މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ތުރުކީ އަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި ތުރުކީގެ އަންކާރާ ގައި ދިވެހި އެމްބަސީ އެއް ގާއިމު ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމަވާފައެވެ. އެ ނިންމެވުމުގެ މައިގަނޑު ތިން ބޭނުމެއް އޮތް ކަމަށް ވެސް ބުންޏެވެ.
އެއް ބޭނުމަކީ ރާއްޖެ-ތުރުކީ އޮތް ސިޔާސީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ހަރުދަނާ ގޮތެއް ގައި އެ ގުޅުން އިތުރަށް ކުރިއަށް ގެންދިއުމެވެ. އަނެއް ބޭނުމަކީ ތުރުކީގެ އިންވެސްޓްމަންޓްތައް ފުޅާކޮށް އިތުރު އިންވެސްޓްމަންޓްތަކަށް މަގު ފަހި ކުރުމެވެ.
މީގެ އިތުރުން ތުރުކީގައި ދިރިއުޅޭ ރައްޔިތުންނާއި އެ ގައުމަށް އެކި ބޭނުންތަކުގައި ދަތުރު ކުރާ ދިވެހީންނަށް އެމްބަސީގެ ހިދުމަތް ދިނުމެވެ.
މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ތުރުކީ އަށެވެ. އެ ދަތުރުފުޅު ގައި އެ ގައުމުގައި ދިރިއުޅޭ ދިވެހީންނާއި ބައްދަލު ކުރައްވާ ރައީސް މުއިއްޒު ވަނީ ތުރުކީ ގައި ދިވެހި އެމްބަސީ އެއް ގާއިމު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ތުރުކީ ދަތުރުފުޅު، ރައީސް މުއިއްޒު ފާހަގަ ކުރެއްވީ ވަރަށް ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައެވެ.