މި ބަދަލާއެކު ޑޮމެސްޓިކުން ފުރާ މީހުންނަށް މިހާރު ޓެކްސީގައި ޓާމިނަލް ކައިރިއަށް ދެވޭނެ އެވެ. އަދި އެތަނުގެ ޓެކްސީ ކިޔު އެމްއޭސީއެލްގެ މުވައްޒަފުން ބަލަހައްޓާނެ އެވެ.
ވެލާނާ އިންޓަނޭޝަލުން ޑޮމެސްޓިކް ޓާމިނަލުން ފުރަން ދާ މީހުންގެ ޓެކްސީ ކުރިން މަޑުކުރާނީ އިންޓަނޭޝަނަލް ޓާމިނަލް ކުރި މައްޗަށެވެ. ދެން ދެ ހިސާބުން ވާރޭ ވަހުނަސް އަވިދިނަސް ޓްރޮލީގަނޑު ދަމާގަ ދަމާ އަޅާފަ ދުރަށް ހިނގާން ޖެހެ އެވެ. އެކަމަކު ވީއައިއޭ ހިންގާ ކުންފުނީގެ އާ މެނޭޖުމަންޓުން ގެނައި ކުޑަ ބަދަލަކާއެކު މި ބޮޑު ތަކުލީފް މިވަނީ ފަސޭހަކޮށް ދީފަ އެވެ. މިހާރު އެއާޕޯޓުން ފުރަންދާ މީހުން ގޮވައިގެން ދަތުރު ކުރާ ޓެކްސީ / ކާރުތަށް ގޮސް ޑޮމެސްޓިކް ޓާމިނަލުގެ ދޮރު މައްޗަށް މީހުން ބޭލޭނެ އެވެ.
"ކޮންމެ ކަމެއް ބޮޑު މަޝްރޫއަކަށް ނުވެދާނެ. އެކަމަކު މިއީ ހަމަ ޔަގީނުން ވެސް ބޮޑު ފަސޭހައެއް،" އިވެންޓު ކަވަރު ކުރަން ގޮސްހުރި ރާއްޖޭގެ ބޮޑު ނޫހެއްގެ ސީނިޔަ ނޫސްވެރިއަކު އޭނާގެ ހިޔާލު ބުނެދިނެވެ.
ވީއައިއޭއަށް ގެނައި މި ކުޑަނަމަވެސް ބޮޑު ފަސޭހަ ބަދަލުގެ މައުލޫމާތު ދެއްވަމުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވި ގޮތުގައި އެ ކުންފުންޏާ ހަވާލުވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ޓާސްކަކީ ރައްޔިތުންނަށް / ފަސިންޖަރުންނަށް ދަތިކޮށްހުރި ހުރިހާކަމެއް މިވަގުތުން ވަގުތަށް ހައްލު ކުރުމެވެ. މިއީ އޭގެ އެއް ބަދަލު ކަމަށް ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި ކަސްޓަމަސްގެ ސީޖީކަން ކުރެއްވި ޝަރީފު ވިދާޅުވި އެވެ.
"މިއީ ވީއައިއޭއިން ހިދުމަތް ހޯދާ ވަރަށް މުހިންމު ބައެއް ކަމަށްވާ ޑޮމެސްޓިކް ޑިޕާޗާ ފަސިންޖަރުންނަށް ލުއި ފަސޭހަ ހޯދައިދޭން ގެންނަ ބަދަލެއް ފެށުން. މި މަސައްކަތް ކުރަނީ އެމްއޭސީއެލްގައި ހުރި ދަތިިތަކާއެކު ހުރިހާ ޑިޕާޓްމަންޓުތަކާއި އޭވިއޭޝަން ޕޮލިސްގެ އެއްބާރުލުމާއެކު،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިން މުސްތަގުބަލުގައި މުސްތަލުގައި ވީއައިއޭއަށް ފުރަން އަންނަ މީހުންގެ އިތުރުން ވީއައިއޭއަށް އަންނަ ފަސިންޖަރުންނަށްވެސް މި ސަރަހައްދުން ކާރު ނެގޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
"އެހެންނަމަވެސް އެއީ މިހާރު މިހަދަމުންދާ މަގު ނިމުނީމަ ކުރެވޭނެ ކަމެއް. ޔަގީންކަން ދޭނީ ފަސިންޖަރުންނަށް ހިދުމަތް ހޯދާ މީހުންނަށް ފަސޭހަކޮށް ދިނުމުގައި ދެމި ތިބޭނަން،" ޝަރީފު ވިދާޅުވި އެވެ.
ކުޑަ ބަދަލުން އަންނާނެ ބަދަލު - ޓެކްސީގެ ހިދުމަތަށް ވީއައިއޭއިން ގެނައި މި ބަދަލު ގެނައި ނަމަވެސް އިންޓަނޭޝަނަލް ޓާމިނަލް ކައިރިއަށް ޓެކްސީ މަޑު ކުރެވޭނެ އެވެ. މި ހިދުމަތް އެމްއޭސީއެލް އިން ދެމުން ގެންދާނީ ތިން ސަރަހަދެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބެގެން އެ މީހުންގެ ބެލުމުގެ ދަށުންނެވެ.