"ކޮމެޓީތައް އުވާލަންވީއެއް ނޫން، ފުލްޓައިމް ބަޔަކަށް ހަދަންވީ"

އަންހެނުންގެ ކޮމެޓީތަކަށް ހުރި ދަތިތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރި ކޮންފަރެންސްގައި ރައީސް ވިދާޅުވި ގޮތުގައި ކޮމެޓީއަށް އުވާލުމުގެ ވިސްނުމުގެ ބަދަލުގައި މިހާރު އޮތްގޮތަށް ކުރިއަށް އަދި ގެންދެވޭތޯ ބެއްލެވުން މުހިންމެވެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ވާހަކަފުޅު ދައްކަވަނީ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތައް އުވާލާފައި ކައުންސިލާ އެކީގައި އެއްކޮށްލަން ޖެހޭ ހިސާބަށް ކަންކަން ދިޔަ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގަމުގައި އިއްޔެ ނިންމާލި "ވިޔަވަތި ރާއްޖެ" ކޮންފަރެންސް ގައި ދެއްކެވި ވާހަކަފުޅުގައެވެ. އަންހެނުންގެ ކޮމެޓީތަކަށް ހުރި ދަތިތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރި އެ ކޮންފަރެންސްގައި ދެކެވުނު ވާހަކަތަކާއި ގުޅިގެން ރައީސް ވިދާޅުވީ ކޮމެޓީތައް އުވާލުމުގެ ވިސްނުމުގެ ބަދަލުގައި މިހާރު އޮތް ގޮތަށް ކުރިއަށް އަދި ގެންދެވޭތޯ ބެއްލެވުން މުހިންމު ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ ޑަބްލިޔޫޑީސީ އުވާލާފައި ކައުންސިލާ އެކީގައި އެއްކޮށްލަންޖެހޭ ހިސާބަށް އަދި ދިޔަ ކަމަކަށެއް. އަޅުގަނޑަށް ފެންނަނީ މިހާރު މި އޮތް ގޮތަށް ކުރިއަށް އަދި ގެންދެވޭތޯ މަސައްކަތް ކުރަން. އެގޮތުން އެންމެ ފުރަތަމަ އަޅުގަނޑު ހިތުން ކުރަންވީ ކަމަކީ ޑަބްލިޔޫޑީސީގައި ތިއްބެވި ބޭފުޅުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމުކޮށް ދެއްވުން. އަޅުގަނޑު ހިތުން ވަރަށް ބޮޑު ހައްލެއް އޭރަށް އަންނާނެ،" ރައީސް ވިދާޅުވި އެވެ.

ވިޔަވަތި ކޮންފަރެންސްގައި ކޮމެޓީގެ ރައީސާއަކު ވާހަކަ ދައްކަވަނީ: ކޮމެޓީތަކަށް ހުރި ގޮންޖެހުން ބޮޑު

ރައީސް ވިދާޅުވީ މިހާރު އޮތް ގޮތަށް ކުރިއަށް ދާއިރު ދިމާވާ އެންމެބޮޑު ދައްޗެއް ކަމަށް ކޮމެޓީތަކުން ފާހަގަ ކުރަނީ ބަޖެޓުގެ ދަތިކަން ކަމަށާ މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތުމަކީ ވެސް ކޮމެޓީތަކުގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި ޕާޓްޓައިމް ވަޒީފާއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހުމުން ކުރިމަތިވާ ބައެއް އުނދަގޫތަކާއި ދަތިތައް ކޮމެޓީތަކުގެ ރައީސުން ފާހަގަ ކުރައްވާ ކަމަށެވެ.

"މިސާލަކަށް ދަންނަވަނީ ނަމަ ރަމަޟާން މަހުގެ އިނާޔަތް ނުލިބުމާއި މެޓާނިޓީ ލީވް އެ ބޭފުޅުންނަށް ހަމަނުޖެހުމުގެ ވާހަކަ އާއި ކައުންސިލްތަކުން ބަޖެޓް ދިނުމުގައި ހުރި ދަތިތަކުގެ ވާހަކަ ދެކެވުނު. ތަފާތު ހިޔާލުތައް އަތުވެއްޖެ،"

ރައީސް ވިދާޅުވީ ކޮމެޓީތަކަށް މާލީ ގޮތުން ހުރި ދަތިތައް ހައްލު ކޮށްދީ މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމު ކޮށްދިނުމާއެކީ ކޮމެޓީތަކަކީ ފުލްޓައިމްކޮށް ތިބި ބަޔަކު އިންތިހާބު ކުރެވޭ ތަނަކަށް ހެދުމާ ދޭތެރޭގައި ވިސްނުން ރަނގަޅު ކަމަށެވެ.

"އެހެން ނޫނީވިއްޔާ އެބޭފުޅުން އެ ވިދާޅުވި ފަދައިން ސިވިލް ސާވިސްގައި މަސައްކަތް ކުރައްވަމުން ވަޑައިގެން އޭގައި ސޮއި ކޮށްލާފައި އެ ނަންގަވާ އިނާޔަތް ލިބުމުން ދެން ތިބި މެންބަރުންނާ ދޭތެރޭ ކުޑަ ތަފާތެއް އަންނަކަން މި ފާހަގަ ވެގެންދަނީ. އެހެންވީމާ އެއީ ގާނޫނަށް ގެންނަން ޖެހޭ ބަދަލެއްތޯ ބެއްލެވުމަށް ފަހުގައި އެކަން ހައްލު ކުރުމަށް އަޅުގަނޑަށް ފެންނަ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.