އަލީ ވަހީދު އަލުން އެމްޑީޕީއާ ގުޅި ވަޑައިގެންނެވި އިރު، ރާއްޖެ ވަޑައިގެން މިދިއަ ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމާއެކު ޖޭޕީގައި މަސައްކަތް ކުރެއްވެވި އެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަނެއްކާވެސް އެމްޑީޕީއާ ގުޅި ވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވެވި އަލީ ވަހީދު މިއަދު ވިދާޅުވީ އޭނާ ހަތް އަހަރާއި ހަތް ދުވަހަށް ފަހު އަލުން އެމްޑީޕީއާ ގުޅި ވަޑައިގެންފައިވާ ކަމަށާއި "އެމްޑީޕީ އަށާއި މުޅި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލި ކަމާއެކު ހިދުމަތް ކުރާނަން," ކަމަށެވެ.
އޭނާ މިހެން ލިޔުއްވާފައި ވަނީ އެކްސްގަ އެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރައީސް ސޯލިހު، އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވަން އެންގެވުމުން އިސްތިއުފާ ނުދެއްވުމުން އެ މަގާމުން ވަކި ކުރެއްވީ އެވެ.
ނަމަވެސް އެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިނގަމުން ދަނިކޮށް ބޭސް ފަރުވާއަށް ކަމަށް ބުނެ ސަރުކާރުން ކުއްލި ގޮަތަކަށް ރާއްޖޭން ބޭރަށް އޭނާ ފުރުވާލީ އެވެ. ގައުމުން ބޭރުގައި ހުންނަވާ ސަރުކާރަށާއި ރައީސް ސޯލިހަށް ބޮޑެތި ތުހުމަތުތައްވެސް އޭނާ ކުރެއްވި އެވެ.
އޭނާ އެނބުރި ރާއްޖެ ވަޑައިގަތީ ސަރުކާރުން ދައުވާތައް އަނބުރާ ގެންދިއުމުންވެ. އަދި ރާއްޖެ ވަޑައިގެން ސަރުކާރަށާއި ރައީސް ސޯލިހަށް ތައުރީފު ކުރެއްވެވި އެވެ.
ރާއްޖެ ވަޑައިގަތުމާ ހަމައަށް ހުންނެވީ އިނގިރޭސީ ވިލާތުގަ އެވެ. އެ ގައުމުގައި ހުންނަވަނިކޮށް ވިސާގެ މައްސަލައެއް އުޅޭ ކަމަށް ބުނެ އިނގިރޭސި ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. ނަމަވެސް ވަނީ އޭނާ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އިނގިރޭސި ސަރުކާރުން އޭނާގެ ކިބައިން މާފަށް ވެސް އެދިފައިވެ އެވެ.
އަލީ ވަހީދު އަލުން އެމްޑީޕީއާ ގުޅި ވަޑައިގެންނެވި އިރު، ރާއްޖެ ވަޑައިގެން މިދިއަ ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމާއެކު ޖޭޕީގައި މަސައްކަތް ކުރެއްވެވި އެވެ. އޭގެ ކުރިން އޭނާ އެމްޑީޕީން ކެނޑިގެން ޖުމްހުރީ ޕާޓީއާ ގުޅި ވަޑައިގެން އެ ޕާޓީގެ ރައީސްކަން ވެސް ކުރެއްވެވި އެވެ. އޭނާގެ ސިޔާސީ މަސައްކަތް ފެށީ އުވާލި ޑީއާރްޕީންނެވެ.