ފިރުޒުލް ވިދާޅުވީ، ފަރުވާ ބޭނުންވެފައިވާ މީހުންގެ ލިސްޓު އެހާ ދިގުވެފައި ވަނީ އެ ނިޒާމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އެ މީހުންނަށް ލިބިފައި ނުވާތީ ކަމަށެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ތެރެއިން ޑްރަގް ކޯޓުން ފަރުވާ ހޯދަން ހުކުމްކޮށްފައިވާ 700 މީހުންނަށް ހާއްސަކޮށްގެން ފަރުވާގެ ޕްރޮގްރާމެއް ފަށައިފި އެވެ.
މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ރަގަޅު ފަރުވާގެ ނިޒާމެއް ގާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދާ އެއްގޮތަށް، "އޮޕަރޭޝަން ފަނާރު" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.
"ޑްރަގް ކޯޓުން ހުކުމްކޮށްފައިވާ 700 ފަރާތެއް ފަރުވާއަށް އެކްސެސް ނުވެވި، އެ ފަރުވާއަށް ވާސިލް ނުވެވި ތިބިކަން ފާހަގަކުރެވިފަވޭ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން، 'އޮޕަރޭޝަން ފަނާރު' ގެ ނަމުގައި މިހުރިހާ ފަރާތްތަކަށް ފަރުވާއަށް އެކްސެސް ވެވޭނެ މިހާރު ފެށިގެން ކުރިއަށް އެބަ ދޭ،" ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، ފިރުޒުލް މުހައްމަދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ، ފަރުވާ ބޭނުންވެފައިވާ މީހުންގެ ލިސްޓު އެހާ ދިގުވެފައި ވަނީ އެ ނިޒާމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އެ މީހުންނަށް ލިބިފައި ނުވާތީ ކަމަށެވެ. މި ހުރިހާ މީހުންނަކީ މުޖުތަމައުއަށް ފައިދާ ހުރި ބަޔަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އެކަމަށް ކުރަން ޖެހޭ މަސައްކަތެއްގެ ގޮތުން އަޅުގަނޑުމެން ނިޒާމުގަ ހުރި މައްސަލަތައް ދެނެގަންނަން ޖެހޭ. ކޮން މައްސަލަތަކަކާ ހެދި ތޯ މި ފަރާތްތައް ފަރުވާއަށް އެކްސެސް ނުވެވިގެންތޯ އެހާލަތުގަ ތިބެން މަޖުބޫރު ވަނީ، ނުވަތަ އެ ފަރުވާގެ ތެރޭގަ، އޭގެ ޒާތީ ކަންތައްތަކެއްގެ ތެރެއިންތޯ،" ފިރުޒުލް ވިދާޅުވި އެވެ.
ފިރުޒުލް ފާހަގަކުރެއްވި ގޮތުގައި، އެ ނިޒާމު މިހާރު ބައްޓަން ކުރެވިފައިވާ ގޮތުން އެމީހުންނަށް އެކްސެސް ނުނެވެނީ އެވެ. އެއް ކަމަކީ ނަންބަރުތަކާ އެއްވަރުގެ ކެޕޭސިޓީ ނެތުމެވެ.
މީގެ ކުރިން ވެސް މަސްތުވާތަކެތިން ސަލާމަތްވުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާފައިވެ އެވެ. ކުރީ ސަރުކާރުން ވަނީ އެކަމަށް ހާއްސަ ސެންޓަރުތައް ވެސް ގާއިމްކޮށްފަ އެވެ. އެކަމަކު އެކަށީގެންވާ ފަރުވާ ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.