ލ. ގަމުހައި "ވިއަވަތި ރާއްޖެ" ކޮންފަރެންސް ނިންމާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ މާލެ ވަޑައިގެންފި އެވެ. ރާއްޖޭގެ އެންމެ ބޮޑު ރަށް، ގަމުގައި "ވިޔަވަތި ރާއްޖެ" ފެށީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
"ވިއަވަތި ރާއްޖެ" ކޮންފަރެންސަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. ގަމަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފި އެވެ. ރާއްޖޭގެ އެންމެ ބޮޑު ރަށް، ގަމުގައި މި ކޮންފަރެންސް ކުރިއަށް ދިޔައީ މި މަހުގެ 10 އިން 12 އަށެވެ.
ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް ތަންފީޒު ކުރަމުންދަނީ ރައްޔިތުން އެދޭގޮތަށްތޯ ދެނެގަނެ ރައްޔިތުންގެ މަޝްވަރާއާ ހިޔާލު ހޯދާ މުޅި ނިޒާމު ފުރިހަމަ ކުުރުމުގެ ބޭނުމުގައި ބާއްވާ ކޮންފަރެންސްއަށް ފަހު ރައީސް މާލެ ވަޑައިގެންފައިވަނީ މިރެ އެވެ.
މިފަހަރުގެ ކޮންފަރެންސްގައި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. ގދ އާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ރައީސުން ހިމެނޭހެން 107 ބޭފުޅަކު ބައިވެރިވި އެވެ. އަދި މުޅި ކޮންފަރެންސްގައި ވަޒީރުންނާއި މަޖިލީސް މެންބަރުން ހިމެނިވަޑައިގަންނަވާހެން 270 ބޭފުޅުން ބައިވެރިވި އެވެ.
މި ކޮންފަރެންސްގައި ހަތަރު ދާއިރާއަކަށް ހާއްސަކޮށްގެން ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންދިޔަ އެވެ. އެއިން ކޮންމެ ޕެނަލެއްވެސް ޗެއާ ކުރެއްވީ ރައީސް ސޯލިހެވެ.
މިއީ ވިއަވަތީގެ މި އަހަރުގެ ދެވަނަ ކޮންފަރެންސެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ތަސްދީގު ކުރުމަށް ޑިސެމްބަރު 2019 ގައި ރާއްޖޭގެ ކައުންސިލްތައް ހިމެނޭ ގޮތަށް ކްރޮސް ރޯޑްސްގައި ފުރަތަމަ "ވިޔަވަތި ރާއްޖެ" ކޮންފަރެންސެއް ބޭއްވި އެވެ. ދެ ވަނަ ބައްދަލުވުން އޮތީ މިދިޔަ މޭ މަހު އއ. އުކުޅަހުގަ އެވެ. ދެން އެންމެ އަވަހަށް "ވިޔަވަތި ރާއްޖެ" ކޮންފަރެންސް އޮންނާނީ އުތުރުގެ އަތޮޅުތަކަށް ހާއްސަކޮށްގެން އަންނަ އަހަރުގެ ޖަނަވަރީ ގައެވެ.