ޗީފް ގަވަމަންޓް ސްޕޯކްސް ޕާސަންގެ މަގާމަށް ޝަހީބު

ޝަހީބު ސަރުކާރުގެ ހިދުމަތް ފުރަތަމަ ފައްޓަވާފައި ވަނީ 1987 ވަނަ އަހަރު ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެޓާޗޭގެ މަގާމާ ހަމައިންނެވެ.

މުހައްމަދު ޝަހީބު: އަލުން ސަރުކާރު ހިދުމަތަށް ވަޑައިގެންނެވި

ޗީފް ގަވަމަންޓް ސްޕޯކްސް ޕާސަންގެ މަގާމަށް މަޝްހޫރު ނޫސްވެރިޔާ އަދި ބްރޯޑްކޮމްގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު އައްޔަން ކުރައްވައިފި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ޝަހީބު އެ މަގާމަށް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގަ އެވެ. ކުރީން ބްރޯޑްކޮމްގެ މެންބަރު ކަމަށް އެންމެ ފުރަތަމަ ޝަހީބު އައްޔަން ކުރެއްވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އަދި ފަހުން އެ ކޮމިޝަނަށް އޭނާ އައްޔަން ކުރެއްވީ ރައީސް އަބްދުﷲ ޔާމީންނެވެ. ޝަހީބަކީ ކުރީގެ ރައީސް މައުމޫނުގެ އާއިލީ ކޮއްކޯފުޅެކެވެ. 

ޝަހީބަކީ 30 އަހަރަށް ވުރެ ގިނަ ދުވަހު އެންމެ މަތީ ފެންވަރުގައި ނޫސްވެރިކަން ކުރައްވާ އެ ދާއިރާއިން އާންމު ހިދުމަތުގެ ގައުމީ އިނާމް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެންމެ ގިނަ ނޫސްވެރިން ތަމްރީނު ކުރެއްވެވި ރާއްޖޭގެ ނޫސްވެރި ކަމުގައި ވަރަށް ބޮޑު ބްރޭންޑެއް، މުޅި މީީޑއާއާ އާއި ނޫސްވެރިންނާ ވަރަށް ގާތް ކަމެއް އޮން ބޭފުޅެކެވެ. -- ބައިނަލްއަގުވާމީ ބޮޑެތި މީޑީއާ އެޖެންސީތަކާއެކު ވެސް ވަރަށް ގާތް ގުޅުމެއް ޝަހީބު އަބަދުވެސް އޮވެ އެވެ.

ރާއްޖޭގައި ފުލްޓައިމް ނޫސްވެރިންގެ ގޮތުގައި ފުރަތަމަ މަސައްކަތް ފެއްޓެވި މަޝްހޫރު ދެ ނޫސްވެރިންގެ ތެރެއިން އެކަކީ ޝަހީބެވެ. އެނެއް ބޭފުޅަކީ "ދައުރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފެވެ. 

ނޫސްވެރިކަމުގެ ދާއިރާއިން 2004 ވަނަ އަހަރު ހަވީރުގެ ރަން ގަލަމާއި 2019 ވަނަ އަހަރު ނޫސްވެރިކަމުގެ އަލިމަސް ގަލަމާއި ލިޔުންތެރިކަމުގެ ދާއިރާއިން ގައުމީ އިނާމު ވެސް ޝަހީބަށް ލިބިފައި ވެއެވެ.

ޝަހީބު ސަރުކާރުގެ ހިދުމަތް ފުރަތަމަ ފައްޓަވާފައި ވަނީ 1987 ވަނަ އަހަރު ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެޓާޗޭގެ މަގާމާ ހަމައިންނެވެ. އެ މަގާމުގައި ތިން އަހަރު ހޭދަ ކުރެއްވުމަށް ފަހު ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވެވި އެވެ. 

އޭގެ ފަހުން ދިވެހިބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގައި ހިދުމަތް ކުރެއްވުމަށް ފަހު ޝަހީބު ނޫސްވެރިއެއްގެ ގޮތުގައި "ހަވީރު" ނޫހާ ގުޅި ވަޑައިގެން ރާއްޖޭގެ ނޫސްވެރި ކަމަށް ބޮޑު ބަދަލެއް ގެނެސް ދެއްވައި އެ ނޫހުގެ އިސް މަގާމުތައް ފުރުއްވެވި އެވެ. "ހަވީރު" ނޫސް އޮންލައިންކޮށް ނެރެން ފެށި އިރު "ހަވީރު އޮންލައިން" ގެ އެޑިޓަރަކީ ވެސް ޝަހީބެވެ. އަދި ހަވީރު ސިސްޓާ މެގަޒިނެއް ކަމަށް "ހުވާސް" މަޖައްލާގެ އެޑިޓަރަކީ ވެސް ޝަހީބެވެ. 

ފަހުން އޭނާ ވަނީ "އަދިވެސް" ނަމުގައި ވެސް އޮންލައިން ނޫހަކާއި މަޖައްލާއެއް 2020 ވަނަ އަހަރު އުފައްދާ ހިންގާން ފަށާފަ އެވެ. 

ގަވަރުމަންޓް ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް ޝަހީބު އައްޔަން ކުރެއްވި އިރު ރައީސް އޮފީހުގެ ކޮމިއުކޭޝަން މިނިސްޓަރު ކަމުގައި ހުންނަވަނީ ޝަހީބުގެ އެކުވެރި އަދި އެކުގައި ހަވީރު ނޫހުގައި މަސައްކަތް ކުރެއްވެވި ހޯރަފުށީ އިބްރާހިމް ހަލީލެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.