ފުވައްމުލަކަކީ އެ އަރަށްކަށް އޮންނަ ހަމައެކަނި އަތޮޅެވެ. އަދި އެއީ ތިމާވެށީގެ ގޮތުން ނާޒުކު ފަރެއް އޮންނަ ރަށެކެވެ.
ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ހެދި ވަގުތީ ޖެޓީއަށް، ހިލަ ހިފައިގެން ރާއްޖެ އައި "އޮލިމްޕިކް ކަންޑިލޯ" ބާޖުން ހިލަ ބާލަން ކައިރި ކުރުމުގެ ތެރޭގައި ޖުލައި 7، 2023 އެ ރަށުގެ ފަރަށް އުރި އެ ބާޖުގައި ހުރި ބޮޑު ހިލަތައް ފަރު މައްޗަށް ބަންޑުންވި މައްސަލާގައި 100 މިލިޔަން ރުފިޔާއިން ބާޖުގެ ވެރި ފަރާތް ޖޫރިމަނާ ކޮށްފި އެވެ.
އެ ބާޖުގެ ވެރި ފަރާތަކީ ސިންގަޕޫރުގެ އެފްރީސިއަން ޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުނި 100,000,000ރ. އިން ޖޫރިމަނާކޮށް އެންގީ މިއަދު އެވެ. އެ ބާޖްގެ އެޖެންޓަކީ ރާއްޖޭގެ މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުނީގެ އެޖެންޓް ކަމުގައި އައި އުޅަނދު ފަހަރު މީގެ ކުރިން ވެސް ފަރަށް އަރާފައި ވެއެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން (އީޕީއޭ) އިން ބުނީ އެ ހާދިސާއާ ގުޅިގެން ފުވައްމުލަކު ސިޓގެ ފަރަށް ލިބިފައިވާ ގެއްލުންތައް ބަލައި ވަޒަންކުރަން ޖުލައި 22، 2023 ގައި އީޕީއޭން އެ ބާޖު ފަރަށް އުރި، ބާޖަށް ބަރުކޮށްފައިވާ ހިލަތަށް އެޅިފައިވާ ސަރަހައްދު ސާވޭ ކުރި ކަމަށާއި ބެލި އިރު ފުވައްމުލަކު ފަރުގެ 4306 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ފަރުމައްޗަށް ފޭބި ހިލަތަކުން ފަރުގެ އެ ސަރަޙައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.
ފްރީސިއަން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖުރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު ގެ ދަށުންނެވެ. ފުވައްމުލައް ފަރުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 162,745,500ރ އެވެ. ނަމަވެސް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100,000,000ރ. އެވެ.
ޖޫރިމަނާ ކުރި 100 މިލިޔަން ރުފިޔާ ދައްކަން އަންގާފައި ވަނީ 30 ދުވަހުގެ ތެރޭގަ އެވެ.
އީޕީއޭއިން ބުނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ 10 ވަނަ މާއްދާގެ ދަށުން ބާޖުގެ ފަރަށް އުރިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް މި ޖޫރިމަނާއާ ގުޅިގެން އިސްތިއުނާފު މަރުހަލާ ނިމުމުން އެޓާނީ ޖެނެރަލް އޮފީހާ ގުޅިގެން ކުރިޔަށް ގެންދާނެ ކަމަށެވެ.
ފުވައްމުލަކަކީ އެ އަރަށްކަށް އޮންނަ ހަމައެކަނި އަތޮޅެވެ. އަދި އެއީ ތިމާވެށީގެ ގޮތުން ނާޒުކު ފަރެއް އޮންނަ ރަށެކެވެ.