ދުނިޔޭގެ ފުރަތަމަ އޯވަވޯޓާ ޒޫމާ ރެސްޓޯރެންޓް އިތާފުށީގައި

ޒޫމާގެ މި ރެސްޓޯރެންޓް ހާއްސަ ވަނީ މި ބްރޭންޑުން އޯވަވޯޓާ ނުވަތަ މޫދުގައި ހުޅުވި އެންމެ ފުރަތަމަ ތަން ކަމަށްވާތީ އެވެ. މި ރެސްޓޯރެންޓް ހަދާފައި ވަނީ ރާއްޖޭގެ ކަނޑުގެ ރީތި މަންޒަރުތައް ފަސޭހައިން ފެންނަ ގޮތަށެވެ.

ވޮލްޑޯފް އެސްޓޯރިއާގައި ހުޅުވި ޒޫމާ ރެސްޓޯރެންޓް - އިތާފުށި

މާލެ އަތޮޅުގައި ހިންގާ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގައި ދުނިޔޭގެ ފުރަތަމަ އޯވަވޯޓާ ޒޫމާ ރެސްޓޯރެންޓް ހުޅުވައިފި އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ރެސްޓޯރެންޓް ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ އެއް ބްރޭންޑް ކަމަށްވާ ޖަޕާނުގެ ޒޫމާގެ ރެސްޓޯރެންޓުތައް ދުނިޔޭގެ 13 ގައުމެއްގައި ހުރެ އެވެ. މި ރެސްޓޯރެންޓަކީ ހައި އެންޑް މާކެޓަށް ހާއްސަކޮށް ދުނިޔޭގައި ހިންގާ އެންމެ މަޝްހޫރު އެއް ޖަޕަނީސް ރެސްޓޯރެންޓެވެ.

މި ރެސްޓޯރެންޓް ހުޅުވި ހަތް ތަރީގެ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓަކީ މެދުއިރުމަތީގެ މަހުޖަނާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން ރާއްޖެ ގެނައި ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. މި ރިސޯޓުގައި 600 އެއްހާ މުވައްޒަފުން އުޅޭއިރު އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ބޮޑު ޕަސެންޓަކީ ދިވެހިންނެވެ. އަދި މިއީ ރާއްޖޭގައި މިހާރު އެންމެ މަތިން ސާވިސް ޗާޖުދޭ އެއް ރިސޯޓެވެ.

ޒޫމާ ރެސްޓޯރެންޓުގެ ބޭރު

މި ރެސްޓޯރެންޓެއް ހުޅުވުމާ ބެހޭ ގޮތުން ޒޫމާގެ ޑިރެކްޓަރު އަދި ކޯ ފައުންޑާ ރެއިނާ ބެކާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެންމެ ރީތި، ގިނަ ބަޔަކު ދާން ބޭނުންވާ އެއް ގައުމު ކަމަށްވާ ދިވެހި ރާއްޖޭގެ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ހުޅުވި އެ ރެސްޓޯރެންޓުން މެހުމާނުންނަށް ބޭނުންވާ އެންމެ ފުރިހަމަ ހިދުމަތް ދޭނެ ކަމަށެވެ.

"އަޖައިބެއް ފަދަ ރީތި މި މަންޒިލުގައި ބައިނަލްއަގްވާމީ ކެއުންތަކާއެކު ޒޫމާގެ ރެސްޓޯރެންޓެއް ހުޅުވުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް،" ރެއިނާ ބެކާ ވިދާޅުވި އެވެ.

ޒޫމާގެ މި ރެސްޓޯރެންޓް ހާއްސަވަނީ މި ބްރޭންޑުން އޯވަ ވޯޓާ ނުވަތަ މޫދުގައި ހުޅުވި އެންމެ ފުރަތަމަ ތަން ކަމަށްވާތީ އެވެ. މި ހާއްސަ ރެސްޓޯރެންޓް ހަދާފައި ވަނީ ރާއްޖޭގެ ކަނޑުގެ ރީތި މަންޒަރުތައް އެތާނގައި ތިބޭއިރު ރީއްޗަށް ފެންނާނެ ގޮތަށެވެ. ރެސްޓޯރެންޓުން ޒޫމާގެ ބައިނަލްއަގްވާމީ އައުޓްޕޯސްޓްތަކުގައި މަޝްހޫރުވެފައިވާ ހާއްސަ ކެއުންތައް ލިބޭނެ އެވެ. އެގޮތުން ތުނިކޮށް ކޮށާފައި ހުންނަ ސީބަސް ވިތު ޔޫޒޫ އާއި ޓްރަފަލް އޮއިލް އެންޑް ސަލްމޮން ރޯ އާއި ރޯސްޓްޑް ލޮބްސްޓާ އަދި ޝިސޯ ޕޮންޒޫ ބަޓާގެ އިތުރުން ސްޕައިސީ ބީފް ޓެންޑަލޮއިން ވިތު ސެސަމްއަދި ރެޑް ޗިލީ އަދި ސްވީޓް ސޯޔާ ފަދަ ކެއުންތައް ލިބޭނެ އެވެ.

މި ރެސްޓޯރެންޓާ ބެހޭ ގޮތުން، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިއްތަފުށީގެ ޖެނެރަލް މެނޭޖަރު އެޓިއެން ޑަލަންކޮން ވިދާޅުވީ ދުނިޔޭގެ ކަލިނަރީ އެކްސެލެންސްގެ ލެގަސީ ހިމެނޭ ޒުމާގެ ރެސްޓޯރެންޓެއް ހުޅުވުމަކީ ރިސޯޓަށް ލިބިގެންދާ ފުރިހަމަ ކަމެކެވެ.

ވޮލްޑޯފް އެސްޓޯރިއާގައި ޒޫމާގެ އިތުރުން އެކި ގައުމުތަކަށް ނިސްބަތްވާ ރެސްޓޯރެންޓްތައް ހުރެ އެވެ. އެ ރިސޯޓުގައި ޖުމްލަ ނުވަ ރެސްޓޯރެންޓް ހުންނައިރު އެންމެ މަޝްހޫރު ދެ ރެސްޓޯރެންޓަކީ މި ރިސޯޓުގެ ގަސްކަރައިގެ މަތި ފެންނަ ގޮތަށް އޮނުން ހަދާފައިވާ ޓެރަ އާއި ޗައިނީސް ރެސްޓޯރެންޓް ލި ލިއޮން އަދި އަރަބި ރެސްޓޯރެންޓް ޔާސްމީން އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.