރުވެރިޔާ ޖީބަށް ބުރަޔަކަށް ވުމުގެ އިތުރުން އޭނާ ތަޙައްމަލްކުރާ ބޮޑު ތަކުލީފެކެވެ. ޙާއްޞަކޮށް މެދުފަންތީން ފެށިގެން ދަށުގެ ގިންތިތަކުގެ ފަތުރުވެރީންނަށް މިކަމުގެ އުނދަގޫ ނުހަނު ބޮޑެވެ. ޑޮމެސްޓިކް ފްލައިޓްތަކުގެ އަގު އިންތިހާ އަށް ބޮޑުވެފައި، ދެވޭ ޚިދުމަތުގެ ފެންވަރު އެހާމެ ދަށެވެ. ފްލައިޓް ޑިލޭވެގެން ދިހަ ބާރަގަޑިއިރު ވުމަކީ މިހާރު ޢާންމު ކަމެކެވެ. ސީޕްލޭންގައި ތިރީސް ފަސް މިނިޓްގެ ދަތުރަކަށް، ދިހަގަޑިއިރުގެ ފްލައިޓެއްގައި ޔޫރަޕުން މާލެ އައުމަށްވުރެ ބޮޑު އަގެއް ނަގައެވެ. ބައެއް އެއާލައިން ތަކުން ރާއްޖެއަކީ ލަގްޒަރީ މަންޒިލެއް ކަމަށްބަލާ، ކައިރި އެހެން ގައުމުތަކަށް ނަގާ އަގުގެ އެތައްގުނަ ބޮޑު އަގުނަގާކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯރޓްގެ ދަތިތަކާއި، ސްލޮޓް ލިބުމުގެ އުނދަގޫތަކާއި، ޕާކިން ފީގެ ބޮޑުކަމާއި ޖާގައިގެ ކުޑަކަމާއި، ގްރައުންޑް ހޭންޑްލިންއާއި ރީފިއުލިންގެ އަގު ބޮޑުވުމާއި ވަޞީލަތްތަކުގެ މަދުކަމާއި ދެވޭ ޚިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން ބައެއް މަންޒިލް ތަކުން ރާއްޖެއަށް ފްލައިޓް އޮޕަރޭޓް ކުރުމަކީ ދަތި އުނދަގޫ ކަމެކެވެ. އަދި އެއާޕޯޓުން ދެވޭ ޚިދުމަތްތަކުގެ އަގު، ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާކިޔާއިރު، ނިސްބަތުން ބޮޑުވުމުގެ ސަބަބުން، އަގުހެޔޮ، ބަޖެޓް އެއާލައިން ތަކުގެ ދަތުރުތައް ފެށުމަކީ ކުރެވޭވަރުގެ ކަމަކަށްވަނީ ނުވެފައެވެ.

އެހެނަސް، ރާއްޖެއަށް ފަތުރުވެރީން ޒިޔާރަތްކުން މަދުވީ، ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ނުކުރެވިގެން ކަމަށް ނުބެލެވެއެވެ. ރާއްޖެއަށް ފަތުރުވެރިން ގިނައިން އަންނަ ގައުމަކުން، ޙާއްސަކޮށް އެގައުމެއްގެ އެއްވަނަ ދަރަޖައިގެ ސިޓީއެއްގެ، ޢާންމުކޮށް މީހުން ޖަމާވާ، މަތީފަންތީގެ ތަހުޒީބު ތަނަކުން (ކެފޭ، ރެސްޓޮރަންޓް، ބާރ، ޝޮޕިންމޯލް ފަދަ ތަނަކުން) "މޯލްޑިވްސް" އަކީ ކޮންތަނެއްތޯ، އެގައުމުގެ ބަޔަކާ ސުވާލު ކުރުމުން، އެނގޭ މީހުންނަށްވުރެ ނޭނގޭ މީހުން ގިނަވެއްޖެނަމަ. އެއީ ޑެސްޓިނޭޝަން މާކެޓިން އަދި ޕްރަމޯޝަންގެ މައްސަލައެކެވެ. ހަމަ އެސުވާލު ކުރުމުން ރާއްޖެ އެނގޭމީހުން ގިނަވެއްޖެނަމަ، އެގައުމުން ޒިޔާތްކުރާމީހުން މަދުވުމަކީ، އެ މާކެޓާކަށް އަމާޒު ހިފައިގެން އުފައްދާފައިވާ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް 'ވިއްކާ މާކެޓް' (ސޭލްސް އެންޑް މާކެޓިން) ކުރުމުގެ ޒިންމާއާއި ޙަވާލުވެތިބި ބައެއްގެ ނުކުޅެދުންތެރި ކަމެވެ.

ކޮންމެއަކަސް، އަވައްޓެރި ޤައުމުތަކުގެ ފަތުރުވެރިކަމުގެ ޞިނާޢަތް، ކޮވިޑުގެ ޢާލަމީ ވަބާއަށްފަހު، 2018 ވަނަ އަހަރު ހުރި މިންވަރަށް އަދިވެސް ރުޖޫޢަ ވެފައި ނުވާއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް ސޯޅައިން ސައްތައިގެ ކުރިއެރުމެއް އައިސްފައި ވާކަން ފާހަނގަ ކުރެވުނަސް، އެނދު އިތުރުވި ނިސްބަތުން އޮކިއުޕަންސީ ދައްވެފައި ވުމުގައި، މަތީގައިވާ ސަބަބުތަކުގެ އިތުރުން، އެހެން ސަބަބުތަކުގެ ހިއްސާވެސް، ކޮންމެވެސް ދައުރެއް އަދާކުރުމަކީ އެކަށިގެންވާ ކަމެކެވެ.  

އެޑިޓަރުގެ ނޯޓް:

މި މަޒުމޫނަކީ ކުރީން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހާރިސް މުހައްމަދު ލިޔުއްވާފައިވާ މަޒުމޫނެވެ. އޭނާގެ މި މަޒުމޫނު "މި" ނޫހުގައި ޝާއިއު ކޮށްފައި މި ވަނީ އޭނާގެ އެދި ވަޑައިގަތުމަކަށް އެ ކޮންޓެންޓަށް ބޮޑު ބަދަލެއް ގެނައުމަކާ ނުލަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.