ކުރިން ބަރަހަނާ ސައިޓްތަކުގައި ތަންޑު ނޭޅުވީ ކީއްވެ؟

މިހާތަނަށް ބަރަހަނާ ވެބްސައިޓުތަށް ބަންދު ކުރަން ދެއްކީ ހުސް ވާހަކައެވެ. މިކަން ނުވި އެއް ސަބަބަކީ މިކަމުން އޮޕަރޭޓަރުންނަށް ލިބޭ އާމްދަނީ އިތުުރުވުން ކަމަށް ބޮންޑޭ ވަނީ ވިދާޅުވެފަ އެވެ.

ބަރަހަނާ މަންޒަރާއި އަޑު ހިމެނޭ ވެބްސައިޓުތައް ބަންދު ކުރުމުގެ ވާހަކައަކީ ރާއްޖޭގައި އާ ވާހަކައެއް ނޫނެވެ. މި ވާހަކައަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ރާއްޖެއަށް އިންޓަނެޓް ތައާރަފު ކުރީއްސުރެ ފަށައި ދައްކަމުން އަންނަ ބާ ވާހަކަ އެކެވެ. މިކަމުގައި އަމަލީ ސިފައެއް ގެނެސް އެކަން ކުރަން ފަށަން ދައުލަތުގެ އެކި ލެވަލްތަކުގައި މިހާތަނަށް އެކި ވެރިކަން ތަކުގައި މަޝްވަރާ ހިންގާފައި ވެއެވެ. އެކަމަކު އެއްވެސް ފަހަރު މިކަމަށް އަމަލީ ސިފައެއް ގެންނާކަށެއް ނުކުރެނުނެވެ. 

ލަދު ހުތުރު އަދި އިންސާނާ ނަފްސާނީ ބޮޑު ބަލި މަޑުކަމެއްގެ މެދުގައި ބަހައްޓާ މި މަންޒަރުތަކުގައި ތަޅު އެޅުވުމަށް މަސައްކަތް ކުރި ކޮންމެ ފަހަރަކު އެކި ބަހަނާތައް ދައުލަތުގެ އެކި ދިމަދިމާލުން އައިސްފައި ވެއެވެ. ބަރަހަނާ ސައިޓުތަކުގެ ސަބަބުން ޖީލުތަކުގެ އެތައް ދަރިންނެއްގެ މުސްތަގުބަލު ފަސާދަވެ، އާ ޖީލުތައް ބޮޑު ނުރައްކަލެއްގެ ތެރޭގައި އޮތްކަން ދައުލަތުގެ އެކި މުވައްސަސާތަކަށް އެނގޭ ނަމަވެސް މިހާތަނަށް އެ ތަންޑު އަޅުވާކަށް ޝައުގުވެރިކަމެއް ނެތެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާގިނަ ވާހަކައާ މަޝްވަރާއަކާ ނުލައި އެޅިބ ފިޔަވަޅާއެކު، އެ މަންޒަރުތައް ބަންދުކޮށްލަން މިވަނީ ވަރުގަދަ ފިޔަވަޅެއް އަޅާފަ އެވެ. 

ރައީސް މުއިއްޒުގެ ސަރުކާރުގެ މި ނިންމުމާއެކު މިކަން މިހާތަނަށް ނުވެ ދިޔައީ ކީއްވެތޯ އަހާލެވިދާނެ އެވެ. މިކަން ކުރަން އިތުރު ކަމެއް ސަރުކާރަށް ކުރަން ޖެހުނު ހެއްޔެވެ؟ މިޒާތުގެ ހުރިހާ ވެބްސައިޓްތަކުގައި ތަންޑު އެޅުވިދާނެ ހެއްޔެވެ؟  

ޓެލެކޮމް ސިނާއަތުގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ސަރުކާރުން ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކުރަން އެޅި އެ ފިޔަވަޅަކީ ފެށުމެކެވެ. އެކަމަކީ މިއީ ދުނިޔޭގައި އެންމެ ވައިޑްކޮށް ހިނގާ ކްރައިމް ކަމަށްވާތީ މިއީ ހުއްޓުމެއް ނެތި ކޮށްކޮށް ތިބެންޖެހޭ ކަމެކެވެ. 

"އިހަށް ރޭގެ ނިޔަލަށް ބަލާނަމަ ދިވެހި ރާއްޖޭން އާއްމުކޮށް ވަންނަ ބަރަހަނާ ވެބްސައިޓްތަކުގެ 90 ޕަސެންޓް އެ އޮތީ ބްލޮކް ވެފަ. އެކަމަކު މީގަ ވިސްނަން ޖެހޭ އެއީ މިލިއަންސް .. މިލިއަން ވެބްސައިޓް. އެހެންވީމާ އެކަމަކީ ލޯމަރައިލުމެއް ނެތި، ހުއްޓުމެއް ނެތި ކުރަން ޖެހޭކަމެއް،" ރާއްޖޭގެ ބޮޑު އެއް ޓެލެކޮމް ކުންފުނީގައި މަސައްކަތް ކުރައްވާ ސީނިއާ ވެރިއަކު ވިދާޅުވި އެވެ. 

އުމަރަށް ވެސް ހައްލު ނުވިކަމެއް

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެދޭ ގޮތަށް ހަދަން ސަރުކާރުގެ އެކި ލެވަލްތަކުގައި މީގެ ކުރިން މަސައްކަތް ކޮށްފައިވެ އެވެ. މިކަން ކުރަން ގާނޫނާއި ގަވައިދުތައް ވެސް ހުރީ ފައްކާ ކޮށްފަ އެވެ. މިކަމަށް އެންމެ މުހިންމު ނިންމެވުމެއް ނިމައިފާނެ ކަމުގެ ނިޝާނެއް ފެނުނީ 2015 ވަނަ އަހަރުގެ އެވެ. 

އޭރުގެ ޕްރޮސެކިއުޓަރު ޖެނެރަލް މުހްތާޒް މުހުސިން ވަނީ ބަރަހަނާ ވެބްސައިޓްތައް ބްލޮކްކޮށް ދިނުމަށް އެދި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ސިޓީއަކުން ދަންނަވާފަ އެވެ. އެކަމަކު ޖެހިލުން ކުޑަ އޭރުގެ ވަޒީރު އުމަރަށް ވެސް އެފަދަ އެކަމެއް ކުރައްވާން އުޅުއްވާކަށް ލާހިކެއް ނުވި އެވެ. -- މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އުމަރު ވަނީ އެކަން ކުރައްވާނެކަމަށް ވައުދު ވެވަޑައިގެންފަ އެވެ. 

އޭރު ކޭމްއިން ބުނެފައިވާ ގޮތުގައި އެކަން ކުރަން ޓެކްނިކަލް ލެވަލްގައި ބައެއް ކަންކަން ފުރިހަމަ ކުރަން ޖެހެ އެވެ. އޭގެ ފަހުން އެކި ދުވަސްވަރު އެ ވާހަކަ ދެއްކުން ނޫން ކަމެއް އެއްވެސް ސަރުކާރަކުން ނުކުރެ އެވެ. ބޮޑު މި ފިޔަވަޅު އަޅަން އަޅަން ކެރޭނެ ވެރިއަކު ނުފެނުނެވެ. 

ރައީސް މުއިއްޒުގެ މި ނިންމެވުމަށް ގިނަ ބަޔަކު ތައުރީފު ކުރި ނަމަވެސް ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަކުގައި މީހުން ވަގުތު ހޭދަކުރާ މިންވަރަކީ ދުނިޔޭގެ އެހެން ގައުމުތަކަށްވުރެ އާބާދީގެ ގޮތުން އިތުރު އަދަދެކެވެ. ބަރަހަނާ ވެބްސައިޓް ތަކަށް ވަދެ،  އެ މަންޒަރުތައް ބަލާން ދެވި ހިފާފައިވާ އެތައް ހާސް ބަޔަކު ރާއްޖޭގައި އެބަ ތިއްބެވެ. ފާޅުގައި ދެކޮޅުވެ ގަންނާން ނުކެރުނަސް ރައީސްގެ / ސަރުކާރުގެ މި ނިންމުކަކީ އެތައްހާސް ބަޔަކަށް އެހާ މަގުބޫލު ނިންމުމަކަށް ނުވެދާނެ އެވެ. އެ މީހުނަކީ އެފަދަ ސައިޓުތަކުގެ އެންމެ ހައިލެވަލްގެ ޕްރިމިއަމް މެންބަރުންނެވެ. ބައެއް މީހުން އެކަމަށް ކޮންމެ މަހަކު ފައިސާ ހޭދަ ކުރެ އެވެ. 

މިހާތަނަށް ވަރަށް ފަސޭހައިން ވަދެވޭ ގޮތަށް މި ސައިޓުތައް ހުޅުވާލާފައި ހުރުމުގެ ނަތީޖާއަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ބަރަހަނާ ވެބްސައިޓްތަކުގައި ވަގުތު ހޭދަ ކުރަމުން ދިއުމެވެ. އެބައި އިތުރުވަމުން ހަލާކު ވަމުން ދިއުމެވެ. މިކަމުގައި ދެ ޖިންސުގެ މީހުން ވެސް ހިމެނެ އެވެ. 

ދިވެހިންގެ ލިސްޓުގެ ތިނެއްގައި ހިމެނޭ

ދިވެހިން އެންމެ ގިނައިން ޒިޔާރަތް ކުރާ ވެބްސައިޓްތަކުގެ ރޭންކަށް ބަލާއިރު އެންމެ ގިނަ ދިވެހިން ވަންނަ ވެބްސައިޓަކީ ދުނިޔޭގެ އެންމެ ވަރުގަދަ ސާޗް އިންޖީން ގޫގުލް އެވެ. އެއަށްފަހު ދެން އެންމެ ގިނަ ދިވެހިން ވަންނަނީ ޔޫޓިޔުބަށެވެ. އަދި ތިންވަނާގައި ހިމެނެނީ ދުނިޔޭގައި ބަރަހަނާ ފިލްމާއި ކްލިޕް ހަދައިގެން ވިޔަފާރި ކުރާ ސައިޓެކެވެ. މީގެ އިތުރުން ސަރުކާރުގެ މުހިންމު ހިދުމަތްތަށް ހޯދާ ސައިޓްތަކާއި އަލީ އެކްސްޕެރެސް ފަދަ ޝޮޕިން ވެބްސައިޓުތަކުގެ ކުރީގައި ވެސް ދިވެހިން ވަންނަ ބަރަހަނާ ސައިޓްތަކެއް އެބައޮތެވެ. އެއިން އެނގެނީ ދިވެހިންނަށް އެ ބަލި ޖެހިފައި އޮތް މިންވަރެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެމްޑީޕީގެ ގްރޫޕެއްގައި "ކުރެއްވެވި ޒުވާބެއް" ގައި ވިދާޅުވެފައިވާ ގޮތުގައި އަތޮޅުތަކުގެ އާބާދީގެ 80 ޕަސެންޓް މީހުން މުނިފޫހި ފިލުވަން ކުރާ ކަމަކީ ބަރަހަނާ ސައިޓުތަައް ބެލުމެވެ. މިއީ ކުރީ ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރެއް ވާހަކަ ފުޅެކެވެ. އެކަން އެނގި ވަޑައިގެން ހުންނަވާމެ  އެކަން ނިންމާލަން ފިޔަވަަޅެއް އަޅުއްވަވާކަށް ބާރުގަދަ ވަޒީރަށް ކެރި ވަޑައެއް ނުގަތެވެ.

ކަން އޮތީ ވިޔަފާރިއާ ގުޅިފައި ؛ ކޭމްއަކީ ދަތް ނެތް ކުއްތާއެއް

ކޭމްގެ ކުރީހެ ސީއީއޯ އިލްޔާސް އަހުމަދު -- ތިލަދުން

ބަރަހަނާ ސައިޓުތަކުގައި ތަންޑު އެޅުވުމުގައި ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެ ރާއްޖޭން އަމަލު ކުރަން ޖެހޭ ޕްރޮސެސް ދިގެވެ.  ސަބަބަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގައި މިކަން ކުރުމުގެ ކެޕޭސިޓީ ނެތުމެވެ. އެހެންވެ ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަން ބޭނުންނަމަ ޖެހެނީ އުރީދޫ އާއި ދިރާގުގައި އެދޭށެވެ. އެކަން ތަންފީޒު ކުރެވެނީ އެ ދެ އޮޕަރޭޓަރުންނަށެވެ. ނަމަވެސް މިއީ މިކަން އޮވެގެންވާނެ ގޮތެއް ނޫނެވެ. މިއީ މިކަން މިހާތަނަށް ނުވެ އޮތް ސަބަބު ކަމަށް ދެއްކޭން އޮތް އުޒުރެއް ވެސް ނޫނެވެ.

ސަރުކާރުން މީގެ ކުރިން ބްލޮކް ކުރަން ބޭނުންވި ކޮންމެ ސައިޓެއް އޮތީ ބްލޮކް ކޮށްފަ އެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ދިޔަ ބައެއް ސައިޓްތައް ރައްޔިތުން ހަޅޭއްލަވައިގަތުމުން ބްލޮކް ކޮށްފައިވެ އެވެ. އަދި މިފަހުން ކްރިޕްޓޯ ވިޔަފާރިކުރާ ބައެއް ސައިޓުތަކަށް ވެސް ނުވަދެވޭ ގޮތް ހަދާފައި ވެއެވެ. އެހެންވެ ބަރަހަނާ ވެބްސައިޓް ބްލޮކް ކުރަން ސަރުކާރުން ހަގީގަތުގައި ވެސް ބޭނުން ނުވެފައި އޮތީ އެވެ. ސަރުކާރުގައި އެކަމުގެ ތެދުވެރި ނިޔަތް މީގެ ކުރިން ނެތީ އެވެ. ރާއްޖެ ބަރަހަނާ މަންޒަރުތަކުގެ ތެރެއަށް ގަންބާފައި ބާއްވަން ސަރުކާރުތަކުން ބޭވީ އެވެ. 

މިއީ މިކަން މިހާތަނަށް ނުވެ އޮތް އެއް ސަބަބެކެވެ؛ މީގެ އިތުރުން މިކަމަކީ ޓެލެކޮމް ކުންފުނިތަކުގެ އާމްދަނީއާ ބޮޑު ގުޅުމެއް އޮތް ކަމެވެ. އުރީދޫ އާއި ދިރާގު އަދި އާރްއޯއެލްގެ އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޑާޓާއިން ލިބޭ އާމްދަނީ އެވެ. މިފަދަ ބަރަހަނާ ސައިޓުތަކުގައި މީހުން ގިނައިރު ވަގުތު ހޭދަ ކުރާނަމަ އެ ކުންފުނިތަކަށް ލިބޭ އާމްދަނީ އިތުރުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) 2021 ވަނަ އަހަރު ވިދާޅުވެފައިވާ ގޮތުގައި ބަރަހަނާ ސައިޓްތަކުގައި ތަންޑު ނޭޅުވި ދާ ސަބަބަކީ ޓެލެކޮމް ކުންފުނިތަކަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ގެއްލޭތީ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ވެބްސައިޓުތަކުގައި ތަޅު އަޅުވާ ދުވަހަކުން ދިރާގާއި އުރީދޫއަށް 200 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ އެވެ. އަދި އެފަދަ ވެބްސައިޓުތަކަށް ވަންނަ މީހުންގެ 60 ޕަސެންޓަކީ ސަރުކާރުގެ އޮފީސްތަކުން ވަންނަ މީހުން ކަމަށް އޭނާ ވިދާޅުވެ އެވެ. 

ދުނިޔޭގައި ހަރުކަށި، ރާއްޖޭގެ ފަސޭހަ

ރާއްޖެ ފަދަ 100 ޕަސެންޓް މުސްލިމް ގައުމެއްގައި އިއްޔެ ބަރަހަނާ ސައިޓުތަކަށް ނުވެދޭ ގޮތް ހެދި ނަމަވެސް މިކަމަކީ މުސްލިމް ނޫން ގައުމުތައި ވެސް ހަރު ކަށިކަމާއެކު ބަލަހައްޓާ ކަމެކެވެ. މި ބާވަތުގެ ވެބްސައިޓުތަކަށް ވަނުން ދުނިޔޭގެ މިހާތަނަށް 22 ގައުމެއްގައި އެއްކޮށް މަނާ ކޮށްފައި ވެއެވެ. މީގެތެރޭގައި މުސްލިމް އަރަބި ގައުމުތަކުގެ އިތުރުން އަރުމީނިޔާ އާއި ޗައިނާ އަދި ފަދަ މިކްސް ކޮމިއުނިޓީތައް އުޅޭ ގައުމުތަށް ވެސް ހިމެނެ އެވެ. އަދި އިނގިރޭސިވިލާތާއި އެމެރިކާގެ ބައެއް ސިޓީތަކުގައި ވެސް ބަރަހަނާ ވެބްސައިޓް ތަކަށް ވަދެވޭ އުސޫލު ހަރުކަށި ކުރަން ވަނީ ނިންމާފަ އެވެ. 

އިނގިރޭސިވިލާތުގައި މިހާރު ހަދަމުންދާ އުސޫލެއްގައިވާ ގޮތުން ވެބްސައިޓު ތަކަށް ވަންނަ މީހުންގެ އޭޖު ގްރޫޕް ޔަގީން ކުރަން ކޭޝް ކާޑު އަދި ޕާސްޕޯޓް ފަދަ ގާނޫނީ ބުރަދަން ހުރި ލިޔުންތަށް ބޭނުން ވާނެ އެވެ. ދުނިޔޭގައި މިކަން މިހެން އޮތަސް ރާއްޖޭގައި އޮތީ ވަރަށް ފަސޭހަކޮށެވެ. 

މިކަން ދުނިޔޭގައި ހަރުކަށި ކުރަމުން ދާ ސަބަބަކީ މައިގަނޑު ސަބަބަކީ މިކަމުގެ ސަބަބުން ކުޑަކުދިންގެ ޖީލު ތަކެއް ހަލާކު ވެގެން ދާދިއުމެވެ. ރައްޔިތުންގެ ބޮޑު ބައެއް ނަފުސާނީ ބަލީގެ ޝިކާރައަކަށް ވަމުން ދިއުމެވެ. އަހުލާގީ ގޮތުން ދަށު ދަރަޖައަކަށް ވެއްޓިގެން ދިއުމެވެ. 

ދިވެހި ސަރުކާރުން މިކަމުގައި އެޅި މި ހިތްވަރު ގަދަ ފިޔަވަޅަކީ ރާއްޖޭގެ މުސްތަގުބަލުގެ ޖީލުތަށް ބޮޑު ނުރައްކަލަކުން ސަލާމަތް ކޮށްދިން ބޮޑު ފިޔަވަޅެއްގެ ގޮތުގައި ބުނެވިދާނެ އެވެ. ރައީސް މުއިއްޒު ވަނީ އަންނަ ހަފުތާ ހުރިހާ މިފަދަ ބަރަހަނާ ސައިޓުތަކުގައި ބޮޑު ތަޅު އެޅުވޭނެކަމުގެ ޔަގީންކަން ވަނީ ރައްޔިތުންނަށް ދެއްވާފަ އެވެ. 

ކޮމެންޓް

1
450
މާޔާ
10 months ago

ރައީސް މުއިޒް ކުރެއްވި ވަރަށް މުހިއްމު އަދި ތައުރީފް ހައްގު ކަމެއް މިއީ. ބައެއް މީހުން ހިތްހަމަ ނުޖެހޭ ކަމަކަށް ވެސް ވެދާނެ އެކަމް ދަރިންގެ މުސްތަގުބަލަށް ބަލާ އެކަމަށް ވިސްނާ ބަޔަކު ތިބިނަމަ ބުނާނެ މިއީ ހަމަ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރަން ޖެހޭކަމެއްކަން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.