"މަސައްކަތާއި އެމްއެފްޑީ ދެކެ ވަރަށް ލޯބިވޭ"

އެކަމަނާ ދެކެ ވަޑައިގަންނަވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރެއިން އެކަމަނާ ފެނި ވަޑައިގަތީ އެހައި ހިސާބުން އެކަމަނާގެ ވެސް މަސްއޫލިއްޔަތުތަކެއް ހުރި ކަމަށް ގަބޫލު ކުރެއްވިގެނެވެ.

ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު

ފިރިކަލުން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބި ވަޑައިގެންނެވި ހިސާބުން ފެށިގެން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީގައި މަގާމުގެ ހައިސިއްޔަތުން އެއްވެސް ނިންމުމެއްގައި ބައިވެރިވެ ވަޑައިގެންފައި ނުވާނެ ކަމަށް ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު ވިދާޅު ވެއްޖެ އެވެ. 

މެޑަމް ސާޖިދާ ވިދާޅުވީ އެކަމަނާއަކީ ފަސްޓް ލޭޑީއަށް ވުމުން، ކުރިންސުރެ އެކަމަނާ ކުރައްވަމުން ވަޑައިގެންނެވި މަސައްކަތުގައި ބައެއް ބޭފުޅުންގެ ކަންބޮޑުވުން މިހާރު އެބައޮތެވެ. އަދި އެކަން ފުރަތަމަ ގަބޫލުފުޅު ކުރައްވަނީ އެކަމަނާ އެވެ. އެހެންވެ މަސައްކަތުގެ ދާއިރާއިން އެއްވެސް ޑިޒިޝަން މޭކިން ލެވެލްއެއްގައި އުޅުއްވަން ބޭނުންފުޅެއް ނުވެ އެވެ. ހަމައެކަނި ބޭނުންފުޅުވެ ވަޑައިގަންނަވަނީ ކުރައްވަމުން ވަޑައިގެންނެވި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށް ދެއްވާށެވެ. 

"އަޅުގަނޑު މި މަސައްކަތް ދެކެ ވަރަށް، ވަރަށް ލޯބިވޭ.. އަނެއްހެން ދަންނަވާނަމަ މި މަސައްކަތް ނުކޮށް އުޅެން ވެސް އުނދަގޫ.. ތަން ދެކެ ވެސް ވަރަށް ލޯބިވޭ. ވަރަށް ޔަންގް އިރުއްސުރެ ފެށުނު މަސައްކަތެއް ވީމަ އެޓޭޗަމްންޓެއް އެބަހުރި.. މޯދެން މަނީ އޯ، އެހެންކަމެއް." 

"ސަންގު" ޓީވީއަށް އެކަމަނާ ރޭ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ފިރިކަލުން ރައީސްގެ މަގާމަށް ވަޑައިގެންނެވުމާއެކު އެކަމަނާގެ ރަސްމީ ވަޒީފާގެ ތެރެއިން ކަމެއްގައި ގޮތް ނިންމުމާއި ބެހޭ އެއްވެސް ކަމެއްގައި ނޫޅުއްވަވާ ކަމަށެވެ. އެގޮތަށް ނޫޅުއްވަވަނީ އެއީ ރަނގަޅު ގޮތް ކަމަށް އަމިއްލަފުޅަށް ގަބޫލު ކުރައްވައިގެން ކަމަށެވެ. 

އެކަމަނާ ހަމައެކަނި އެދި ވަޑައިގެން ހުންނަވަނީ ކާބޯތަކެތީގެ އެކި ސްޓެންޑަޑް ކަނޑައެޅުމުގައި ޓެކްނިކަލް އެހީ ދެއްވާށެވެ. އެއީ ވަރަށް ބޮޑު ލޯތްބެކެވެ.

މެޑަމް ސާޖިދާއަކީ އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. އެކަމަނާ ވިދާޅުވީ ގޮތުގައި މިހާ ގިނަ ދުވަހު ސިވިލް ސާވިސްގައި ހިދުމަތް ކުރެއްވިއިރު ވެސް ވަރަށް މަދު މީހަކަށް ނޫނީ އެކަމަނާއަކީ ރައީސް މުއިއްޒުގެ އަނބިކަބަލުންކަން އެނގިފައެއް ނެތެވެ. މިދިއަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ހަރަކާތަކާ ހަމައިން މީހުނަށް އެނގި އެކަން ސަމާލު ކަމަށް އައީ އެވެ. އަދި އެހައި ތަނަށް ވެސް ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެ ވަޑައިގެންފައި ވެސް ނޯންނާނެ އެވެ. 

"މާގިނަ ބަޔަކަށް [އަޅުގަނޑެއް] ނޭނގޭނެ... އާންމުންނާއި މީޑިއާތަކަށް ވެސް އެނގެން ފެށީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ދުވަސްވަރު،" 

އެކަމަނާ ދެކެ ވަޑައިގަންނަވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭން އެކަމަނާ ފެނި ވަޑައިގަތީ އެހައި ހިސާބުން އެކަމަނާގެ ވެސް މަސްއޫލިއްޔަތުތަކެއް ހުރި ކަމަށް ގަބޫލު ކުރެއްވިގެނެވެ. 

މެޑަމް ސާޖިދާ ގައުމީ ހިދުމަތާ ގުޅި ވަޑައިގަތީ އޭލެވެލް ނިންމައި ގިނަ ދުވަސްތަކެއް ނުވެއެވެ. އެއީ ހެލްތު މިނިސްޓްރީގެ ލެބް އެސިސްޓެންޓެއްގެ ގޮތުގަ އެވެ. އެމްއެފްޑީއޭގެ އެ ހިދުމަތް އުފެދިގެން އައީ ރާއްޖޭން މަސް އެކްސްޕޯޓު ކުރާއިރު މަހުގެ ކޮލިޓީއަށް ބަލައި ހެލްތް ސެޓްފިކެޓު ދޭން ވެގެނެވެ. މަސައްކަތުގައި އުޅުއްވަމުން ސްކޮލާޝިޕެއްގައި ބޭރުން ފަސްޓް ޑިގްރީއަށް ކިޔަވާ ވިދާޅުވީ އެވެ. ފަހުން މާސްޓަސް ވެސް ފުރިހަމަ ކުރައްވާފައި ވެއެވެ. އެއީ މައިކްރޮ ބައޮލޮޖީ ލެބް ބަލެހެއްޓުމާއި، ކާބޯތަކެއްޗާގުޅޭ ދާއިރާއިންނެވެ. 

ކޮމެންޓް

1
450
މަލީހާ
9 months ago

އަހަރުމެން ވެސް މެޑަމް ދެކެވެސް ވަރަށް ލޯބިވޭ. އެންމެ އުފާވަނީ ވަޒީފަ ގައި ދެމިހުންނެވީތީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.